އެއްވެސް މީހަކަށް ތިމާ މަރުވާނެ ވަޤުތު ނުއެނގުނު ނަމަވެސް ހެޔޮލަފާ މީހުންނަށް އެމީހުންގެ މަރު ގާތްވުމުން ކޮންމެވެސް ގޮތަކުން އެކަން އިޙްޞާޞްކުރެވެއެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެބޭކަލުންނަށް ޤަބޫލުކުރެވޭ ގޮތުގައި އެކަން އެގޮތަށް މެދުވެރިވާނީ މަރަށް ތައްޔާރުވަމުން އަންނަ ހެޔޮލަފާ މީހުންނަށެވެ.
ތިރީގައި އެވަނީ ތިމާ މިމަރުވަނީކަން އިޙްޞާޞްކުރެވުނު ހެޔޮލަފާ ބައްޕައަކު މަރުމަތީގައި އޭނާގެ ދަރިންނަށް ކުރި އަގުހުރި ވަޞިއްޔަތުގެ ވާހަކައެވެ. މަސައްކަތްކުރަންވީ އޭނާ ފަދަ ބައްޕައަކަށް ނުވަތަ މަންމައަކަށްވުމަށެވެ.
ބައްޕަ: ދަރިފުޅާއެވެ! ވަށައިގެން މިފެންނަ މަންޒަރުތަކާ އިވޭ އަޑުތަކުން އެއްވެސް އަސަރެއް ކުރޭ ހެއްޔެވެ؟
ދަރިފުޅު: ބައްޕާއެވެ! މިޒަމާނުގައި އެ ހުރިހާ ކަންކަން އެހެން ހިނގާނެއެވެ. އަޑުތައްވެސް އިވޭނެއެވެ. އެކަންކަމާއިމެދު ވިސްނާ މީހަކު ވާނީ މޮޔަ ނޫން ހެއްޔެވެ؟
ބައްޕަ: ދަރިފުޅާ ހިތާމައަކީ ތިއަ ބުނެވުނީއެވެ. ބައްޕަމެން މިތިބީ އުމުރުގެ ހުސްވާން ގާތްވެ އެކަމުގެ ކޮޅުމަތީގައެވެ. 90 އަށް ފެށުނީމާ މިހެން ނުބުނަންވީ ސަބަބެއްވެސް ނެތެއް ނޫން ހެއްޔެވެ؟ ނަމަވެސް ބުނަން ހެއްޔެވެ؟ މި އުމުރުގައިވެސް ބައްޕަ މެންނަކަށް އެކަންކަން ވަރިހަމައެއް ނޫނެވެ. ފަހުޒަމާން ކަމަށް ބުނެ ފުއްދައިލާކަށް ބޭނުމެއް ނޫނެވެ.
ދަރިފުޅާއެވެ! މިއީ ފަހު ޒަމާންކަމަށް ބުނެ ޒަމާނުގައި މިންއެޅުވުން ފަދަ ކަންކަމަކީ ޝައިޠާނާ ކުރުވާ ކަންކަމެވެ. އިސްރާފީލްގެފާނަށް އެކަމަށް އަމުރުފުޅު ކުރެއްވެވުމުން އިސްރާފީލްގެފާނު ތާޅަފިލި ފުންމަވައިލައްވަވާނެ ދުވަސް އެއީ ހަމަ އެކަކަށްވެސް އެނގޭނެ ދުވަހެއް ނޫނެވެ. ވީމާ ފަހުޒަމާނެވެ ކިޔައިގެން ވާހަކަތައް ދައްކަން ނުހަދާށެވެ.
I heard the Messenger of Allaah (peace and blessings of Allaah be upon him) say, ‘When the people see an oppressor but they do not try to stop him, soon Allaah will cause all of them to suffer punishment because of him.’”
(Narrated by al-Tirmidhi, 2168; Abu Dawood, 4338; Ibn Maajah, 4005)
މި ޙަދީޘްފުޅަކީ ދަރިފުޅުވެސް އަދި އެންމެންވެސް ދަންނަ ޙަދީޘްފުޅެކެވެ. ނުބައި އަމަލުތައް ކުރަނިކޮށް ފެނުމުން އެކަން ނުހުއްޓުވުމަކީ މީސްތަކުންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް މެދުވެރިކުރައްވައިފާނެ ސަބަބެއް ކަމަށް އޮތް އިރުވެސް ހަމަ ވިސްނައި ނުލެވެނީ ހެއްޔެވެ؟ ނުބައި ޢަމަލުތަކުގެ ތެރޭގައި މީހަކަށް ލިބެންޖެހޭ ޙައްޤުތައް ލިބުމަށް ހުރަސްއެޅުން ހިމެނެއެވެ. މީހުންނަށް ބިރުދައްކައި އަޅުވެތިކުރުންވެސް ހިމެނެއެވެ. ފާފަކުރަން ހިތްވަރުދިނުމާއި ހެޔޮ ޢަމަލުތައް ނުކުރުންވެސް ހިމެނެއެވެ.
