މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ޝުކުރުވެރިވުމަށް އަވަސްވެގަންނާށެވެ! ބުނެފިނަމަ ގިނަ ބައަކު ކަންބޮޑުވާނެއެވެ. އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ކަމާއިމެދުވެސް ސުވާލު އުފައްދާނެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ އެކަމަކީ މުއްމިނުންގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް ކަމަށާއި ކޮންމެ ގޮތަކުން ނަމަވެސް އެސިފަ ލިބިގަންނަން ޖެހޭނެއެވެ. ޢަމަލުކުރަންވީ ގޮތް މިކިޔައިދެނީއެވެ.
މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން ފުރަތަމަ ކަމަކަށް ޝުކުރުވެރިވާންވީ ދެއްވަވާފައިވާ ނިޢްމަތްތަކަށެވެ. މިސާލަކަށް ލޮލުގެ ފެނުން ގެންދެވިނަމަވެސް ކަންފަތަށް އަޑު އިވުމާއި ދެއްވަވާފައިވާ އެހެން ނިޢްމަތްތަކަށެވެ. ފަޤީރުކަމުން މީރު ކެއުން ކާން ނުލިބުނު ނަމަވެސް ޝުކުރުވެރިވާންވީ ކޮންމެވެސް އެއްޗެއް ކާން ލިބޭތީއެވެ.
ދެވަނައަށް ޤަބޫލުކުރަންވީ މުޞީބާތް ކުރިމަތި ކުރެއްވެވީ ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާތީ ކަމެވެ. އެއަށްވުރެ ބޮޑު ނިޢްމަތެއް ލިބޭނީ ކާކަށް ހެއްޔެވެ؟ ﷲ ތައާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކު އިމްތިޙާން ކުރައްވަވަތެވެ. އެމީހަކު އެ އިމްތިޙާނުން ފާސްވެއްޖެ ނަމަ ނިޢްމަތްތައް އޮއްސަވައިލައްވަވަތެވެ.
ވީމާ މުޞީބާތެއް ކުރިމަތިވުމަކީ އެއްވެސް ވަރަކަށް މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. އުފާކުރަންވީ ކަމެކެވެ. މިވާހަކަ އެކި ގޮތްގޮތަށް ވަރަށް ގިނައިން އެބަ ދެއްކެއެވެ. ދައްކަން ޖެހެނީ ހަމަ މީސްތަކުން އެކަންކަމަސް ހޭލުންތެރިކުރުވުމަށެވެ. މުޞީބާތެއް ކުރިމަތިވުމުން މާޔޫސްވެ މަގުއޮޅޭ މީހުން ގިނަވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން