އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: އަވަހާރަވުމާ ޢިލްމްވެރިކަން-

ކިޔުމަށް ހޭދަވާނީ 4މ 56ސ
އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: އަވަހާރަވުމާ ޢިލްމްވެރިކަން-

ޢަލީ އިޙްޞާން ފިރާޤް

أمير المؤمنين علي بن أبي طالب رضى اللّـه عنــه ޝަހީދުވުމަށްފަހު އެކަލޭގެފާނުގެ ދަރިކަލުން ޙަސަންގެފާނު ކުޑަދުވަސްކޮޅެއް ވަންދެން ޚަލީފާކަމުގައި ހުންނެވިއެވެ. އެއަށްފަހު ޚިލާފަތުގެ ލަގަން ލިބިވަޑައިގެންނެވީ މުޢާވިޔަތުގެފާނަށެވެ. މުޢާވިޔަތުގެފާނު ޚަލީފަކަމުގެ ދުވަސްވަރަކީ އަބޫއައްޔޫބުގެފާނުގެވެސް ޙަޔާތްޕުޅުގެ އެންމެ ފަހު ދައުރެވެ. މުސްކުޅިފުޅުވެވަޑައިގެން ހުންނެވި ކަމުގައި ވިޔަސް ޖިހާދުގައި ބައިވެރިވެވަޑައިގެންނެވުމަކީ އެކަލޭގެފާނު ވަރަށް ޝައުޤުވެރިވެވަޑައިގެންނެވި ކަމެކެވެ. 

މުޢާވިޔަތުގެފާނު ޚަލީފަކަމުގެ ދުވަސްވަރުގައި ޤުސްތަންތީނިއްޔާ ފަތަޙަކުރަން ފޮނުއްވި ލަޝްކަރުގައި أبو أيّوب الأنصاري رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ. އެ ލަޝްކަރުގެ އިސްވެރިއެއްގެ ގޮތުން ހުންނެވީ މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދެވެ. އެދަތުރުފުޅުގައި أبو أيّوب الأنصاري رضى اللّـه عنــه އަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. އަވަހާރަވީ އެ އާލާސްކަންފުޅުގައެވެ. 

أيّوب الأنصاري رضى اللّـه عنــه އަވަހާރަވި އަހަރަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 50 ވަނަ އަހަރު ކަމުގައްޔާއި، 51 ވަނަ އަހަރު ކަމުގައްޔާއި 52 ވަނަ އަހަރުކަމުގައްޔާއި 55 ވަނަ އަހަރުކަމުގައި ރިވާވެގެން އައިސްފައިވެއެވެ. 

ޢިލްމުވެރިކަން:  

أيّوب الأنصاري رضى اللّـه عنــه އަކީ ވަރަށް ޢިލްމުވެރި ބޭކަލެކެވެ. ޢިލްމަށް ލޯބިކުރެއްވި ބޭކަލެކެވެ. ޢިލްމު އުނގެނެއްވުމަށްޓަކައި ގަދަ އަޅާ މަސައްކަތްޕުޅު ކުރެއްވި ބޭކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތައް ދަސްފުޅުކުރެއްވުމާއި އެ ބަސްފުޅުތަކަށް އަމަލުފުޅު ކުރެއްވުމަކީ އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ޚާއްޞަ އުފާފުޅެކެވެ.  

އެއްފަހަރަކު أيّوب الأنصاري رضى اللّـه عنــه މާތް ރަސޫލާގެ ޙަދީޘް ބަސްފުޅެއް ކަށަވަރު ކުރެއްވުމަށްޓަކައި މިސްރަށް ވަޑައިގެންނެވިއެވެ. އޭރު އެ ޙަދީޘް ދަސްފުޅު ކުރެއްވި ޞަޙާބީންގެ ތެރެއިން ދުނިޔޭގައި ހުންނެވީ ހަމައެކަނި عقبة بن عامر رضى اللّـه عنــه އެވެ. އޭރު މިސްރުގެ ގަވަރުނަރަކަށް ހުންނެވީވެސް އެކަލޭގެފާނެވެ. 

އަބޫއައްޔޫބުގެފާނު ވަޑައިގެން އެކަލޭގެފާނު މިސްރަށް ވަޑައިގެންނެވި ސަބަބު ދެންނެވުމުން عقبة بن عامر رضى اللّـه عنــه އެ ޙަދީޘް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. [މުއުމިނެއްގެ އައިބެއް ވަންހަނާކޮށްފި މީހާ ދަންނާށެވެ. ޤިޔާމަތްދުވަހުން މާތް އޭނާގެ އައިބު ވަންހަނާކޮށްދެއްވާނެއެވެ.] {މުސްނަދު އިމާމު އަޙްމަދު}  

أيّوب الأنصاري رضى اللّـه عنــه ގެ އަރިހުން 155 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ހަތް ޙަދީޘަކާމެދު ދެ އިމާމުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.  މީގެ އިތުރަށް ބުޚާރީގައި އެއް ޙަދީޘް މުސްލިމުގައި ފަސް ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ.  

ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު أيّوب الأنصاري رضى اللّـه عنــه ގެ އަރިހުން ޙަދީޘް ދަސްފުޅު ކުރެއްވިއެވެ. ޞަޙާބީންގެ ތެރެއިން އެކަލޭގެފާނުގެ އަރިހުން ޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި جابر بن سمرة رضى اللّـه عنــه އާއި البراء بن عازب الأنصاري رضى اللّـه عنــه އާއި المقدام بن معديكرب رضى اللّـه عنــه އާއި عبد الله بن يزيد الخطمي رضى اللّـه عنــه ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

އެކަލޭގެފާނުގެ އަރިހުން ޙަދީޘް ރިވާކުރެއްވި ތާބިޢީންގެ އަދަދު ވަރަށް ގިނައެވެ. އޭގެ ތެރޭގައި سعيد بن المسيَّب  އާއި موسى بن طلحة އާއި عُروة بن الزُبير އާއި أبو سلمة بن عبد الرحمن  ފަދަ ދަރަޖަ މަތިވެރި ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. 

އަރަހުށި މާތްﷲ، އަބޫއައްޔޫބުގެފާނަށް ރުއްސުންލައްވާށި!

 

- ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން