އެކުވެރިވެވިގެން އުޅޭ މީހުންގެ ތެރެއިން އެންމެ ނުރައްކައުތެރިކަން ބޮޑުވެގެންވާ ބައަކީ ތިމާ ކުރަން ހުންނަ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ތިބާގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުވާ މީހުންނެވެ. އެކުގައި އުޅެން އެންމެ ނުރައްކައުތެރިކަންބޮޑު އެއްބައަކީވެސް ހަމައެއީއެވެ. އެއީ ހަމަ ވަރަށް ނުރައްކައުތެރި ބައެކެވެ.
ޚާއްޞަކޮށް އަނބިދަރިންނާއިއެކު ހޭދަކުރަންލިބޭ ވަގުތާއި އަޅުކަމުގެ ވަގުތުތަކުގައި އެކަންކަމަށް ހުރަސް އެޅޭ ގޮތަށް ކަންކަން މެދުވެރިކުރުވާ މީހުންނާއިމެދު ވަކިން ބޮޑަށް ވިސްނަން ޖެހޭނެއެވެ. ބައެއް މީހުން ބުނެފާނެއެވެ. "އަދި އެންމެ ކޮފީއެއް ޖަހާލައިގެން ދިއަޔަސް އަންހެނުން ތަޅައެއް ނުގަންނާނެއޭ! ރުޅިއަޔަސް ވާނީ ކީއް؟ އެއްކަލަ ކުއްޖާވެސް މިހާރު އަންނަންވެގެން އޮންދަވޭގައޭ!" މިފަދަ ވަސްވާށްތައް ދީގެން ގެއަށް ދިއަނުދީ ހިފަހައްޓައެވެ.
ބަންގިގޮވީމާ ބުނާނީ "މިގަޑީގަ ވުޟޫކުރަން ވަރަށް ބާރުބޮޑުވާނެ. އަދި އެއްކޮފީ ބޯލައި ނިމޭއިރު އަނުއް ނަމާދުގެ ވަގުތު އައިސް ޖެހޭނެއެވެ. ދެން ދެނަމާދު އެކުގައި ކޮށްލަން މަޑުކޮށްލައިގެން އިންދާ ދުވަސް ނިމިގެންދަނީ އެނަމާދުވެސް، މިނަމާދުވެސް ، ދެންހުރި ނަމާދުތައްވެސް، އެންމެ ނަމާދެއްވެސް ނުކުރެވިއެވެ. އެކަން އެހެން އެދިމާވަނީ އެކުވެރިޔާގެ ބަހަށް ހެއްލެވި ނަމާދުއަޅަން ފެށުމުން އެމީހަކަށް ﷲ ކޯފާވެވޮޑިގަންނަވާތީއެވެ.
މިކަންކަން އަންހެނުންނަށވެސް ދިމާވެއެވެ. ނަމާދަށް އަރަން އުޅެނިކޮށް އެކުވެރިއަކު އައިސްފާނެއެވެ. ނޫނީ ފޯނުކޮށްފާނެއެވެ. އެޙާލަތުގައި އެއީ ދަތިވަޤުތެއް ކަމަށް ބުނާށެވެ. އަދި ނަމާދުގެ ވަޤުތުތަކުގައި ބައްދަލުކުރަން ނާންނަން ނުވަތަ ފޯނު ނުކުރަން ބުނާށެވެ! ފޯނުކުރިޔަސް ނުނަގާށެވެ.
ކިތަންމެ ގާތް ނަމަވެސް ރައްޓެހިންނަށް ވަގުތުދޭން ޖެހޭނީ ކުރަން ޖެހޭ މަސައްކަތްތަކަށް އެކަމުން އުނިކަން ނުލިބޭނެ ގޮތަށެވެ. ޚާއްޞަކޮށް ނަމާދުކުރުން ފަދަ ތިމާ ކޮންމެހެން ކުރަން ޖެހޭ އަޅުކަން ކުރަން އެއްވެސް ވަރަކަށް ހުރަސް ނުއެޅޭނެ ގޮތަށެވެ.
އެހެން މީހުންނަށް މިބުނި ފަދައިން ހުރަސްތައް ކުރިމަތި ކުރުވެނީ އަޅަންޖެހޭ ބައުންޑްރީ ނުއެޅި އޮންނާތީއެވެ. ވީމާ އަވަހަށް ބައުންޑްރީ އަޅާށެވެ. ބައުންޑްރީގެ އެތެރެއަށް އެއްވެސް މިންވަރަކަށް ވަނަ ނުދޭށެވެ. އެކަން ކޮންޓްރޯލް ކުރުމުގެ ބާރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ. އެބާރުގެ ބޭނުން ނުކުރާނަމަ އެމީހަކަށް މިދުނިޔެވެސް އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެއެވެ.
އެންމެ މުހިންމު ކަމަކީ ތިމާއަށް ފައިދާ ނުކުރާނެ ކަންކަމުގެ ވާހަކަތައް ދައްކަން ވަގުތު ހޭދަ ނުކުރުމެވެ. ދެކެވޭ ވާހަކައަކީ ތިމާއަށް ފައިދާ ކުރާނެ ވާހަކައަކަށް ހެދުމެވެ. ނޫން ނަމަ ވަގުތުތައް ބޭކާރު ވެގެންދިއުމުގެ އިތުރުން އިތުރު ފާފަތަކެއްވެސް އުފުލަން ޖެހިދާނެއެވެ. ނަމާދުކުރުމަށްވުރެ މުހިންމު ކަމެއް ނުބާއްވާށެވެ! ދައްކަން ހުންނަ ވާހަކަތައް އެހެން ވަޤުތުތަކުގައި ދައްކާށެވެ. ނަމާދުކުރުމަށާ ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް ނުއެޅޭނެ ގޮތަށް ޢަމަލުކުރާށެވެ.
ހެޔޮ އެދިގެން ކަމަށްބުނެ ތިބާ އާއި ގުޅުން އުފައްދާ މީހުންގެ ތެރޭގައި ތިބާގެ މައްޗަށް ނުފޫޒު ފޯރުވައި ތިބާ ހުއްޓުވައި ކޮންޓްރޯލްކުރަން އަންނަ މީހުން މަދެއް ނުވާނެއެވެ. ވީމާ އެފަދަ މީހުންނާއިމެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން