މީސްތަކުންގެ ނިންޖަށް ހުރަސްއެޅޭގޮތަށް އަޑުގަދަކޮށް ޝޯތައް ބާއްވަމުން ގެންދާއިރު އެއްބައެއްގެ އުފަލަށް އެހެންބައަކު ނިދިން މަޙްރޫމްކުރުވުމަކީ ކޮން ގޮތަކުން ހުއްދަވާ ކަމެއް ހެއްޔެވެ؟ އުފާ ފާޅުކުރަން ނުވަތަ މުނާޞަބަތެއް ފާހަގަކުރަން މިފަދަ ކަންކަން ކުރަމުން ގެންދާއިރު الله ތަޢާލާގެ ޙަޟްރަތުން ކޯފާ އެއް އައިސްދާނެކަމަށް ބިރުވެތި ނުވަނީތޯ؟
"ފަހެ، ރަށްތަކުގެ އަހުލުވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބް އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟"
(އަލްއަޢްރާފް: 97)
"ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟" (އަލްއަޢްރާފް: 98)
ބަންގީގެ އަޑޫގަަދވެގެން، މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރާ 10 ވަރަކަށް މިނިޓް އަޑުގަދަކަމުން ޝަކުވާތައް ކުރެއެވެ. ކަމާއިބެހޭ ފަރާތްތަކަށް މައްސަލަވެސް ހުށަހެޅެއެވެ. އަޅުކަނޑުގެ ސުވާލަކީ ބަލިމީހުންނަށް އުނދަގޫވާނީ ހަމައެކަނި 3 މިނިޓަށް ގޮވާ ބަންގީގެ އަޑުއިވުމުންތޯއެވެ؟ ނޫނީ 10 މިނިޓަށްވުރެ ކުޑަ ވަޤުތުކޮޅަށް އިވޭ ނަމާދުގެ އަޑުންތޯއެވެ؟
މިސުވާލުތައް މިކުރަނީ މިދިއަ ހަފްތާ ބަންދުގައިވެސް ޝޯނިންމަންދެން ނުނިދިފައި އޮންނަންޖެހުނީތީއެވެ. ކުޑަކުދިންވެސް ސިއްސައިގެންގޮސް ހޭލެވުނީތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް