އީމާންކަމާ ހެޔޮ އަމަލާ ހެޔޮކަންކަމުގަ ކުރިއަރައިގެން ދިއުމާ މިކަންކަމަށް ބަލާލާ އިރުގާ މާތް ނަބިއްޔާ ﷺ އަށްފަހުގައި މިއުއްމަތުގާ އެންމެ ހެޔޮކަމަކަށް އިސްވެހުންނެވި ބޭފުޅަކީ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ތަޢާލާ.
ޢުމަރުގެފާނަށް އަޅުގަނޑުމެންގެ ނަޒަރު ހުއްޓާލާއިރުގާ އެކަލޭގެފާނު ނަޞޭޙަތް ދެއްވަނީ، ޙިސާބު ބެއްލެވުމުގެ ކުރިން އަމިއްލަ ނަފްސްގެ ހިސާބު ކުރުމަށް. " حاسِبُوا أَنْفُسَكُم قَبْلَ أن تُحَاسَبُوا وَزِنُوا أَعْمَالَكُمْ قَبْلَ أَنْ تُؤزن " ތިޔަބައިމީހުންގެ ނަފްސު ތައް ހިސާބު ބެއްލެވުމުގެ ކުރިން ތިޔަބައިމީހުން ހިސާބު ކުރާށޭ! އެދުވަސް އެބަ އާދެއޭ!" އެދުވަސް ކައިރިވޭ އެދުވަހަކީ އަންނާނެ ދުވަހެއް. އަޅުގަނޑުމެން ހުރިހާ އެންމެންގެ ޢަމަލުތައް ކިރޭނެ ވަޒަން ކުރެވޭނެ، ހެޔޮ ޢަމަލާއި ނުބައި ޢަމަލު ވަޒަން ކުރެވޭނެ، ހިސާބު ބެއްލެވޭނެ، އިންސާފުން ހުރިހާ އެންމެންނާ މެދުގާ މުޢާމަލާތް ކުރެވޭނެ.
އެހިސާބު ބެއްލެވުމުގެ ކަންތައް ފެށިގެން އަންނަ ދުވަސް އައުމުގެ ކުރިން ތިޔަބައިމީހުން އަމިއްލަ ނަފްސު ހިސާބު ކުރާށޭ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ކިރާށޭ! ތިޔަބައި މީހުންގެ ޢަމަލުތައް ކިރުމުގެ ވަގުތު އައުމުގެ ކުރިން، އެއީ މިއަދު ނުވި ރައްކަލެއް ވަކި ފަހަކުން ނުވެވޭނެ. ވަގުތު ފާއިތުވެގެން ދިޔައިމަ ހުރިހާ އެންމެންވެސް އެދޭނެ އިތުރު ފުރުޞަތެއް ލިބުމަށް އިތުރަށް ރަގަޅަށް އުޅުމަށް، އިތުރަށް މީހާ ހެޔޮ ޢަމަލު ކުރުމަށް، ކުރެވިފައިވާ ގޯސްކަން އަލުންބަލުން ރަގަޅު ކުރުމަށް އެކަމަކު އެއީކީ އަލުން ލިބިގެން އަންނަ ފުރުސަތެއްނޫން.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން