ޢިލްމުގެ މާތްކަން
މީހަކަށް ހޯދައިގަނެވޭނެ އެންމެ މަތިވެރި އެއްޗަކީ ޢިލްމެވެ. އަދި އެއީ ނިސްބަތްވެވޭނެ އެންމެ މަތިވެރިކަމެވެ. އަދި އެއީ ލިބޭނެ އެންމެ އަގުހުރި ޖަވާހިރެވެ. އަދި އެއީ ކެނޑޭނެ އެންމެ ރަނގަޅު މޭވާއެވެ.
ހެޔޮމަގަށް މަގުދައްކައިދޭ ނުވަތަ ނުބައިކަމަކުން ދުރުކޮށްދޭ ޢިލްމަކަށް ވުރެ ހެޔޮ އެއްޗެއް މީހަކަށް ނުހޯދޭނެއެވެ.
ސުފްޔާނު ބުން ޢުޔައިނާ رحمه الله ވިދާޅުވިއެވެ.
"(ދީނީ) ޢިލްމު ހޯދަން މަސައްކަތްކުރާ މީހަކު، ހަމަކަށަވަރުން ﷲ އަށް ބައިޢަތު ހިފައިފިއެވެ."
[مفتاح دار السعادة لابن القيم (1 / 71)]
އެއީ ނަބީކަމުގެ ވާރުތައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَـٰذَا لَهُوَ الْفَضْلُ الْمُبِينُ﴾ [سورة النمل ١٦]
މާނައީ: "އަދި ދާވޫދުގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، ސުލައިމާނުގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން މި ކަންތަކަކީ، ފާޅުވެ އެނގިގެންވާ ފަޟްލުވަންތަކަމެއްކަން ކަށަވަރެވެ."
ޤުރުއާނާއި ސުންނަތުގެ ޢިލްމު، ﷲ ތަޢާލާ މީހަކަށް ދެއްވައިފިނަމަ ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އެވަނީ އެމީހަކު ޚިޔާރުކުރައްވާފައެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ» [رواه البخاري (71)]
މާނައީ: "ﷲ ތަޢާލާ މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވާނަމަ، އެމީހަކަށް ދީނުގެ ހެޔޮވިސްނުން ދެއްވައެވެ."
ޢިލްމު ހޯދުމާއި ޢިލްމު އިތުރުކުރުމާ އެއްހަމަ ޝަރަފެއް ނުވެއެވެ. އެއީ ހައްދެއް ނުވާ ޝަރަފެކެވެ. އޭގެ މޭވާ މި ދުނިޔެ މަތީގައިވެސް ލިބެއެވެ. އަދި އޭގެ ގޮފިތައްވަނީ އަތްފޯރާ ފަށުގައެވެ. އެއަށް އެދޭ މީހާ އެވަނީ މަތިވެރިކަމުގެ މަގުގައެވެ.
ވަޙީބަސްފުޅުގައިވެއެވެ.
﴿يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ﴾ [سورة المجادلة ١١]
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި ޢިލްމު ލިބިގެންވާ މީހުން، ﷲ ދަރަޖަތަކަކަށް އުފުއްލަވާނެއެވެ. ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
[خطوات إلى السعادة لد. عبدالمحسن القاسم (ص: 59 - 60)]
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