ކޮންމެ ކަމެއްގަވެސް ފުރަތަމަކަމަކަށް ދުޢާކުރަންޖެހޭ ސަބަބު: ނިކަމެތިކަމާއެކު ނަރަކައަށް ވަންނަން ޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ކޮންމެ ކަމެއްގަވެސް ފުރަތަމަކަމަކަށް ދުޢާކުރަންޖެހޭ ސަބަބު: ނިކަމެތިކަމާއެކު ނަރަކައަށް ވަންނަން ޖެހުން!

އާދެ!  تَوَسُّلْ އަކީ الله سبحانه وتعالىގެ އަޅާ، އެއިލާހު އަމުރުކުރައްވާފައިވާ ވާޖިބު އަދި މުސްތަޙައްބު ޢަމަލުތައް ކޮށްގެން އެއިލާހުގެ ރުހިވޮޑިގަތުން ހޯދައިގަތުމެވެ. ނުވަތަ ކުއްތަންވުމެވެ.  الله سبحانه وتعالى ވަހީ ކުރައްވަނީ:

"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ" (المائدة: 35) 

"އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން الله سبحانه وتعالى އަށް ތަޤްޥާވެރި (ބިރުވެތި) ވާށެވެ. އަދި (އެކަލާނގެއަށް އަދާ ކުރަންޖެހޭ ވާޖިބުތައް އަދާކޮށް) އެކަލާނގެއަށް ކުއްތަންވެރި ވެވޭނެ ގޮތްތައް ހޯދައި އެކަލާނގެ ޙަޟްރަތުން އެދޭށެވެ." (ސޫރަތުލް މާއިދާ: 35) 

الله سبحانه وتعالى އަށް ކުއްތަންވޭވޭނީ الله سبحانه وتعالى އަށް ހުރިހައި ކަމެއްގައިވެސް ކިޔަމަންތެރިކަން އަދާ ކޮށްގެންނެވެ. އަދި ހަމައެހެންމެ އެކަލާނގެ ފޮނުއްވި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، އެކަމަކައިގެން ވަޑައިގެންނެވި ހުރިހާ ކަމަކަށް ކިޔަމަންވެ ބޯލަނބައިގެންނެވެ. 

އަޅުގަނޑުމެންގެ މިދުނިޔަވީ ޙަޔާތަށް ބަލައިލައިފިނަމަ ބައެއް ކަހަލަ ކަންތައްތަކުގައި ފެންނަމުން މިދަނީ،  الله سبحانه وتعالىގެ ކިބައިން އެހީއާއި މަދަދަށް އެދި އާދޭސް ކުރަންޖެހޭ އެތައްކަމެއްގައި ފަންޑިތަވެރިންނާއި، ފައިސާ ވެރިންނާއި، ކަމުވޮށިގެންވާ ބޭފުޅުންނާއި، އަދި މިނޫނަސް އެތައް ބައެއްގެ ކައިރިއަށް ގޮސް ރޮއެ އާދޭސްކޮށް ސަލާމް ޖަހަމުންދާ ތަނެވެ. މިގޮތުން ބޮޑެތި މުޞީބާތްތައް ޖެހުމުންނާއި، ލޯބިވެގެން އުޅޭ ދެމީހަކު ވަކިވުމުންނާއި ނުވަތަ ދެމަފިރިން ވަކިވުމާއި، މީހެއްގެ ކިބައިން ބަދަލުހިފުމަށް، ނުވަތަ މިކަހަލަ ކިތަންމެ ކިތަންމެ ކަމެއް ހިމެނެއެވެ. 

އެހެންނަމަވެސް  الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަހީ ކުރައްވަވަނީ:

"وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ" (البقرة: 186) 

"އަދި ތިމަން الله އާއި މެދު ތިމަންގެ އަޅުތަކުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، ފަހެ ތިމަން الله ވަނީ އެމީހަކާއި ކައިރިވެ ވޮޑިގެންނެވެ. އަދި ތިމަން اللهގެ ކިބައިން ކަމަކަށްއެދި އެކަމަށް ދުޢާކޮށްފި މީހަކަށް އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ." (ސޫރަތުލް ބަޤަރާ: 186) 

އަދިވެސް الله سبحانه وتعالى ވަހީ ކުރައްވަނީ: 

"وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ" (غافر:60) 

"އަދި ތިޔަބައިމީހުންގެ ރައްބު ވަހީ ކުރައްވަތެވެ. ތިމަން الله އަށް ދުޢާ ކުރާހުށިކަމެވެ. އޭރުން ތިމަން ﷲ ތިޔަބައިމީހުންގެ ދުޢާތައް އިޖާބަ ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަން އިލާހަށް ދުޢާ ކުރުމަށް ކިބުރުވެރިވެގަންނަ މީހާ (ލަސްތަކެއްނުވެ) ނިކަމެތި ވެގެންވާ ޙާލުގައި ޖަހަންނަމައަށް ވަންނަހުއްޓެވެ." (ސޫރަތުލް ޣާފިރް: 60)

 

- ޝައިޚް އާދަމް ނިޝާން ޢަލީ ގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން