އިސްލާމް ދީނަކީ މީސްތަކުންނަށް ޙަޤީޤީ ފައިދާކުރާނެ ހުރިހާ ކަންކަން ކުރަން ބާރުއަޅާ ދީނެވެ. ޙަލާލް ގޮތުގައި ރިޒުޤް ލިބޭނެ ކަންކަން ކުރުމާއި ރިޒުޤް ހޯދަން މަސައްކަތްކުރުމަކީ ޘަވާބު ދެއްވަވާނެ ކަންކަން ކަމުގައި ލައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ.
ދުނިޔޭގައި ކާބޯތަކެތީގެ އަގުތައްދަނީ އުފުލެމުންނެވެ. އެންމެ އަސާސީ ބައެއް ބާވަތްތަކުގެ އަގު މިހާރުވެސްވަނީ ދެގުނައަށް އުފުލިފައެވެ. ދުނިޔެ އިޤްޠިޞާދި ބޮޑު ކާރިސާއަކަށް ކުރިމަތިލާފައިވާކަން އެފްއޭއޯ އާއި އެހެންވެސް ފަރާތްތަކުން ގެންދަނީ ހާމަކުރަމުންނެވެ.
ހުރިހާ ޤައުމުތަކުންވެސް ގެންދަނީ މިކަންކަމުގެ ވާހަކަތައް ހާމަކުރަމުންނެވެ. ވީމާ ކިތަންމެ ކުޑަނަމަވެސް ބިންކޮޅެއް އޮތްނަމަ އެންމެ އަވަހަށް ކާބޯތަކެތި ލިބޭނެ ބާވަތުގެ ގަހެއް އިންދަން މިވަނީ މަޖުބޫރުވެފައެވެ.
ގަހެއް އިންދަން އުޅެނިކޮށް ޤިޔާމަތްވި ނަމަވެސް ގަސް އިންދާށެވެ! ޙަދީޘް
އެންމެ ކާމިޔާބު ވިސްނުންތެރިންނަކީ އެމީހަކަށް ގަހުން މޭވާއެއް ނުލިބުނު ނަމަވެސް އެހެން މީހުންނަށް މޭވާ ލިބުމަށްޓަކައި ގަސްއިންދާ މީހުންނެވެ. އެއީ ކުރާ ކަންކަމުގެ ފައިދާ އެމީހަކަށް ނުކުރި ނަމަވެސް އެހެން މީހުންނަށް ފައިދާ ކުރާނެ ގޮތަށް ކަންކަން ކުރާ މީހުންނެވެ.
Hadith on Trees: Finish planting trees, even if the Hour is established
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “If the Resurrection were established upon one of you while he has in his hand a sapling, then let him plant it.”
Source: Musnad Aḥmad 12491
މިޙަދީޘްފުޅުގައި އަންގަވާފައި އެވަނީ ޤިޔާމަތްވުމުގެ އައިސް ޖެހޭ ވަގުތަކީ މީހަކު ގަހެއް އިންދަން އުޅުނު ވަގުތު ނަމަވެސް އެ ގަސް ނުއިންދައި ދޫކޮށްނުލުމަށެވެ. އިންދަން އެމީހެއްގެ އަތުގައި އޮތް ގަސް އިންދުމަށެވެ. ޤިޔާމަތް ވެއްޖެ ނަމަ އިންދާ ގަހަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް އިރުގައިވެސް އިންދަން އަތުގައި އޮތް ގަސް އިންދަން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ގަސް އިންދުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަންކަން ފާހަގަކުރެވެއެވެ.
ވީމާ ގަސްތައް ކަނޑާއިރު މިކަންކަމަށް ވިސްނާށެވެ! ހިޔާ ލިބޭ އަދި ކާބޯތަކެތި އަޅާ ގަހެއް ކަނޑަން ވާނީ ކޮންމެހެން ކަނޑަން ޖެހިއްޖެ ޙާލަތެއްގައެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް މީސްތަކުންނަށް ފައިދާކުރާ ގަސްތަކަށް ގެއްލުން ނުދޭން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
މީސްތަކުންނޭވެ! އިންދަންވީ އެގަހަކުން މީސްތަކުންނަށް ފައިދާކުރާނެ ގަސްތަކެވެ. ހިޔާ ލިބޭނެ ގަސްތަކާއި ކާބޯތަކެތި އަޅާ ގަސްތަކެވެ. ހިތްހަމަ ޖެހުން ލިބިގަތުމަށްޓަކައި މާމެލާމެލި އަޅާ ގަސްތައް އިންދުމަކީ ތަފާތު ކަމެކެވެ. އެކަމުން މީސްތަކުންނަށް ކުރާނެ ފައިދާ ތަފާތުވީމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން