މިކުރެވެނީ ފާފައެއްކަން އިޙްޞާޞްވުމުން އަވަހަށް ތައުބާވެވޭނީ ﷲ ދެކެ ފިސާރި ލޯބިވާ މީހުންނަށް! އިންތިހާއަށް ބިރުވެތިވާ މީހުންނަށް! އެމީހުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
މިކުރެވެނީ ފާފައެއްކަން އިޙްޞާޞްވުމުން އަވަހަށް ތައުބާވެވޭނީ ﷲ ދެކެ ފިސާރި ލޯބިވާ މީހުންނަށް!  އިންތިހާއަށް ބިރުވެތިވާ މީހުންނަށް!  އެމީހުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ!

ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އަބޫ ޒައްރު ރަސޫލް (ﷺ)ގެ އަރިއަހުން އެދިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޤަޞްދުގައި ނަމަވެސް ފާފައެއް ކުރެއްވެވިއްޖެ ނަމަ ލަސް ނުކުރުރައްވަވައި އަވަހަށް ހެޔޮ އަމަލެއް ކުރައްވާށެވެ!"

އިންސާނުން ކަމަށްވީތީ ފާފަ ކުރެވޭނެއެވެ. ވީމާ ޤަޞްދުގައި ނަމަވެސް ޤަޞްދުގައި ނޫން ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ ރަނގަޅު ވަގުތެއް ޖެހުމުން ތައުބާވާން މަޑުނުކުރާށެވެ! ހަމަ ވަގުތުން ތައުބާވެ ހެޔޮ ޢަމަލެއް ކުރާށެވެ! ފާފަކުރެވެމުން ދަނިކޮށް ނަމަވެސް މިކުރެވެނީ ފާފައެއްކަން އިޙްޞާޞް ކުރެވިއްޖެނަމަ އެ ޢަމަލު އިތުރަށް ކުރިއަށް ނުގެންދާށެވެ! ވަގުތުން ހުއްޓާލައި ތައުބާވާށެވެ! ހެޔޮ އަމަލެއް ކުރާށެވެ!

މިޒަމާނުގައި ޒުވާނުންނަށް ކުރެވޭ އެންމެ ޢާންމު ފާފައަކީ މަސްތުވުމާއި ފާހިޝް އަމަލުކުރުމެވެ. މި އަމަލެއް ކުރެވެމުންދާ ވަގުތުގައިވެސް މިކުރެވެނީ ފާފައެއްކަން އިޙްޞާޞް ކުރެވިއްޖެނަމަ އަވަހަށް އެކަން ކުރުން ހުއްޓައިލާށެވެ! އެ މާހައުލަކުންވެސް ނުކުމެ ދުރަށްދާށެވެ! އެ މާޙައުލުގައި އެވަނީ ޝައިޠާނާގެ ބާރާއި ނުފޫޒެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ﷲ ތަޢާލާއަށް ތައުބާވެވޭނީ ފަހުގެ ވަގުތެއްގައި ކަމަށެވެ. ފާފަކުރުމުގެ ވަގުތުގައި އެކަން ނުކުރެވޭނެ ކަމަށެވެ. އެއީ ކާކު ދެއްކި ވާހަކައެއް ހެއްޔެވެ؟ ފާފައެއް ކުރެވުމުގެ މެދުތެރެއިން ނަމަވެސް މިކުރެވެނީ ފާފައެއްކަން އިޙްޞާޞް ކުރެވިއްޖެނަމަ އެއީ ވެސް ﷲ ތަޢާލާ ދެއްވެވި ވަރަށް މަތިވެރި ނިޢްމަތެކެވެ. ޝުކުރުވެރިވެ ފާފަކުރުން ވަގުތުން ހުއްޓާލައި ޛިކްރުކުރަން ފަށާށެވެ! ﷲ ތަޢާލާއަށް ޛިކްރު ނުކުރެވޭނެ ވަގުތެއް އަދި ޙާލަތެއް ނުއަންނާނެއެވެ.

ލޮބުވެތި ޒުވާނުންނޭވެ! ތިއައިން ޒުވާނަކު މިބުނިފަދައިން ޢަމަލުކޮށްފިނަމަ އެކަން ވެގެންދާނީ ޝައިޠާނާ އާއި ދެކޮޅަށް ކުރެވުނު ވަރުގަދަ ޖިހާދަކަށެވެ. އަމިއްލަ ނަފްސާއި ދެކޮޅަށް ވެވުނު މަތިވެރި ޤުރްބާނީ އަކަށެވެ. އެންމެ މަތިވެރި ޖިހާދަކީ ހަވާނަފުސާއި ދެކޮޅަށް ކުރާ ޖިހާދުކަމަށް އޮތް ބަސްފުޅުން ހިތްވަރު ލިބިގަންނާށެވެ!

ތިބާ އެފަދަ ޤުރްބާނީއެއް ވެއްޖެ ނަމަ އެހާލަތުގައި ތިބާއަށް ކުރެވުނު ފާފައަކީ އަޅުކަމަކަށް ބަދަލުކޮށްދެއްވެވުމަށް ވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ! އަހަރެމެންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ދުޢާކުރުމެވެ! އަދިކީއްހެއްޔެވެ؟ ތިބާއަށް ކުރެވުނު ފާފައަށް ވަގުތުން ތައުބާވުމުން ފަތުގައިވެސް ނުލިޔުއްވަވާނެތެވެ! ނަމަވެސް ތިބާކުރި ހެޔޮ ޢަމަލަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ! އިން ޝާ ﷲ.

ފާފައެއް ކުރެވޭ ވަޤުތު އެކަން ވިސްނި ފާފަކުރުން ހުއްޓާލައި ތައުބާވުމަކީ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އެކަން ކުރެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހުންނަށެވެ. ތަޤްވާވެރިންނަށެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން