މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ z މަދީނާއަށް ހިޖުރަކުރެއްވިއިރު އެ ރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހު (އެބަހީ: މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހު) ރޯދަ ހިފާތީ، އެއީ ކީއްވެގެން ހިފާ ރޯދައެއްތޯ އެމީހުންނާ ސުވާލު ކުރެއްވިއެވެ. އެ މީހުން އެ ދުވަހު ރޯދަ ހިފަނީ، އެ ދުވަހުގައި މާތް ﷲ مُوْسَىގެފާނު ސަލާމަތް ކުރައްވައިފައިވާތީކަމަށް ދެންނެވުމުން، ރަސޫލާ z ޙަދީޘްކުރެއްވިއެވެ. (فَأَنَا أَحَقُّ بِـمُوْسَى مِنْكُمْ)[1] މާނައީ: "ތިޔަބައިމީހުންނަށްވުރެ، مُوْسَىގެފާނަށް ޓަކައި ޙައްޤުކަން ބޮޑީ ތިމަން ކަލޭގެފާނެވެ." ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބަޔާންކޮށް ދެއްވަމުން ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (وَصِيَامُ يَوْمِ عَاشُوْرَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّـتِـيْ قَبْلَهُ)[2] މާނައީ: "އަދި عَاشُوْرَاء ދުވަހު ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއް ކަމުގައި ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ."
މުސްލިމް އަޚުންނޭވެ! ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ ޢަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާ z ގެ ސުއްނަތުން އެނގެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صُوْمُوْا يَوْمَ عَاشُوْرَاءَ، وَخَالِفُوْا فِيْهِ الْيَهُوْدَ، صُوْمُوْا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)[3] މާނައީ: "ތިޔަބައިމީހުން عَاشُوْرَاء ދުވަހު ރޯދަހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ޚިލާފުވާށެވެ! އެދުވަހާއެކު އޭގެ އެއް ދުވަސް ކުރިން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސްފަހުން (އެބަހީ: އެގާރަވަނަ ދުވަހު) ތިޔަބައިމީހުން ރޯދަހިފާށެވެ!"
ابن القيم رحمه الله ވިދާޅުވެފައިވެއެވެ. "(ޢާޝޫރާދުވަހު) ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއްދުވަސް ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުމެވެ.[4]
މާތް الله ގެ އަޅުތަކުންނޭވެ! ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތެވެ.