އަނެކާ ކުރާ މަސައްކަތަށް ނުބަލައި ތިމާއަށް ދެއްވެވި ހުނަރުގެ ބޭނުން ހިފައިގެން ކުރިއަށްދާނަމަ ކުރާ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަނެކާ ކުރާ މަސައްކަތަށް ނުބަލައި ތިމާއަށް ދެއްވެވި ހުނަރުގެ ބޭނުން ހިފައިގެން ކުރިއަށްދާނަމަ ކުރާ ފައިދާ މާބޮޑުވާނެ!

މުސްލިމުންނަކީ ދިރިއުޅެން ވަކި މަސައްކަތެއް ކުރަން ޖެހޭ ބައެއް ނޫނެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ މަސައްކަތެއްވެސް ކުރަންވީއެވެ. ނަހީ ކުރައްވަވާފައިވަނީ ވަރަށް މަދު މަސައްކަތްތަކެކެވެ. ވީމާ މަސައްކަތްކުރަން އެއްވެސް ހުރަހެއް ނެތެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުރަން ޖެހޭނީ އަނެކާ ކުރާ މަސައްކަތް ކަމަށެވެ. އަނެކާ މަސައްކަތް އެކުރަނީ އޭނާއަށް ދެއްވެވި ހުނަރުގެ ބޭނުންކޮށްގެންނެވެ. ދެން އެ ހުނަރު ކޮޕީކޮށް އޭނާ ފަދަ މީހަކަށްވާން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

ކޮންމެ މީހަކުވެސް ﷲ ތަޢާލާ އުފައްދަވާފައިވަނީ ޚާއްޞަ ހުނަރުތަކަކާއިއެކުގައެވެ. އެކަން ޤަބޫލުކޮށް ޝުކުރުވެރިވެ ބަލައިގަންނަންވާނެއެވެ. މިބުނި ގޮތަށް އެކަން ބަލައިގަތުމަކީ އެހެން މީހުންނަށް ނުވިސްނައި އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ހުނަރުގެ ބޭނުންކޮށްގެން ކުރިއަށް ދިއުމަށް މަސައްކަތްކުރުމެވެ.

އަޑުމަޚްރަޖް ރީތި ބައެއް މީހުން ސުވާލުކުރެއެވެ. އަހަރެން ލަވަކިޔައި އުޅުނިއްޔާ ވާނީ ކީއްހެއްޔެވެ؟ ރިވެތި އަޑު މަޚްރަޖެއް ދެއްވަވާފައިވުމުން އެ އޮތީ ވަރަށް މަތިވެރި ނިޢްމަތެއް ދެއްވަވައިފައެވެ. ވީމާ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ، ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަން ވިސްނުމުގެ ބަދަލުގައި ދެއްވަވާފައިވާ ނިޢްމަތުގެ ބޭނުންކޮށް ރިވެތި ރާގުތަކަށް ކީރިތި ޤުރްއާން ކިޔެވުން ކީއްހެއްޔެވެ؟ މަދަޙަ ކިޔުން ކީއްހެއްޔެވެ؟

މީސްތަކުންގެ މުނިފޫހިފިލުވައި ދިނުމުގެ ގޮތުން ލަވަކިޔައި އުޅުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. ޚާޢްޞަކޮށް ޝައިޠާނާގެ ދުންމާރީގެ ބޭނުންކުރުން ހުއްދައެއް ނޫނެވެ. މިޒަމާނުގައި މުނިފޫހިފިލުވައިދޭން ލަވަކިޔާއިރު ކޮރު ލައްވަން އެބަޖެހެއެވެ. ދީނީ ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެކަމަށް އަޅާ ކޮންމެ ފިޔަވަޅެއް އެ އަޅަނީ ނަރަކައިގައެވެ. އެ ބަސްފުޅަށް އަހުރެންވެސް ތާއީދުކުރަމެވެ. ވީމާ އަހުރެންގެ ނަސޭޙަތަކީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި ހުނަރުގެ ބޭނުން ދެދުނިޔޭގައި ތިމާއަށް ފައިދާކުރާނެ ގޮތުގައި ބޭނުންކުރުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން