ދިރިއުޅުމުގަ ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭމީހާ ބަލަންޖެހޭނީ ހަމައެކަނި އެދުވަހު ކުރެވުނު އަޅުކަމަކަށް ނޫނެވެ! އަޅުކަމަށް ބެލުމަށްފަހު ހަމަ ވިއްދައިގެން ފަހަތުން އެހެންމީހުންނާއި މެދުގައިވެސް ކަންކަންކުރެވުނީ ރަނގަޅަށްކަމާއިމެދު ވިސްނައިލަންވާނެއެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފަރުޟު 5 ނަމާދުކުރުމުން އެއީ ވަރަށް ބޮޑު ތަޤްވާވެރިއަކަށް ވެވުނީ ކަމަށެވެ. ރަނގަޅެވެ. ނަމާދުކުރުމާއި ތަޤްވާވެރިކަން ވަނީ ގުޅި ލާމެހިފައެވެ. ނަމަވެސް ފަރުޟު ކުރެއްވެވި 5 ނަމާދުކުރުމުން އެވެވެނީ ހަމައެކަނި މުސްލިމަކަށެވެ. އެހެންކަމަށްވާއިރު ނަމާދު ނުކުރާ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟
ދެން މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ! ތިބާއަކީ އަނބި ދަރިން ދެކެ ލޯބިވާ މީހެކެވެ. އެހެންކަމަށްވާނަމަ ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައިދީފައި ނިންމައިލާނީ ހެއްޔެވެ؟ ޔަޤީނުންވެސް އެހެނެއް ނުހަދާނެއެވެ. ކޮށްދެވެން ހުރި ހުރިހާ ކަމެއްވެސް ކޮށްދޭނެއެވެ.
ވީމާ އިސްލާމް ދީން ދެކެ ލޯބިވާ މީހަކު ހަމައެކަނި ފަރުޟު އަދާކޮށްފައި ނިންމައެއް ނުލާނެއެވެ. ސުންނަތް ވެސް ކުރާނެއެވެ. އެހެނިހެން އަޅުކަންވެސް ކުރާނެއެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާނެއެވެ. އެކަންކަން ކުރުމާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވާނެއެވެ!
ވީމާ ހަމަޖެހިލައިގެން އިނދެ ވިސްނައިލާށެވެ! ތިމާއަށް ކުރެވޭ ޢަމަލުތަކާއިމެދުގައެވެ. ނުކޮށް ދޫކޮށްލެވޭ ކަންކަމާއިމެދުގައެވެ. ހަމަ އެއާއިއެކު ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދުގައެވެ. ދެން ވިސްނައިލަންވީ ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަންކަމާއިމެދުގައެވެ. މިކަންކަން ކޮންމެ ދުވަހަކުވެސް ބަލައި އަޅާކިޔާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އެއިރުން ވިސްނޭނެއެވެ! އިޞްލާޙް ވެވޭނީ އަޅައިކިޔާ މީހަކަށެވެ!
ތިމާއަށް ތިމާގެ ބައިވެރިޔާ އާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި އަދި އެކުވެރިންނާއި އެހެން މީހުން ކޮށްދޭ ކަންކަމާއިމެދުވެސް ވިސްނާށެވެ! އެކަންކަމުގެ ބަދަލުގައި ތިމާއަށް ކޮށްދެވެނީ ކޮން ކަންކަމެއް ކަމާއިމެދުގައި ވެސް ވިސްނާށެވެ! ކޮށްދެވޭނެ ކަމަކީ ހަމައެކަނި ފައިސާ އާއި ތަކެތި ދިނުމެއް ނޫނެވެ. ޚިދުމަތްކުރުމަކީ ވެސް ހަމަ ކޮށްދެވޭނެ ކަމެކެވެ. އެންމެ މުހިންމު ކަމަކީ ހެޔޮ ދުޢާކޮށްދިނުމެވެ!
އަޅައި ކިޔުމަކީ މިހާރަކަށް އައިސް ގިނަ ބައަކު ވިސްނާވެސް ކަމެއް ނޫނެވެ! އަޅައިކިޔަންވީ އަނެކާ ކަންކަންކުރި ގޮތަށް އެމިންވަރަށް ކަންކަންކޮށްދޭކަށް ނޫނެވެ. އަޅައިކިޔަންވީ ބަދަލުގައި ތިމާއަށް ކަންކަންކޮސްދެވޭ މިންވަރު ދެނެގޮތުމަށެވެ.
އަޅުވެރި ނުވެވެނީވެސް ޝުކުރުވެރި ނުވެވެނީ ވެސް ހަމަ އެސަބަބަށްޓަކައެވެ. ވީމާ އިޞްލާޙްވާން އެދޭ މީހާ ގިނަގިނައިން އަޅާކިޔަންވާނެއެވެ! ނަމަވެސް ހަމައެކަނި މިބުނި ބޭނުމުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން