މިއަދު ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ލިބޭ ދަރިން ނުކިޔަމަންތެރިވުމެވެ. ބަސް ޤަބޫލުނުކުރަމެވެ. ކޮށްލަން އޮތް ސުވާލަކީ ދަރިފުޅަށްޓަކައި ފުރަތަމަ ކުރަން އޮތް ދުޢާ ކުރިން ހެއްޔެވެ؟ އެދުޢާއަކީ ކޮބައިކަން ގިނަބައަކަށް ނުވެސް އެނގެއެވެ.
އެއްވެސް ޝައްކެއް ނެތެވެ. އެދުޢާއަކީ ދެމަފިރިން އެއްދާން ކުރުމުގެ ކުރިން ކުރަން އޮތް ދުޢާއެވެ. ތިމާމެންނާއި ދެއްވަވާ ދަރިފުޅު ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެވެ.
އެއްދާންކުރުމުގެ ކުރިން ކިޔާދުޢާ
"بِسْمِ اللهِ. اَللَّهُمَّ جَنِّبْناَ الشَّيْطاَنَ وَجَنِّبِ الشَّيْطاَنَ ماَ رَزَقْتَناَ" (رواه البخاري ومسلم)
"ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ!" (ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް)
ދެން މިދުޢާތައްވެސް ކުރައްވަމުން ގެންދަވާށެވެ!
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا – الفرقان: ٧٤
އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ.
رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ- آل عمران: ٣٨
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ.
رَبِّ هَبْ لِي مِنَ الصَّالِحِينَ – الصافات: ١٠٠
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!
رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ- الأنبياء: ٨٩
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ
ދުޢާތައް: ޝައިޚު މުޙައްމަދު ޝާފިޢު