އަޅުގަނޑަށް އައު ހެދުން ލިބޭލެއް މަދުކަމުން އެކުވެރިން މަލާމާތް ކުރެއެވެ. އަޅުގަނޑަށްވެސް އެމީހުންނަށް ލިބޭވަރަށް މުސާރަވެސް ލިބެއެވެ. ނަމަވެސް މައިންބަފައިންނަށް ޚަރަދުކުރަންޖެހޭތީ ފޭރާން އެހާގިނައިން އައުނުކުރެވެނީއެވެ. އައުހެދުން ނުގަނެވެނީއެވެ. އެއީ މަލާމާތްކުރަންޖެހޭނެ ކަމެއްތޯ؟
ސުވާލު ކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ. އިން ޝާ ﷲ ތިބާއަށް ތިއަ ދެވެނީ ސުވަރުގެއާއި ދިމާއަށެވެ. ސުވަރުގެ ވަދެވުމުން ލިބޭނެ ފޭރާމުގެ ރީތިކަމާ އައުކަން ހިތަށްވެސް ނުގެނެވޭނެއެވެ. އެދުވަހަށް އިންތިޒާރުކޮށްލާށެވެ. އަދި ތިރީގައިވާ ލިޔުމަށް ވިސްނައި ސަމާލުކަންދޭށެވެ.
ކޮންމެ މީހަކީ އަބަދު އައު ހެދުމާއި މޮޅުފޭރާމުގެ ހެދުން ލިބޭނެ މީހެއް ނޫނެވެ. ދުނިޔޭގައި އުޅޭއިރު ފޮތިމަތިން ފޮތިއަޅައިގެން ނަމަވެސް އަޢުރަ ނިވާކުރެވިއްޖެ ނަމަ ފުދުނީއެވެ. ގަދައަޅައި މަސައްކަތްކުރަންވީ ނަރަކައިގެ ހޫނުމިން އިތުރަށް ހޫނުކޮށްދޭ ނަރަކައިގެ ފޭރާން ނުލުމަށެވެ. ޙަޤީޤީ ޒީނަތްތެރި ކަމަކީ ސުވަރުގޭގެ ރިވެތި، މީރުވަސްދުވާ ފޭރާން ލާން ލިބުމެވެ.
ނަރަކައިގެ ފޭރާން ލާން ޖެހޭ މީހަކަށް ވެއްޖެ ނަމަ ދުނިޔޭގައި އުޅެން މިލިބޭ މަދު ދުވަސްކޮޅު ލާ އަގުބޮޑު ފޭރާމުގެ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުހޯދިއްޖެނަމަ އޮތީ ކޮން މުއްސަނދިކަމެއް ހެއްޔެވެ؟ ވީމާ ފޭރާން ލުމުން ވެސް އިޤްޠިޞާދުކޮށް ޞަދަޤާތްކުރުން ގިނަކުރާށެވެ!
މަދު ކާއެތިކޮޅަކުން ފުދިދާނެއެވެ. ލިބޭ ކާއެތިކޮޅު ކިތަންމެ މަދު ނަމަވެސް ހަމަ އުފަލުގައި ވެސް ދުނިޔޭގައި އުޅެވިދާނެއެވެ. ދުނިޔޭގެ އާބާދީގެ ގިނަ ބައަކު މިހާރުވެސް ދަނީ މިކަން ސާބިތުކޮށް ދައްކައިދެމުންނެވެ.
ނަމަވެސް ދުނިޔެ އާއި އާޚިރަތް ހޯދޭނީ ހެޔޮ ޢަމަލުތައް ވީހައި ގިނައިންކޮށްގެންނެވެ! އަދި އިޚްލާޞްތެރިކަމާއިއެކު އަމަލުކޮށްގެންނެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް އަޅުކަންކޮށްގެންނެވެ.
ވީމާ އިޚްލާޞްތެރިކަމާއިއެކު ހެޔޮ އަމަލުކުރުން ގިނަކުރަން ދޭ ސަމާލުކަން އިތުރުކުރާށެވެ! ދުނިޔަވީ ބޭނުންތައް ފުއްދަން ކުރާ މަސައްކަތްތަކަށްވުރެ އާޚިރަތް ހޯދަން ކުރާ މަސައްކަތް ގިނަކުރާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން