ސްމާޓްކޮށް ހެދުން އަޅައި ސްމާޓްކޮށް ވާހަކަދައްކާ މީހުންނަށް ސްމާޓް އަންހެނުން ސަމާލުކަންދޭމިންވަރު ވަރަށް ބޮޑުތަން ކުޑަވެއްޖެއެވެ. މިއަދު ސްމާޓް އަންހެނުން ބަލާނީ އަނެކާ ނެރެދައްކާ ނަތީޖާއަށެވެ.
އެގޮތުން ފުރަތަމަކަމަކަށް ބަލާނީ އެމީހަކު އޭނާގެ މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަޅައިލާ މިންވަރަށެވެ. އެހީތެރިކަން ފޯރުކޮށްދޭ މިންވަރަށެވެ. ސަބަބަކަށްވަނީ އެސިފަ އެމީހެއްގެ ކިބައިގައި ނެތްނަމަ، މައިންބަފައިންނާއި އަދި ޢާއިލާގެ މީހުންނާއި އަޅައިނުލާނަމަ ތިމާއަށްވެސް އަޅައިނުލާނެކަން ޤަބޫލުކުރެވޭތީއެވެ.
ދެވަނައަށް ބަލާނީ ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގައި އެމީހެއްގެ ކިބައިގައި ޤާބިލުކަން ހުރިމިންވަރަށެވެ. އަދި އެމީހަކު އެކަމަށް މަސައްކަތްކުރާ މިންވަރަށެވެ. މިޘާލަކަށް އޭނާގެ ދިރިއުޅުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތަށާއި އެކަންކަމަށް ޢަމަލީ ސިފަ ގެންނަން މަސައްކަތްކުރާ މިންވަރަށް ބަލާނެއެވެ.
ވަކިން ޚާއްޞަކޮށް އެމީހަކަށް ލިބޭ އާމްދަނީ ބޭނުންކުރާ ގޮތަށާއި ވަޤުތު ހޭދަކުރާގޮތަށް ބަލާނެއެވެ. ލިބޭ ފައިސާ އިސްރާފުކުރާމީހުންނާއި އަދި ބޭކާރުގޮތުގައި ވަޤުތުހޭދަކުރާ މީހުންނާއި ނުގުޅެން މަސައްކަތްކުރާނެއެވެ. އެއީ އެފަދަ މީހުންނާއި ކައިވެނިކުރިނަމަވެސް އެއާދަތަކާއި ދުރުހެލިނުވާނެކަން ވިސްނޭތީއެވެ.
ތިންވަނަކަމަކަށް ސްމާޓް އަންހެނުން ބަލާނީ އެމީހެއްގެ ދިރިއުޅުން ކުރިއަރުވަން، ތަނަވަސްކަން ހޯދަން/ އިތުރުކުރަން އެމީހާ ރާވާފައިވާ ޕްލޭނަށާއި އެޕްލޭން ތަންފީޒުކުރަން އެމީހަކު މަސައްކަތްކުރާ ވަރަށެވެ. ސްމާޓް އަންހެނުން ބަލާނީ އެމީހެއްގެ ކިބައިގައި މިހާރު ތަނަވަސްކަންހުރި މިންވަރަކަށް ނޫނެވެ. ކުރިއަށް ކުރަން ރާވާފައި ހުރި ކަންކަމަށާއި އެކަންކަމުގައި ޢަމަލީ ސިފަ ޖައްސަން އެމީހަކު މަސައްކަތްކުރާ މިންވަރަށެވެ.
ޚުލާޞާއަކީ ސްމާޓް އަންތބަކު ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ ސްމާޓް މީހަކަށްވާށެވެ. ސްމާޓް މީހަކަށްވުމަކީ ސްމާޓް ދިރިއުޅުމެއް އުޅެން މަސައްކަތްކުރުމެވެ. ސްމާޓް ވާހަކަތައް ދެއްކުމެއް ނޫނެވެ. ތިމާއަކީ ހުރިހާ ގޮތަކުންވެސް ހަރުދަނާ މީހަކަށްވުމެވެ.
- މިއީ ކައިވެނީގެ މައްސަލަތަކުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ ޢިލްމްވެރިއަކު އޭނާގެ ތަޖުރިބާއަށް ބަލައި ބުނެފައިވާ ވާހަކަކޮޅެކެވެ.
- އަލަފް / މިއަދުނޫސް