ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމަކީ އެމީހާގެ ޙައްޤަކަށްވާނަމަ ހުރިހާ ކަމެއް ހުއްދަ ނުކުރަނީ ކީއްވެ؟: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމަކީ އެމީހާގެ ޙައްޤަކަށްވާނަމަ ހުރިހާ ކަމެއް ހުއްދަ ނުކުރަނީ ކީއްވެ؟: ޝައިޚް އާދަމް ނިޝާން

ތިރީގައިވާ ލިޔުމަކީ އެމީހަކު ކުރާހިތްވާ ނުވަތަ ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމަކީ އެމީހަކަށް ލިބިދޭ ޙައްޤެއްކަމަށް ޤަބޫލުކުރެވޭ މީހުން ކުރާ ސުވާލުތަކަށް އޮތް ވަރަށް ރަނގަޅު ޖަވާބެކެވެ.  

ޙައްޤު އަންނާނީ ﷲ ގެ ޙަޟްރަތުންނެވެ. ވީމާ ޙައްޤު އޮޅުވާލައިގެން ނުވާނެއެވެ. ފާޑުފާޑުގެ ނަންނަމުގައި ޖަމާއަތް ހަދައިގެން އައިސް މިވެނި ކަމަކީ ޙައްޤުކަމަށް ބުނި ނަމަވެސް ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙައްޤެއް މެނުވީ އެއްވެސް ޙައްޤަކަށް ނުވާނެއެވެ. 

އެމީހަކު ބޭނުންވާ ދީނަކަށް އުޅުމާއި ފާހިޝް އަމަލުތައް ކުރުމާއި އެއްޖިންސުން ކައިވެނިކުރުން ފަދަ ކަންކަމަކީ އެމީހަކު ކުރާހިތްވުމުން، އެމީހަކު ކުރަން ބޭނުންވެގެން ކުރުމުން އެއީ މައްސަލައެއް ނޫން ކަމަށް އެބަ ބުނެއެވެ. މީހުން މެރުމާއި މީހުންގެ މުދައުފޭރުމާއި އެނޫންވެސް ބޮޑެތި ޖަރީމާތައް ވެސް ހިންގަނީ ވެސް އެމީހުން އެކަންކަން ހަމަ ކުރާ ހިތުންނެވެ. އެހެންކަމަށްވާއިރު އެކަންކަން ކުރުމަކީވެސް އެމީހުންނަށް ލިބިފައިވާ ޙައްޤެއް ކަމަށް ޤަބޫލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެކަންކަން ކުރުމުން ކުށްވެރިކޮށް އަދަބުދެނީ ކީއްވެގެން ހެއްޔެވެ؟ 

ތިމަންނާ ﷲ ތަޢާލާއަށް އީމާންވަމޭ ބުނުމުން އީމާންކަން ފުރިހަމަވެ ސުވަރުގެ ވަދެވޭނަމަ މުނާފިޤުންނަސްވެސް ވަދެވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި އީމާންވުމުގެ ޙަޤީޤީ މާނަ މާބޮޑެވެ. އީމާންވި ކަމަށް ބުނާނަމަ އީމާންވި ކަންކަމަށް ޢަމަލުކުރަންވެސް ޖެހޭނެއެވެ. އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ. 

ފިރުއަޢުނުވެސް އެންމެ ފަހުވަގުތު ޝަހާދަތް ކިޔަން މަސައްކަތްކުރިއެވެ. ﷲ ތަޢާލާ އަސް އީމާންވާ ކަމަށާއި ތިމަންނާ ވެސް ވަނީ މުސްލިމުންގެ ތެރެއިން ކަމަށް ފިރުއަޢުނު ބުންޏެވެ. ނަމަވެސް ﷲ ތަޢާލާ އޭނާގެ ބުނުން ޤަބޫލުފުޅެއް ނުކުރެއްވެވިއެވެ.

ހަމައެފަދައިން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ބޮޑުބޭބޭފުޅު އަބޫޠާލިބްގެފާނު، ޙައްޤު ދީނަކީ އިސްލާމް ދީން ކަމަށް ޤަބޫލުފުޅު ކުރެއްވެވިއެވެ. ނަމަވެސް ޝަހާދަތުގެ ދެކަލިމަ ކިޔައި ދުލުން އިޤްރާރުވާން ދެކޮޅު ހެއްދެވިއެވެ. ނުވަތަ ފަސްޖެހިވަޑައިގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން ވެގެން ދިއައީ އަބަދުގެ އަބަށް ނަރަކަވަންތަވެރިއަކަށެވެ.

