ދާދިފަހުން ހޮސްޕިޓަލެއްގައި ހިނގައި ދިއަ ކަމެކެވެ. ދަރިންގެ މަންމަ އެއިރު އޮތީ އައިސީޔޫގައެވެ. މަރާ ހަނގުރާމަކުރަމުން ދަނީއެވެ. މަންމަގެ ޚިދުމަތުގައި ދަރިން ތިބެނީ ގަޑި ބަހައިގެންނެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ކަންބޮޑުވާންޖެހުނީ ޑިޔުޓީ ބަދަލުކުރަން އަންނަންޖެހޭ ކުއްޖާއަށް އައުދެވުން 5 މިނިޓް ލަސްވީތީ އެކަން ބޮޑު ކަމަކަށް ހަދައި އަޑުގަދަކޮށް ޒުވާބުކުރީތީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! މަންމަ އޮތީ ކޮންމެ ވަޤުތަކުވެސް ނޭވާހުއްޓިދާނެ ފަދަ ސީރިޔަސް ޙާލަތެއްގައެވެ. ކޮންމެ ވަޤުތަކުވެސް ކޮންމެ މީހެއްގެވެސް ނޭވާހުއްޓިދާނެއެވެ. ނަމަވެސް ޙާލަތު ސީރިޔަސްވެ އައިސީޔޫގައި އޮންނަން ޖެހުމަކީ މުޅިން ތަފާތު ދެކަމެކެވެ.
މިޘާލަކަށް ހިނދުކޮޅެއްގެ ތެރޭގައި ނުވަތަ ދާދި އަވަހަށް މަންމަ ނިޔާވިނަމަ މަންމައަށް ޚިދުމްތކުރަން ޑިޔުޓީގައި އިންނަންޖެހުމުގެ ފުރުޞަތު އެހިސާބުން ގެއްލުނީއެވެ. ވީއިރު 5 މިނިޓް އިތުރަށް މަޑުކޮށްލަން ޖެހުމުން އޮތީ އުފާކުރުން ނޫންހެއްޔެވެ؟ 5 މިނިޓް ކީއްކުރަންތޯ؟ އިނދެވެން އޮތްނަމަ އިތުރު 5 ގަޑިއިރުވެސް ނުއިންނަންވީ ކީއްވެގެން ހެއްޔެވެ؟
ވިސްނާށެވެ! ތިބާއަކީ ހެޔޮލަފާ ދަރިއަކު ނަމަ އެންމެ ބޮޑަށް ހިތާމަކުރާނެ އެއްކަމަކީ މައިންބަފައިންނަށް ޚިދުމަތްކުރަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުނީތީއެވެ. ނުވަތަ ހިފުނުލެއް މަދުކަމުންނެވެ.
އެކުވެރިންނޭވެ! މައިންބަފައިންނަށް ޚިދުމަތްކުރަންވީ ތިމާއަށް ވާޖިބުވާ މިންވަރު ބަލައި ކިރައި މިން އަޅައިގެނެއް ނޫނެވެ! މައިންބަފައިން ދަރިންނާއިމެދު އެގޮތަށް މިންއަޅައި ކިރައި ހަދައިގެން ދަރިން ބެލިނަމަ ދަރިންނަށް އުޅެންޖެހޭނެ ނިކަމެތި ޙާލު ނިކަން ހިތަށް އަރުވައިބަލާށެވެ! އެވިސްނުމުން ވިސްނޭނަމަ މިބާވަތުގެ އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. ބަލާނީ ވީހާ ރަނގަޅަކަށް ޚިދުމަތްކުރެވޭތޯއެވެ!