ހަނދުމަކޮށްދިނުމެއް! ވުޟޫކުރުމުން މިހާގިނަ ފައިދާތައް ލިބޭކަން އެނގޭނަމަ އެންމެން އަބަދުވެސް ތިބޭނީ ވުޟޫ މަތީގަ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ހަނދުމަކޮށްދިނުމެއް! ވުޟޫކުރުމުން މިހާގިނަ ފައިދާތައް ލިބޭކަން އެނގޭނަމަ އެންމެން އަބަދުވެސް ތިބޭނީ ވުޟޫ މަތީގަ!: ޝައިޚް އަބޫބަކުރު ޒައުދު

ފާޚާނާއަށް ވަދެއްޖެނަމަ ވުޟޫކުރުމަށާއި ނަމާދަށް ނޫނަސް ފެންވަރައިފިނަމަ ވުޟޫކުރަން ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ވުޟޫކުރަންޖެހެނީ މުޞްޙަފް އުފުލަން ނުވަތަ ނަމާދުކުރަން ނޫންތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ވަރަށް ތަފްޞީލީ ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ހަމަ އެކަނި ނަމާދުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ވުޟޫ ކުރުމުގެ މަތިވެރިކަމަށް ބަލައިފިނަމަ ވުޟޫ ކުރުމަކީ އެއަށްވުރެ މާމަތިވެރި ކަމެކެވެ. 

ރަސޫލް ()ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ވުޟޫ ކުރަން އަތަށް ފެންލުމުން އަތުން ކުރެވިފައިވާ ފާފަތައް ފުހެވިގެންދެއެވެ. އެންމެ ފަހު ފެންތިއްކާއި ހަމައަށްވެސް މެއެވެ. މޫނަށް ފެންލުމުން ވެސް ހަމަ މިފަދައިން ފާފަތައް ފުހެވިގެންދެއެވެ. އެއިގެ ތެރޭގައި ލޮލުން ކުރެވިފައިވާ ފާފަތައްވެސް ހިމެނެއެވެ. ވުޟޫކުރުމުން ފައާއި ކަންފަތާއި ދުލުން ކުރެވިފައިވާ ފާފަތައްވެސް ފުހެވިގެންދެއެވެ. 

ވުޟޫ ކުރާއިރު ގުނަވަންތަކުގައި ފުރިހަމައަށް ފެންލުމުގެ މަތިވެރިކަން އެނގޭހެއްޔެވެ؟ ޙަދީޘްފުޅުން އެގެން އޮތް ގޮތުގައި ވުޟޫ ކުރާއިރު ބަހައްޓަން ޖެހޭ ފަރުވާތެރިކަން ފުރިހަމައަށް ބަހައްޓާނަމަ އެމީހަކަށް އެވަނީ މުސްލިމެއްގެ ދަރަޖައިން މުއުމިނެއްގެ ދަރަޖައަށް ދަތުރުކުރެވިފައެވެ. 

ވުޟޫކުރުމުން ސުވަރުގެ ވަދެވި އެންމެ މަތީ ދަރަޖައަށްވެސް ވާޞިލުވެއެވެ. އެކަންވެސް އެނގިގެންދަނީ ހަމަ ޙަދީޘްފުޅުންނެވެ. ރަސޫލް () މިޢްރާޖް އަރައިވަޑައިގެންނެވި ރޭ ސުވަރުގެއިން ބިލާލްގެފާނުގެ ފައިންޕުޅުގެ އަޑުފުޅު އިވިވަޑައިގަތެވެ. ބިލާލްގެފާނު ކުރައްވަވަނީ ކޮން ޚާއްޞަ ކަމެއްކަން ބެއްލެވިއިރު ކުރައްވަވާ ކަމަކީ ފާޚާނާ ކުރައްވަވާ ކޮންމެ ފަހަރަކު ވުޟޫ ކުރެއްވެވުމާއި 2 ރަކްއަތް ނަމާދެއް ކުރެއްވެވުމެވެ. 

އަދިވެސް ވިސްނާށެވެ! ނިދުމުގެ ކުރިން ވުޟޫކޮށްގެން ނިދައިފިނަމަ އެމީހާއަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވަތެވެ. ނިދީގައި އެމީހަކަށް ޙަރަކާތް ކޮށްލެވޭ ކޮންމެ ފަހަރަކު އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި މަލާއިކަތާ ދުޢާ ކުރައްވަވާނެއެވެ! މަލާއިކަތާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. މިއީ ވުޟޫ ކޮށްލައިގެން ޙާޞިލުކުރެވެން އޮތް ކޮން ފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ މިއީ ހަމަ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. 

Du'a after Wudu (Ablution)

أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ  وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

 

I bear witness that none has the right to be worshipped but Allah alone, Who has no partner; and I bear witness that Muhammad is His slave and His Messenger.

Muslim 1/209

 



سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

 

Glory is to You, O Allah, and praise; I bear witness that there is none worthy of worship but You. I seek Your forgiveness and turn to You in repentance.

Nasa'i

ވުޟޫ ކުރުމަށްފަހު ކުރަން ޙަދީޘްފުޅު ކުރައްވަވާފައިވާ މިފަދަ ދުޢާއެއް ކުރާށެވެ. މިފަދައިން ދުޢާކުރުމުން ޝަރީކުކުރުމާއި ހިތުގައިވާ ބިދުޢަތަކާއި އެނޫންވެސް މުންކަރާތްތަކުން ﷲ ތައާލާ ހިތް ޠޯހިރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. 

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ފުރިހަމަ ގޮތުގައި ވުޟޫކޮށް މިފަދައިން ދުޢާ ކުރުމުން އެމީހަކަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ﷲ ތައާލާ ހުޅުއްވަވައި ދެއްވަވާނެ ކަމެވެ. 

ވުޟޫކުރުމުގެ ހުރި ފައިދާ ނިކަން ދެކިބަލާށެވެ! ރޭގަނޑު ނިދީން ހޭލެވިއްޖެ ނަމަ ތެދެވެގެން ގޮސް ވުޟޫ ކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންވެ އެކަމަށް ﷲ ތައާލާ ދެއްވަވާ އިނާމުގެ މަތިވެރިކަން އެނގޭ ހެއްޔެވެ؟ އެހާލަތުގައި އޭނާ ބުރަ އުފުލައި ވުޟޫކޮށްފިނަމަ، ވުޟޫކޮށްގެން އެދޭ ކަމެއް ދުނިޔެއިން އެމީހަކަށް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ. ވީއިރު ވުޟޫކޮށްގެން 2 ރަކްޢަތް (ތަހައްޖުދު) ނަމާދުކޮށްފިނަމަ ދެއްވަވާނެ ގިނަގުނަ ސަވާބާއިމެދު ޚިޔާލުކޮށްލާށެވެ! 

ވިސްނައިލާށެވެ! މުސްލިމުންގެ ދުވަހުގެ މަސައްކަތް މިފެށެނީ ނިދީން ހޭލެވުމާއިއެކު ކުރާ ވުޟޫއިންނެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި އެތައް ފަހަރަކު ވުޟޫ ކުރަމުއެވެ. ނިދަން އޮށޯތުމުގެ ކުރިން މިއޮތީ ވުޟޫ ކުރުމަށެވެ. ވީމާ ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް ވުޟޫ ކުރުމާއި އަހަރެމެންނާއި ހުރި ގާތްގުޅުން އެނގިގެން އެބަދެއެވެ. 

މިވަރަކުންވެސް އަދި ނިމެނީއެއް ނޫނެވެ. ރަސޫލް ()ގެ އުންމަތުގެ މީހުން، މުސްލިމުން ދެނެވަޑައިގަންނަވަން ޤިޔާމަތް ދުވަހުން ރަސޫލް () އަށް އެނގިވަޑައިގަންނަވާނެ ވަސީލަތަކީވެސް ވުޟޫކުރުމުގެ ސަބަބުން ވުޟޫގެ ގުނަވަންތަކަށް ލިބިފައި ހުންނަ އުޖާލާ ކަމެވެ. ވީމާ ވުޟޫ އެންމެ ފުރިހަމަ ގޮތުގައި ކުރަން ސަމާލުކަން ޑޭން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ! 

ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް ގިނަގިނައިން ވީހައި ފުރިހަމައަށް ވުޟޫކުރާ އަދި ނަމާދުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން