الله سبحانه وتعالى އާއި تَوَسُّلْ (ކުއްތަން/ގާތް) ވެވޭނެ ބައެއް ގޮތްތައް:
- الله سبحانه وتعالىގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުންކޮށްގެން އެކަމަކަށް އެދުން.
މިޘާލަކަށް: – އޭ الله، މި އަޅާ އަށް ތެދުމަގު ދައްކަވާންދޭވެ. އޭ ރަޙީމްވަންތަ ރަޙްމާންވަންތަ الله އެވެ، މި އަޅާ އަށް ރަޙްމަތް ލައްވާންދޭވެ. އޭ ޣަފޫރްވަންތަ އިލާހެވެ. މި އަޅާގެ ފާފަ ފުއްސަވާންދޭވެ…..
- އީމާންތެރިކަމާއި އަމިއްލައަށް ކޮށްފައިވާ ހޮޔެ ޢަމަލްތަކުގެ ޛަރިއްޔާއިން. މިކަމަށް ކީރިތި ނަބިއްޔާގެ އަރިހުން ވަރަށް މަޝްހޫރު ޙަދީޘަކުން ދަލީލު ލިބެއެވެ. އާދެ އެޙަދީޘަކީ ތިން މީހަކު ދަތުރު ކުރަމުން ދަނިކޮށް ވާރޭ ވެހެން ފެށުމުން ހޮހޮޅައަކަށް ވަންހިނދު އެހޮހޮޅައިގެ ދޮރު މައްޗަށް ބޮޑު ހިލައެއް ޖެހި ނިކުމެވޭނޭގޮތެއް ނެތި އެތަނުގައި ބަންދުވިއެވެ. ދެން އެބޭކަލުން ކުރައްވާފައިވާ ހެޔޮޢަމަލުތަކުގެ ޛަރީޢާއިން އެތަނުން މިންޖުކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރެއްވިއެވެ. މިޙަދީޘަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ދަންނަ މަޝްހޫރު ޙަދީޘެކެވެ. ޙަދީޘް ރިވާ ކުރައްވާފައިވަނީ އިމާމް ބުޚާރީއާއި މުސްލިމްއެވެ.
- ޔޫނުސް عليه السلام ހެއްދެވިފަދައިން، الله سبحانه وتعالىގެ އެއްކައުވަންތަކަމަށް އިޤްރާރުވެ، الله سبحانه وتعالى ޙަޟްރަތުން އެކަމަކަށް އެދުން.
- އަމިއްލައަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވާ ޙާލުގައި އެދުން.
- އައްޔޫބް عليه السلام ހެއްދެވިފަދައިން، ތިމާގެ ބަލިކަށިކަމާއި ނިކަމެތިކަމާއި، الله سبحانه وتعالى އަށް ބޭނުންވެފައިވާލެއް ބޮޑުކަން ހާމަކޮށް، އާދޭހާ އެކު އެދުން.
- ދިރިހުރި ޞާލިޙް މީހެއް މެދުވެރިކޮށް އެދުން. މިގޮތުން ޞަހާބިއްޔަ رضي الله عنهم ވަނީ އެބޭބޭކަލުންނަށް ތަދުމަޑު ކަމެއް ޖެހިއްޖެނަމަ ރަސޫލް صلى الله عليه وسلم އަރިހަށް ގޮސް ވާރޭ ވައްސަވައިދެއްވުން އެދި الله އަށް ދުޢާ ކޮށްދެއްވެވުމަށް އެދިވަޑައިގެންފައެވެ.
އަދި ރަސޫލު الله صلى الله عليه وسلم އަވަހާރަވުމުން އެބޭބޭކަލުން ވަނީ ހަމަ އެފަދައިން ރަސޫލު الله صلى الله عليه وسلمގެ ބޮޑުބޭބޭފުޅު އައްބާސްގެފާނުގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.
އާދެ އެއްވެސް ޙާލެއްގައި އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޤަބުރުކޮޅަށް ގޮސް ނުވަތަ އެކަލޭގެފާނުގެ ކިބައިން މިވެނި އެވެނި ކަމެއް ކޮށްދެއްވުމަށް ޞަޙާބިއްޔަ ބޭކަލުން އެދިވަޑައިގެންފައެއް ނެތެވެ. އެބޭކަލުންނީ އެންމެ ހެޔޮ ޤަރުނުގައިވީ މީސްތަކުންނެވެ.
- ޝައިޚް އާދަމް ނިޝާން ޢަލީ