ބައެއް މީހުންނަށް ވިސްނެނީ ތިމާއަށްވުރެ 15، 20 އަހަރު ހަގު އަންހެނަކާއި ނުވަތަ ފިރިހެނަކާއި ކައިވެނިކުރެވިގެން އުޅޭނަމަ ތިމާއަކީ ވަރަށް ކާމިޔާބު މީހެއް ކަމަށެވެ. އަދި ކައިވެނި ދެމެހެއްޓެނީ ތިމާގެ ހުޝިޔާރުކަމުން ކަމަށެވެ.
މިއީ ކޮންކަހަލަ ވިސްނުމެއްކަން އެނގޭ ދިރާސާއެއް ވަނީ ވަރަށް ފަހުން ކޮށްފައެވެ. ދިރާސާއިން އެނގުނު ގޮތުގައި ތިމާއަށްވުރެ ބޮޑުތަނުން ހަގު ބައިވެރިންނާއި ގުޅިގެން އުޅޭމީހުންގެ ތެރޭގައި ލޭމައްޗަށްދިއުމާއި ހަކުރުބަލި އަދި އެދެބައްޔާއި ގުޅިފައިވާ އެހެން ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ވަރަށް ގިނައެވެ.
އެގޮތަށް އެކަން މެދުވެރިވާ ސަބަބު ހޯދަން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި މިބަލިތައް ޖެހެން މެދުވެރިވާ ސަބަބަކީ ހަގުބައިވެރިޔާ ތިމާ އާއި ވަކިވެގެންހިނގައިދާނެ ކަމުގެ ބިރަށް އެކަމަށް ވިސްނަންޖެހުމެވެ. ސާވޭގައި ބައިވެރިވި ގިނަމީހުންގެ އިޢްތިރާފުން އެނގުނު ގޮތުގައި ދިރިއުޅުމުގެ އެހެން ހުރިހާ ކަންކަމަށްވުރެވެސް ބޮޑަށް އެކަމަށް އެމީހުން ވިސްނައެވެ. ކަންބޮޑުވެސްވެއެވެ.
މިޙާލަތުން ސަލާމަތްވެގެން ތިބި މަދުބައަކު ތިބޭކަންވެސް ވަނީ އެނގިފައެވެ. އެމީހުންނަކީ ހަގު ބައިވެރިއަކު ހޯދުމުގެ ދަހިވެތިކަން ނެތި ދިރިއުޅުމުގެ ތެރެއިން ލިބޭ ފުރުޞަތެއްގެ ތެރެއިން ހަގުޢުމުރުގެ މީހުންނާއި ކައިވެނިކޮށްގެން ތިބޭ މީހުންނެވެ. އެމީހުން، އެމީހުންގެ ހަގުބައިވެރިޔާ ވަކިވެދާނެތީ ކަންބޮޑެއް ނުވެއެވެ. އެމީހުން ތިބެނީ ތިމާދޫކޮށްލާފައި ކޮންމެ ވަޤުތަކު ދާން ބޭނުންވިނަމަވެސް އެކަމަށް ފުރުޞަތުދޭން ތައްޔާރަށެވެ.
މިހުރިހާ ކަމަކުންވެސް މިއެނގެނީ ކައިވެނިކުރަން އެންމެ ރަނގަޅީ ޢުމުރުގެ ތަފާތު އެހައިބޮޑުކޮށް ނޫންކަމެވެ. އެހައި ތަފާތު ބޮޑުކޮށް ކައިވެނިކޮށްފިނަމަ ލިބޭ ގެއްލުން މާބޮޑުކަމެވެ. އެއީ ކޮންމެ ދުވަހަކު 2 އިރު މުށުފުރާ ބޭސްކައިގެންވެސް ހިތަށް ހަމަޖެހުން ލިބިގެން ދިރިއުޅެވޭ ކަމެއް ނޫންކަމެވެ.
- އަލަފް / މިއަދުނޫސް