ބަންގީގެ އަޑުއިވުމުން ނުވަތަ ނަމާދުވަޤުތުޖެހުމުން ނަމާދަށް އަވަސްވެ ނުގަނެވޭ މީހުންނަށް މޫސާގެފާނުގެ މިބަސްފުޅު އެނގުމުން ހެޔޮ ބަދަލެއް އަތުވެދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބަންގީގެ އަޑުއިވުމުން ނުވަތަ ނަމާދުވަޤުތުޖެހުމުން ނަމާދަށް އަވަސްވެ ނުގަނެވޭ މީހުންނަށް މޫސާގެފާނުގެ މިބަސްފުޅު އެނގުމުން ހެޔޮ ބަދަލެއް އަތުވެދާނެ! އިން ޝާ ﷲ

ކޮންމެ މީހަކުވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަމަށް އިންތިޒާރުކުރާނެއެވެ. އިންތިޒާރުކުރާނީވެސް ކެތްތެރިކަމެއް ނެތިއެވެ. ކޮންމެވެސް ކަޕެއް ފެށިގެން މިހާރު އެބަ ކުރިއަށް އެބަ ދެއެވެ. މެޗްފެށުމުގެ މާކުރިން މުޅި ދަނޑު ފުރާލައެވެ. ޓީވީތަކުން ބަލަން ޖަމާވެއެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެކަމަކުން ތިބާއަށް ޙަޤީޤީ އެއްވެސް ފައިދާއެއް ނުކުރާނެ މިފަދަ ކަންކަމަށް ތިބާ އެހައިވަރަށް ސަމާލުކަންދީ އިންތިޒާރުކުރާއިރު ސުވަރުގެ ވަނުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ނަމާދަށް ގޮވައިލެވޭ އަޑު ނުއިވެނީ ކީއްވެގެން ހެއްޔެވެ؟ ނަމާދު ވަޤުތައް އިންތިޒާރުނުކުރަނީ ކީއްވެގެން ހެއްޔެވެ؟  

ބަންގީގެ އަޑު އިވުމުން މިއިވެނީ ކޮންފަރާތަކުން އަންނަ ކިހައިވަރެއްގެ މެސެޖެއް ނުވަތަ ޢަމުރުފުޅެއްކަން ނުވިސްނޭ މީހުން އުޅެއެވެ. މިއިވެނީ ތިމާ އާއި މުޅި ކާއިނާތުގެ އަދި ޤިޔާމަތް ދުވަހުގެ ވެސް ވެރި ރައްބު ތިމާއަށް އަންގަވާ އެންގެވުންތަކެއް ކަމާއި ކުރައްވަވާ އަމުރުފުޅުތަކެއްކަން ބަލައި ނުގަނެވޭ ބައަކު އުޅެއެވެ. 

ތެދަށް ބުނާނަމަ ގިނައީވެސް އެއިގެ މީހުންނެވެ. އެހެންވީމާ އެފަދަ މީހުން ވިސްނައިލަންވީ މޫސާގެފާނުގެ މި ބަސްފުޅަށެވެ! "--- އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ." (ޠާހާ: 84) 

"އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ." (ޠާހާ: 84) 

މި ދެއްކެނީ މޫސާގެފާނުގެ ވާހަކައެވެ. ﷲ ތަޢާލާ އެބޭކަލަކާއި ސީދާގޮތުގައި އެންމެ ގިނައިން ބަސްވަޙީކުރެއްވެވި އިންސާނާގެ ވާހަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެހައިމެ މަތިވެރި ބޭކަލެއްގެ ވާހަކައެވެ. އެބޭކަލަކަށްޓަކައި ފޮތެއް (ތައުރާތު) ބާވައިލެއްވެވުނު ބޭކަލެއްގެ ވާހަކައެވެ.  

މިބަޔާންކުރި ފަދަ ހުރިހައި މަތިވެރިކަމަކާއިއެކުވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުކުރެއްވެވުމުގެ ޝައުޤުވެރިކަން ބޮޑުކަމުން ޤައުމުގެ އެހެން މީހުންނަށްވުރެ މާކުރިން އެވަޑައިގަތީއެވެ.  

އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން މަސައްކަތްކުރާ، އަހަރެމެން މިތިބަ ދެރަ ނިކަމެތި އިންސާނުން އެކަމަށް އަވަސްވެގަންނަން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ! ނަމާދަށް ގޮވާ އަޑު އިވުމުން އެ ގޮވައިލެވެނީ ފަލާޙް ލިބިގަތުމަށް އަވަހަށް މިސްކިތަށް ދިއުމަށްކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އަދި ގޮވައިލެވެނީ ފަށަމުން ވެސް ބުނި ފަދައިން ﷲ ތަޢާލާގެ އަމުރުފުޅަށްކަންވެސް އެނގިގެންދެއެވެ. ވީއިރު އެކަމަށް އަވަސްވެ ނުގަނެ ލިބެން އޮންނާނީ ކޮން ހެޔޮކަމެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން