އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: މާތް ރަސޫލާ ޞޢޥ އަށްފަހު

ކިޔުމަށް ހޭދަވާނީ 4މ 37ސ
އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު:  މާތް ރަސޫލާ ޞޢޥ އަށްފަހު

ޢަލީ އިޙްޞާން ފިރާޤް

 

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގެންނެވުމަށްފަހު ވެސް أبو أيّوب الأنصاري رضى اللّـه عنــه ދިރިއުޅުއްވަމުން ގެންދެވީ ވަރަށް ތަޤުވާވެރި ވަރަޢަވެރި ދިރިއުޅުއްވުމެކެވެ. އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޚަލީފާއިންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައިގެންނެވެ. އެބޭކަލުންނަށް މަދަދުވެރި ވެވަޑައިގެންނެވިއެވެ. އެބޭކަލުންގެ އެންމެހައި އެންގެވުންތަކަކަށް ފުރިހަމައަށް ބޯލެންބެވިއެވެ. 

أمير المؤمنين عثمان بن عفّان رضى اللّـه عنه ގެ ޚިލާފަތުގެ ފަހުކޮޅުގައި ވަރަށް ބޮޑެތި ފިތުނަތަކެއް އުފެދުނެވެ. މަދީނާއަށް ބާޣީން އަރާ އަމީރުލް މުއުމިނީންގެ ގަނޑުވަރު ވަށައިލިއެވެ. މީސްތަކުންނާގެން އިމާމުވެވަޑައިގެން ނަމާދުކުރަންވެސް ވަޑައިގެންނެވުމުގެ ފުރުސަތެއް އެބައިމީހުން އެކަލޭގެފާނަކަށް ނުދިނެވެ. އެދުވަސްވަރު މަސްޖިދުއްނަބަވީގައި އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވީ أبو أيّوب الأنصاري رضى اللّـه عنــه އެވެ. 

أمير المؤمنين عثمان بن عفّان رضى اللّـه عنه ޝަހީދުވުމުން ދެން މުސްލިމުންގެ ޚަލީފާއަކަށް ހަމަޖެހިގެން ދިޔައީ أمير المؤمنين علي بن أبي طالب رضى اللّـه عنــه އެވެ. ޢަލީގެފާނުގެ ޚިލާފަތުގެ ދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް އައްޔަން ކުރައްވައިފައި ހުންނެވީ أبو أيّوب الأنصاري رضى اللّـه عنــه އެވެ. 

أمير المؤمنين علي بن أبي طالب رضى اللّـه عنــه ޚިލާފަތުގައި ޚަވާރިޖުންނާ ދެކޮޅަށް ކުރެވުނު ނަހްރުވާން ހަނގުރާމައިގައި أبو أيّوب الأنصاري رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަނގުރާމައިގައި އަސްވާރުންގެ ވެރިއެއްކަމުގައި ޢަލީގެފާނު ހަމަޖެއްސެވީ أبو أيّوب الأنصاري رضى اللّـه عنــه އެވެ. ނަހްރުވާނު ހަނގުރާމަ ހިނގީ ހިޖްރައިން 38 ވަނަ އަހަރުގައެވެ. 

ނަހްރުވާން ހަނގުރާމަ ފެށުމުގެ ކުރީން أمير المؤمنين علي بن أبي طالب رضى اللّـه عنــه، أبو أيّوب الأنصاري رضى اللّـه عنــه އަށް އަމާންކަމުގެ ދިދައެއް ނެންގެވުމަށް އަމުރު ކުރެއްވިއެވެ. أبو أيّوب الأنصاري رضى اللّـه عنــه ދިދަ ނަންގަވައި މިފަދައިން ގޮވައިލެއްވިއެވެ. [މި ދިދައިގެ ދަށަށް އައިސްފި މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. ކޫފާ އާއި މަދާއިނަށް ގޮސްފި މީހަކީވެސް އަމާންކަން ލިބިގެންވާ މީހެކެވެ.] أبو أيّوب الأنصاري رضى اللّـه عنــه މިފަދައިން ގޮވައިލެއްވުމާއެކު ގިނަ އަދަދެއްގެ މީހުން ޚަވާރިޖުންގެ ލަޝްކަރު ދޫކޮށް ހިނގައްޖެއެވެ. ބާކީތިބީ ހާހެއްހާ މީހުންނެވެ.

أمير المؤمنين علي بن أبي طالب رضى اللّـه عنــه ޚިލާފަތުގައި ބަސަރާގެ ގަވަރުނަރުކަމުގައި ހުންނެވީ ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުއެވެ. އެދުވަސްވަރު އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު، އިބްނުޢައްބާސްގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އިބްނުއައްބާސް އެކަލޭގެފާނަށް ވަރަށް ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިތްތެވިއެވެ. އިބްނުޢައްބާސް އުޅުއްވަމުން ގެންދެވި ގެކޮޅު އަބޫއައްޔޫބުގެފާނަށްޓަކައި ހުސްކޮށްދެއްވިއެވެ. ސާޅީސް ހާސް ދިރުހަމާއި ޚިދުމަތްކުރާނެ ވިހި އަޅުން ދެއްވިއެވެ. އެއަށްފަހު އިބްނު ޢައްބާސް ވިދާޅުވިއެވެ. [އަޅުގަނޑު ކަލޭގެފާނަށް ދޭންބޭނުންވަނީ ކަލޭގެފާނު މާތް ރަސޫލާއަށް ދެއްވިފަދަ މެހުމާންދާރީއެކެވެ.]

 

ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން