އުންމު ނަވާރު
އަޅުގަނޑު މިއަދު މިކިޔާދެނީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ކުއްޖެއްގެ ވާހަކައެވެ. މިވާހަކަ މި ލިޔަނީ ކުއްޖާގެ ރުހުމާއި އެކުއެވެ. މި ލިޔުން ވިދާޅުވެލައްވާ އެންމެހާ ފަރާތްތަކަކަށް އިބުރަތަކަށް ވާނެ ކަމުގެ އުންމީދުގައެވެ.
ނުހާއަކީ (އަސްލު ނަމެއް ނޫން) ދެމަފިރިންގެ ހުރި 6 ކުދިންގެ ތެރެއިން އެންމެ ހަގަށް ހުންނަ ކުއްޖާއެވެ. ނުހާ ހުންނަނީ އުމުރުގެ އެހުން ކުދިންނަށް ވުރެން ހަށިގަނޑުން ބޮޑުކޮށްނެވެ. ނުހާ ހިކެން ބޭނުންވެއެވެ. ނަމަވެސް ކަސްރަތަށް ހިނގަށް ދާން ނުހާ ލަދުގަނެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ގްރޭޑް 9 އެއްގައި ނުހާ ކިޔަވަމުން ދިޔަ އަހަރެވެ. ހިކުމުގެ ނިޔަތުގައި ނުހާ ކެއުން ވަރަށް ބޮޑަށް މަދު ކޮށްލިއެވެ. ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ކިރުސަޔާއެކު ދެކިބަ ފާރޮށި ކައެވެ. އިންޓަރވަލް ގަޑިއަށް ގެއަށް އައިސް ކަނީ އާޓާ ރޮއްޓެއްގެ އެއްފަޅިއެވެ. ސްކޫލް ނިއްމާފަ ގެއަށް އައިސް މެންދުރު ކަނީ ނޫޑްލިސްއެވެ. ހަވީރު ސައި ތައްޓެއް ބޮއުމަށްފަހު ދެން ރޭގަނޑު ކަނީ އާޓާ ރޮށިން ބާކީ ބަހައްޓާފައިވާ ފަޅިއެވެ. މިގޮތަށް ކަންތައް ނުކުރުމަށް ތަކުރާރުކޮށް ނުހާގެ އާއިލާ މީހުން ނުހާއަށް ނަސޭހަތް ދިނެވެ. ނަމަވެސް ނުހާ އާއިލާ މީހުންގެ ނަސޭހަތަށް ދިނީ ބީރު ކަތްފަތެކެވެ.
ނުހާ ބޭނުންވި ގޮތަށް ނުހާ ހިކުނެވެ. ނަމަވެސް ނުހާގެ ބަނޑަށާއި މެއަށް ތަދުވަންފެށިއެވެ. ބައެއް ފަހަރު މޭނުބައި ކޮށްފައި ހޮޑުލެވެއެވެ. އަދި ވަރަށް ގިނައިން ވައިލެވެ، ވައިބޭރުވެއެވެ. މި އުދަނގޫތައް ރަނގަޅުނުވެ ގިނަ ދުވަސްވާތީ މާލެ ގޮސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ ނުހާ ގޮހޮރުގެ އެކި ހިސާބުގައި ކުދި ފާރު ކޮޅުތައް ހުރި ވާހަކެއެވެ. ބޭސް ދީފަ ޑޮކްޓަރ ފޮނުވާލީއެވެ. ބޭސް ބޭނުން ކުރަން ފެށުމުން ބަނޑާއި މޭގެ ތަދު ފިލިއެވެ. އަދި މޭނުބައި ކޮށްފަ ހޮޑުލެވުން ހުއްޓުނެވެ. ނަމަވެސް ވައި ލެވުމާއި ވައި ބޭރުވުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ބޭހުގެ އިތުރުން ހެނދުނާ ރޭގަނޑު ނުހާ ގަވައިދުން މާމުއި ބޮއެވެ.
އޭގެ ފަހުން މިއަދާ ހަމައަށްވެސް ނުހާއަށް ވައިގެ އުނދަގޫ ވަރަށް ބޮޑަށް ކުރެއެވެ. ޑޮކްޓަރަށް ދެއްކުނު އަދަދު ބުނެދެން ނޭނގެއެވެ. ތަކުރާރުކޮށް އެކި ބޭސްތައް ބޭނުން ކުރެވެއްޖެއެވެ. ނަމަވެސް ވައިގެ އުނދަގުލުން އަދި ސަލާމަށް ނުވެއެވެ. މިހާރު ނުހާއަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވެއެވެ. ވައިގެ އުނދަގޫވާ ކަހަލަ އެއްވެސް އެއްޗެއް ނުހާއަށް ނުކެވެއެވެ. ބަނޑަށްވެސް މިހާރު ތަދުވެއެވެ. ބަނޑުގަ ރިއްސާއިރު އެވާ ތަދު ބުނެދެން ނޭނގެއެވެ. ގަވައިދުން ކަހަލަ ގޮތަކަށް ގޭސްޓިރިކްސް އަށް ބޭސް ކާން ޖެހެއެވެ. ރޯދައަށް ހުރުންވެސް ނުހާއަށް ވަނީ ދަތި ކަމަކަށްވެފައެވެ. ރޯދައަށް ހުރެފަ ބަނޑުގައި ރިއްސާވަރުން ވަރަށް ގިނަ ފަހަރު ރޯދަ ދޫކޮށްލަށްވެސް ޖެހެއެވެ. ރޯދަ ވިއްލާއިރު އެންމެ ފުރަތަމަ ކާންޖެހެނީ ގޭސް ބޭސް ގުޅައެކެވެ.
ނުހާ ހިކެން ކުރިން މަސައްކަތް ކުރެވުނު ގޮތުން މިއަދު ނުހާ ދެރަވެއެވެ. މިއަދު ނުހާއަކީ ޒުވާން އުމުރުގައި ވަރަށް ގިނަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. ގޮހޮރުގެ މައްސަލަވެސް އިތްތިހާއަށް ޖެހެއެވެ.
މިއަދު ނުހާ މަސައްކަތް ކުރަނީ ސިއްހަތަށް ފައިދާ ހުރި ކާނާކައިގެން އާދައިގެ ދިރިއުޅުމެއް އުޅެވޭތޯއެވެ. ސިއްހަތަށް ފައިދާ ލިބޭ ކާނާ އާއި ތަފާތު ބަލިތަކާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރެވޭތޯއެވެ. ތިޔަ ކިޔުންތެރިންގެ ފަރާތުން ނުހާ އެދެނީ ފަލަވެގެން ކިތަންމެ ހިކެން ބޭނުންވިޔަސް ނުހާ އިހްތިޔާރު ކުރި މަގުގައި ނުހިފުމަށެވެ. ކެއުން އިންތިހާއަށް މަދު ކޮށްގެން ނުހިކުމަށެވެ.
ލިޔުނީ : އުންމު ނަވާރު