ފަރުޟް ކުރެއްވެވި 5 ނަމާދުކުރަން ބުރަވެގެން އުޅޭ މީހުން މަދެއް ނޫނެވެ. އެހެންކަމަށްވާއިރު ސުންނަތް ނަމާދުތައް ކުރުމަށާއި އަދި ވަކިން ޚާއްޞަކޮށް ރޭއަޅުކަންކުރަން ބުރަވާނެ މީހުންގެ ޢަދަދަށް ވިސްނައިލާށެވެ! ނަމާދުކުރާ މީހުންގެ ތެރެއިންވެސް ފަތިސްނަމާދުކުރަން ބުރަވާ މީހުންގެ ޢަދަދަށް ބަލައިލުމުން ބިރުގަންނަވަރުވެއެވެ.
އެކަމަކު އެންމެންވެސް ބުނަނީ ސުވަރުގެ ބޭނުން ކަމަށެވެ. މިވާހަކަ ދެކޮޅު ޖެއްސޭނީ ކިހިނަކުން ހެއްޔެވެ؟ ދެކޮޅު ޖެއްސޭނެ ގޮތެއް އަހުރެންނަކަށް ނުވސްނެއެވެ.
މީސްތަކުންނޭވެ! ރޭއަޅުކަން ކުރުމަކީ ބުރައެއް ކަމަށް ނުދެކޭށެވެ! ޚާއްޞަކޮށް ފަތިސްނަމާދުކުރުމަކީ ބުރައެއް ކަމަށް ނުދެކޭށެވެ! އަހުރެން ބުނާނީ ފަތިސްނަމާދުން ދުވަސް ނުފަށާ މީހާ އެހުރީ ފޭލްވެފައި ކަމަށެވެ. އަދި ބުރައަކަށް ހަދައި ރޭއަޅުކަން ނުކުރާ މީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެއްވެސް ކަމަކަށް އެދެން ބޭނުންވާ މީހަކު ނޫންކަމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
"އިމްތިޙާނަށް ތައްޔާރުވުމަށް މަސައްކަތްތް ކުރުމުގައި ކިތަންމެ ވަރަކަށް ވަރުބަލިވި ނަމަވެސް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވިއްޖެނަމަ ކުރި ހުރިހާ ބުރަ މަސައްކަތްތަކެއްގެމަތިން ހަނދާން ނެތެއެވެ.
ހަމައެފަދައިން ސުވަރުގެ ވެއްދެވުމުން ލިބޭ އުފުލުގައި ސުވަރުގެ ޙާޞިލުކުރަން އެމީހަކު ދުނިޔޭގައި ހުރެގެން ކުރި ބުރަ މަސައްކަތްތަކާއި އުފުލި ތަކްލީފްތަކުގެ މަތިން ހަނދުމަ ނެތިގެންދާނެއެވެ." –ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައި އެވަނީ ހަމަ އެންމެންވެސް ކުރަމުން ގެންދާ އިޙްޞާޞްތަކެއްގެ ވާހަކައެވެ. ކުރަމުން ގެންދާ ތަޖުރިބާ ތަކެއްގެ ވާހަކައެވެ. ވަޒީފާ ލިބުމުން ވަޒިފާ ހޯދަން ކުރި ބުރަ މަސައްކަތް ހަނދާނަކު ނުހުންނާނެއެވެ. ލޯބިވެރިޔާ އާއި ކައިވެނި ކުރެވުމުން ލޯބިވެރިޔާ ޙާޞިލުކުރަން ކުރި މަސައްކަތްތަކެއް ވެސް ހަނދާނަކު ނުހުންނާނެއެވެ.
އެތާނގެ ދަށުން ފެން ކޯރުތައް ހިނގާ "ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި މަޚުމަލު ގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ ޙާލުގައި" އަދި "ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވާއިރު" އިތުރަށް ހަނދާންވާނީ ކޮން ކަމެއް ހެއްޔެވެ؟