ދަރިފުޅާއެވެ! އިސްލާމީ މުޖުތަމައުތަކަށް ވެސް މިހާރަކަށް އައިސް ބޮޑެތި މުޞީބާތްތައް ކުރިމަތިވުން ގިނަވަމުން މިދަނީ ހަމަ މި ޙަދީޘްފުޅަށް ޢަމަލު ނުކުރެވޭތީއެވެ. މުންކަރާތްތައް ހުއްޓުވަން މަސައްކަތް ނުކުރުވޭތީއެވެ.
ވާހަކައިގެ މިހިސާބުން ބައްޕަ ބޭނުންވީ ހުރިހާ ދަރިން ޖަމާވުމަށެވެ. ޖަމާވުމުން ބައްޕަ ބުންޏެވެ!
ދަރިންނޭވެ! ބައްޕަ އަށް ހީވަނީ ބައްޕަ ތިއަ ދަރިންނާއި ވަކިވުމުގެ ވަގުތު ދާދި ގާތް ވެއްޖެ ހެންނެވެ. މަންމަ އާއި ބައްދަލުވާނެ ވަގުތު އައިސް ޖެހިއްޖެ ހެންނެވެ. ބައްޕަ މަރުވުމުން ބައްޕަގެ ޖަނާޒާގެ ކަންކަން ވީހައި އަވަސްކުރާށެވެ!
ދެން މިދައްކަނީ ދައްކަން އޮތް އެންމެ ބޮޑުވާހަކައެވެ. މިކުރަނީ އެންމެ ބޮޑު ވަޞިއްޔަތެވެ. ތިއަކުދިންގެ މަންމަ އާއި ބައްޕަ ތިއަކުދިންނަށް އުނގަންނައިދީ ތަރުބިއްޔަތުކުރި ފަދައިން އިސްލާމް ދީނުގައި ސާބިތުވެ ތިބޭށެވެ! އަދި ތިއަ ދަރިންގެ ދަރިން ވެސް އެގޮތުގައި ތަރުބިއްޔަތުކުރާށެވެ! ބައްޕަ މަރުވާ ވަގުތުން ފެށިގެން ބައްޕަގެ ހުރިހާ ކަމެއް މިދުނިޔޭގައި ނިމުނީއެވެ. ބައްޕަގެ ހުރިހާ ބާރުތަކެއް ކެނޑިގެންދިއައީއެވެ.
ބައްޕަގެ އެންމެ ފަހުގެ ވަޞިއްޔަތަކަށް މިބަސް ވެދާނެއެވެ. ތިއައިން އެއްވެސް ދަރިއަކު އިސްލާމް ދީނާއިމެދު ފަރުވާކުޑަނުކުރާށެވެ! އެންމެ ނަމާދެއް ވެސް ނުއަޅާށެވެ. ބައްޕަ ތިއަ ދަރިންނަށް ދޫކޮށްފައި މިދާ އެއްވެސް ގެއެއްގައި މާތް ﷲ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރާށެވެ! އަދި އެފަދަ ކަމެއް ކުރާ މީހަކު ނުވެސް ވައްދާށެވެ! ބައްޕަގެ އާދޭހަކީ އެފަދަ ކަންކަން ކުރާކަން އެނގޭ އެއްވެސް މީހަކާއި އެއްވެސް ދަރިއަކު އެއްވެސް ގުޅުމެއް ނުބޭއްވުމެވެ. އެހެނީ އެކަމުގެ ސަބަބުން ޝައިޠާނާގެ ބަހަށް ހެއްލެވި ހަލާކުވެގެންދާނީ ތިއަ ދަރިންނާއި ދަރިންގެ މުސްތަޤްބަލެވެ. ދެދުނިޔެއެވެ.
އެވަގުތު ކުއްލިއަކަށް ބައްޕަގެ ގައިން ވަރަށް ކުޑަކޮށް އޮއްދާ ހިއްލައިލިއެވެ. ޝަހާދަތް ކިޔެވެ. ބައްޕަގެ ދެއަތުގައި ފިރުމަން ތިބި ދެދަރިންނަށް ކުއްލިއަކަށް އިޙްޞާޞް ކުރެވުނީ އަތުން ވާގި ދިއަކަމެވެ. ބައްޕަ މިފަނާވަނިވި ދުނިޔެއާއި ވަކިވީއެވެ. ހިނިތުންވެއޮވެއެވެ. ހުރިހާ ދަރިންނަށް އެހިނިތުންވުން ހަދިޔާކުރަސމުންނެވެ!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
- ޢިބްރަތްތެރި ވާހަކަ