ކަންކަން އޮތީ މިފަދައިން ނަމަވެސް ބޭރުން ގެނެސް ވައްދާ ނުބައި ޢަޤީދާތަކުގެ ސަބަބުން އިސްލާމް ކަމުން ބޭރުވެގެން އެބަދެއެވެ. ޙަރާމް ކަންކަން ކުރުމަމަކީ ވެސް ރަނގަޅު ނިޔަތެއްގައި ކޮށްފިނަމަ އެއްވެސް މައްސަލައެއް ނޫން ކަމަށް އެގެންދަނީ ވިސްނައިދެމުންނެވެ. 

އެމީހުން ޤަބޫލުކުރާ އެކަތިން އަނެކަތި އުފެދުމުގެ ނަޟަރިއްޔާތާއި ނުވަތަ ރިވޮލުޝަނަރީ ތިއަރީ އާއި ދިމާކުރުމަށްޓައި ކީރިތި ޤުރްއާން އެބަ އޮޅުވައިލައެވެ. އެންމެ ފުރަތަމަ އުފެއްދެވި އިންސާނަކީ އާދަމްގެފާނުކަން ކީރިތި ޤުރްއާނުން އެނގެން އޮތް ނަމަވެސް ހަމަ ކީރިތި ޤުރްއާނުން އެނގެން އެބައޮތް ކަމަށް ބުނެ ފުރަތަމަ އުފެއްދެވީ ހައްވާގެފާނު ކަމަށްވެސް އެބަ ބުނެއެވެ. 

ކޮންމެ މީހަކު ކޮންމެ ގޮތަކަށް ބުނި ނަމަވެސް އާދަމްގެފާނަކީ އެންމެ ފުރަތަމަ އުފެއްދެވި އިންސާނާ ކަމަށް ޤބޫލުނުކުރާ އެއްވެސް މީހަކީ ކީރިތި ޤުރްއާނަށް އީމާންވެގެން ހުރި މީހެއް ނޫނެވެ. އެމީހަކީ ކީރިތި ޤުރްއާން ބަލައިގަންނަ މީހެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ޤަބޫލުކުރާ މީހެއްވެސް ނޫނެވެ. 

ކިތަންމެ ބޮޑު ޢިލްމުވެރިއެއް ނަމަވެސް ޖެހޭނީ ކީރިތި ޤުރްއާން އެއިގެ އަޞްލާއި އެއްގޮތަށް ބަލައިގަންނާށެވެ! އެފޮތް ބާވައިލެއްވެވި ގޮތަށް، އެއިގެ މާނައިގައި ޤަބޫލުކުރާށެވެ! އެއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. 

ރަސޫލް () ވަނީ ޞަހާބީންނަށް ކީރިތި ޤުރްއާން މާނަ އާއިއެކު ދަސްކޮށް ދެއްވަވައިފައެވެ. އެއިގެ 1400 އަހަރުފަހުން އަންނަ މީހަކަށް އެމީހަކު ބޭނުންވާހައި ގޮތަކަށް މާނައެއް ނުކުރެވޭނެއެވެ. 

"ބައެއް މީހުން އެބަބުނޭ! ކީރިތި ޤުރްއާނުގައި މިވެނިކަމެއް މިވެނި ގޮތަކަށް އެބައޮތޭ. ހާދަފާ ލާއިންސާނީ ކަމެކޭ. ކިހިނަކުންހޭ ޤބޫލުކުރެވޭނީ! ނަމަވެސް ކީރިތި ޤުރްއާނުގައިވާ އެއްވެސް ކަމެއް ދޮގުކޮށްފި އެއްވެސް މީހަކަށް އިސްލާމަކަށް ނުވެވޭނެ. މުސްލިމަކަށް ވެވޭނީ ﷲ ހަރާމް ކުރެއްވެވި ކަންކަން ޙަރާމް ކަމެއްގެ ގޮތުގަ އާއި ޙަލާލް ކުރެއްވެވި ކޮންމެ ކަމެއް ޙަލާލުގެ ގޮތުގައި އަދި ކޮންމެ ޙުކުމްފުޅެއް އެ ޙުކުމްފުޅުގެ ގޮތުގައި ޤަބޫލުކޮށް ޢަމަލުކުރުމުން. ޢަމަލުކޮށްގެން."

ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ޤަބޫލުކުރާނަމަ އަޅުގަނޑުމެންގެ ފިޠުރަޠު އޮޅިގެންދިއައީއެވެ. 

ޝިރުކުރު ކުރުމަކީ މިހުރިހާ ކަމަކަށްވުރެ ނުބައިފާފައެކެވެ. ޝިރުކު ކުރުން މަތީގައި މަރުވެއްޖެ މީހަކަށް އޮތީ ނަރަކައެވެ. ވީމާ އެކަމަށް ބިރުވެތިވާށެވެ!

 

- ޝައިޚް އާދަމް ނިޝާން ޢަލީގެ ދަރުސަކުން

__________________________________________________

 

މިއަދު އޮންލައިން