މަންމައަކު މަރުބަލީގައި އޮވެ އެއްވެސް ކަމަކަށް ދަތިވެގެން ކަންބޮޑުވާން ނުޖެހި އުޅުމަށް ދަރިފުޅަށް ބުނެދިން މި ވަޞިއްޔަތް ވަރަށް ކާމިޔާބުކަން ގިނަބައަކު ދަނީ ތަޖުރިބާކުރަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
މަންމައަކު މަރުބަލީގައި އޮވެ އެއްވެސް ކަމަކަށް ދަތިވެގެން ކަންބޮޑުވާން ނުޖެހި އުޅުމަށް ދަރިފުޅަށް ބުނެދިން މި ވަޞިއްޔަތް ވަރަށް ކާމިޔާބުކަން ގިނަބައަކު ދަނީ ތަޖުރިބާކުރަމުން!

އަހުރެމެންގެ މައިންބަފައިން ދުނިޔޭގައި އުޅުނީ ވަރަށް ދަތިޙާލުގައެވެ. އެހެންކަމާއިއެކުވެސް އެމީހުން ކަންބޮޑުވެގެނެއް ނުއުޅެއެވެ. އުޅުނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ތަފްޞީލް ފަހުން ކިޔައިޑޭނަމެވެ. އިން ޝާ ﷲ  

މިރޭ ފުރަތަމަ މިކިޔައިދެނީ ދާދިފަހުން އަންހެނަކު ކިޔައިދީފައިވާ ވާހަކައަކުން ތަންކޮޅެކެވެ.  

"އަހުރެންގެ މައިންބަފައިން ނިޔާވީ އުމުރުން 17 އަހަރު ފުރުމުގެ ކުރިންނެވެ. މަންމަ ނިޔާވުމުގެ ބަލީގައި އޮވެ ބުންޏެވެ. "ދަރިފުޅާއެވެ. ދެން މަންމަ މާގިނަ ދުވަހަކު ދުނިޔެއަކު ނުއޮންނާނެއެވެ. މަންމަ ނިޔާވުމުން ދަރިފުޅު ވަރަށް އެކަނިވާނެއެވެ. އެހެންވީމާ މިދައްކާ ވާހަކަތައް ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ!  

އެންމެ ގާތް އެކުވެރިއަކީ އެއްވެސް އިންސާނަކު ކަމުގައި ނުހަދާށެވެ! އެންމެ ގާތް އެކުވެރިއަކީ ﷲ ކަމުގައި ހަދާށެވެ! އަދި އެންމެ ގިނައިން ހަނދާންކުރަނީ އެއްވެސް އިންސާނެއްގެ މަތިން ކަމުގައި ނުހަދާށެވެ! އެންމެ ގިނައިން ހަނދުމަކުރާ ފަރާތަކީ ﷲ ކަމުގައި ހަދާށެވެ! ދަރިފުޅު އެކަނިވެރިވެ ނިކަމެތިވެގެނެއް ނުދާނެއެވެ! އިން ޝާ ﷲ." 

މަންމަ ނިޔާވުމުން މަންމަގެ ވަޞިއްޔަތަށް ޢަމަލުކުރީމެވެ. ވަރަށް ދަތިހާލުގައި އެކަނި ގޭގައި އުޅުނީމެވެ. ނަމަވެސް އެކަމަކަށް ނިވިސްނަމެވެ. އަބަދުވެސް ހަނދާންކުރީ ﷲ އެވެ. އެކަމުގެ ނަތީޖާއަކީ ކޮންމެވެސް ގޮތަކުން ރިޒުޤް ލިބުނެވެ. ބޭނުންތައް ފުދުނެވެ. ސަލާން ޖަހާކަށް ނުޖެހުނެވެ. އެކަނި އުޅެންޖެހުނުތާ 2 އަހަރު ނުވަނީސް ހަމަ ގޭގައި އިންދާ ހެޔޮލަފާ ފިރިއަކު ލިބުނެވެ. އެކައިވެނީގައި މިހާރު 20 އަހަރުވީއެވެ.  

މިހާރުވެސް މަންމަގެ ވަޞިއްޔަތަށް ޢަމަލުކުރަމެވެ. ބައެއް ބޭނުންތައް ނުފުދި ލަސްވިނަމަވެސް އަސާސީ ހުރިހާ ބޭނުންތަކެއް ފުދެއެވެ. ދަރިންނަށް އެބަ ކިޔަވައިދެވެއެވެ. އެއްވެސް ކަމަކާއި ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ."  

މިފަދަ ވާހަކަތައް ކިތަންމެ މީހަކު ވަނީ ކިޔައިދީފައެވެ.   

ތިބާގެ ހިތް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ފުރާލާށެވެ! ބުނެފިނަމަ އެއީ ކިހިނެއް ކުރެވޭނެ ކަމެއް ކަމާއިމެދު ބައެއް މީހުން ސުވާލުކުރެތެވެ. އެއީ އަހުރެން ބުނާ ވާހަކައެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން އެނގެން އޮތް ކަމެކެވެ.   

އެއުރެންނީ، އީމާން ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައްރަޢްދް: 28) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ އެމީހަކީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކު ނަމަ ﷲ ތަޢާލާ ހަނދުމަކުރުމުން އެމީހާގެ ހިތަށް ހަމަޖެހުން ލިބޭނެ ލިބޭނެ ކަމެވެ. ވީމާ ގިނަގިނއިން ﷲ ތަޢާލާގެމަތިން ހަނދުމަކުރާ މީހުންނަށް ހިތްހަމަޖެހުން ދެއްވަވާނެތެވެ! އިން ޝާ ﷲ  

ހަނދާން ކުރަންވީ ކުރިމަތިވެފައިވާ މައްސަލަކާއިމެދުގައެއް ނޫނެވެ. ކުރިމަތިވެފައިވާ މައްސަލައެއްގެ މަތިން ހަނދުމަވާއިރަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ފަށާށެވެ!  

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (ބަޤަރާ: 152) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން