ދަމުނަމާދުކުރާ މީހާއަށް އެވަނީ އޭނާއަށް ފައިދާކުރާނެ ހުރިހާ ކަންކަން ޙާޞިލްކުރެވިފައިކަން އެނގޭ ސަބަބުތަކަށް ވިސްނައިލަމާ ހިނގާށެވެ! ފުރަތަމަވެސް ބަލައިލަންވީ ދަމުނަމާދުން ލިބޭ 3 ފައިދާއަށެވެ. ޙަދީޘްފުޅުން އެނގެން އޮތްމަގުން ކިޔައިދޭނަމެވެ.
- 1 އެއީ (ދަމުނަމާދުކުރުމަކީ) ދަމުނަމާދުކުރުމަކީ ދުނިޔޭގައި ކުރިން އުޅުނު ޞާލިޙް މީހުންގެ މަގެވެ.
- 2 ދަމުނަމާދުކުރުމަކީ އެމީހަކާއި ﷲ ތަޢާލާއާއި އިތުރަށް ކުއްތަންކުރުވާ ޢަމަލެކެވެ.
- 3 ދަމުނަމާދުކުރުމަކީ އެމީހަކަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުމަށް އޮތް މަގެކެވެ. އަދި ފާފަކުރުމުން ދުރުހެލިކޮށް ނުވަތަ ސަލާމަތްކޮށްދެއްވަވާ ސަބަބެއްވެސްމެއެވެ.
ކުރީގައި އުޅުނު ޞާލިޙް މީހުންގެ މަގުން (އެމީހުން އުޅުނު ގޮތަށް) އުޅޭނަމަ އެމީހަކު ސުވަރުގެ ވައްދަވާނެކަމަށް ޝައްކުކުރާކަށްވެސް ނުޖެހެއެވެ. ވީމާ އެއޮތީ ސުވަރުގެ ވައްދަވާނެކަން އެނގިފައެވެ. އިން ޝާ ﷲ
ދެން އެއޮތީ ދަމުނަމާދުކުރުމަކީ އެމީހަކާއި ﷲ ތަޢާލާއާއި އިތުރަށް ކުއްތަންކުރުވާ ޢަމަލެއް ކަމުގައެވެ. އެމީހަކާއި ﷲ ތަޢާލާގެ ޙަޟްރަތާއި ކުއްތަންވުން އިތުރުވަމުންދާނަމަ އެމީހަކަށް އޮންނާނީ ކޮން ނުރަކަލެއް ހެއްޔެވެ؟ ކޮން ހިތާމައެއް ހެއްޔެވެ؟ އޮންނާނީ މުޅިންވެސް އުފާވެރި ގޮތްތައް ނޫންހެއްޔެވެ؟
3 ވަނައަށް އެއޮތީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަންތަކެވެ. އެއީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމާއި ފާފަކުރެވުމުން ސަލާމަކޮށްދެއްވެވުމެވެ.
މި 3 ކަންތަކަށް ބެލިނަމަވެސް އެނގިގެންދަނީ މިކަންކަން ޙާޞިލުކޮށްފި ނުވަތަ ޙާޞިލްކުރެވިއްޖެ މީހަކު އެވަނީ ސުވަރުގެ ޙާޞިލުކޮށްފައިކަމެވެ. އިން ޝާ ﷲ މި3 ކަންތައް ޙާޞިލްކުރެވެން އޮތީ ދަމުނަމާދުންނެވެ. ދެން ނިކަން ބުނެބަލާށެވެ! ތިބާއަކީ ހަމަ ޙަޤީޤަތުގައިވެސް ސުވަރުގެ ވަންނަން ބޭނުންވާ މީހަކުނަމަ ދަމުނަމާދު، ރޭއަޅުކަން ނުކޮށް ހުންނާނަން ހެއްޔެވެ؟
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން