މިރޭ ދަރުސް ފަށަން މިއުޅެނީ ތިއަ ބައިވެރިންނާ ކޮށްލާ ސުވާލަކުންނެވެ. އެސުވާލަކީ އެމީހާގެ ފުރާނައަށް އެމީހަކު އަމިއްލައަށް ދޭ އެންމެ ބޮޑު އަނިޔާ އަކީ ކޮބާ ހެއްޔެވެ؟
ދަރުސާއިގެން ކުރިއަށްދާނަމެވެ. ފުރަތަމަ މިކިޔައިދެނީ ފުރާނައަށް ބޭނުންވާ އެންމެ މުހިންމު ކާނާގެ ވާހަކައެވެ. ނިންމާލުމުގެ ކުރިން މިކުރި ސުވާލަށް އަހުރެންނަށް ވިސްނޭ ޖަވާބު ބުނެދޭނަމެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހެއްގެ ފުރާނައަށް ދިރުން ދޭށެވެ! ވީހައި ތާޒާކަންމަތީގައި ފުރާނަ ބަހައްޓާށެވެ! ބަލިތަކުން ސަލާމަތްވެ ދުޅަހެޔޮކަންމަތީގައި ދުނިޔޭގައި ދިރިއުޅޭށެވެ. ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެގެންވާ ފުރާނައަކަށް އެމީހާގެ ފުރާނަ ހެދުމަށެވެ.
މިކަންކަން ކާމިޔާބު ކުރެވެން އޮތީ ފުރާނައަށް ކާނާދީގެންނެވެ. ވީމާ މިގޮތަށް ވިސްނައިލާށެވެ. ތިމާ މުސްލިމެއް ކަމުގައި ވުމުން އެއީ ފުރާނައިގައި އިންދޭ ގަހެވެ. އެ ހިސާބުން ގަސް ހެދިބޮޑުވާން ފަށައެވެ. ނަމަވެސް އެ ގަސް ތާޒާކަންމަތީގައި ބެހެއްޓުމަށާއި ހެދި ބޮޑުވުމަށް ކާނާ ބޭނުންވެއެވެ.
އެގޮތުން ބަލައިފިނަމަ ފުރާނައިގެ ކާނާއަކީ ނަމާދުކުރުމެވެ. ބައެއް މީހުން ކާނާއަކީ ތަޤްވާވެރިކަން ކަމުގައި ވެސް މާނަކޮށްފާނެއެވެ. ނަމަވެސް އަހަރެން ބުނާނީ އެއީ ނަމާދުކުރުން ކަމަށެވެ. އެހެނީ ތަޤްވާވެރިކަން އިތުރުވާނީވެސް ނަމާދުކުރުމުންނެވެ. ނަމާދު ނުކުރާ މީހަކަށް ތަޤްވާވެރިކަމެއް ނެތެވެ. އަދި ޤަޞްދުގައި ނަމާދުއަޅާ މީހަކީ މުސްލިމެއްވެސް ނޫނެވެ.
ވީމާ ނަމާދު ވަގުތުޖެހުމުން އެކަމަށް ޢުޒުރު ދައްކާ މީހަކު ކަމުގައި ނުވާށެވެ! އެއްވެސް ބަހަނާއެއް އުޒުރެއް ދައްކަން ނުއުޅެ ނަމާދުކުރަން އަވަސްވެގަންނާށެވެ! ބަންގީގެ އަޑު އިވުމުން އެހެން ހުރިހާ ކަމަކަށް އުޒުރު ދައްކާށެވެ! އެހެން ހުރިހާ ކަމެއް ހުއްޓުމަކަށް ގެންނާށެވެ! އެންމެ ފުރަތަމަ ކުރާ ކަމަކީ ނަމާދުކުރުން ކަމުގައި ހަދާށެވެ!
ނަމާދުނުކުރުމަކީ ފުރާނައަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެއަނިޔާއަކީ އެމީހަކު އަމިއްލައަށް ދޭ އަނިޔާއެކެވެ. ފުރާނައަށް އަނިޔާ ނުދޭށެވެ! އިންސާނާ އޭނާގެ ފުރާނައަށް ކުރާ އަނިޔާއަކީ އެމީހާ ހިންގާ އެންމެ ބޮޑު ޖަރީމާއެވެ! އެ ޖަރީމާގައި ހަލާކުވެގެންދާނީ ހަމަ އެމީހެކެވެ. ތިމާއެވެ!
މިހެން މިބުނަނީ ޤިޔާމަތްދުވަހު ފުރަތަމަވެސް ހިސާބުބައްލަވާނީ ނަމާދުންކަން އެބައެނގެއެވެ. ނަމާދުނުކުރުމުން ދާންޖެހޭނީ ނަރަކައަށްކަން އެބައެނގެއެވެ. ވީމާއެކަންވާނީ އެމީހާގެ ފުރާނައަށްދޭ އެންމެ ބޮޑު އަނިޔާކަމަށް ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން