ޤިޔާމަތްވާނެ ދުވަހެއް ބަލަން ކޮންމެ ދުވަހަކު ހިސާބުޖަހާ މީހުންމަދެއްނޫނެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ އެކަމަށް ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކުރިނަމަވެސް ކުރާނެ ފައިދާއެއް ނެތްކަމެވެ. މިވަރަށް މިވާހަކަތައް ދައްކާއިރުވެސް އާޚިރަތް ދުވަހެވެ ބުނެވިއްޖަ ނަމަ ގިނަ ބއަކަށް ވިސްނެނީ އެއީ ދައްޖާލު ފއުޅުވެ، ބޮޑު ދާއްބަވެސް ފައުޅުވެ މަހްދީގެފާނާއި ޢީސާގެފާނުވެސް ފައުޅުވެ ދުނިޔެ ނިމެން ހިނގާނެ ހުރިހާ ކަމެއް ހިނގައި ނިމި ހުޅަނގުފަރާތުން އިރުއަރާފަހުން އަންނާނެ ދުވަސް ކަމަށެވެ. ނުވތަ ﷲ ތަޢާލާގެ އަމުރުފުޅަށް އިސްރާފީލްގެފާނު ތާޅަފިލި ފުމެލެއްވެވުމުން ފެށޭނެ ދުވަސް ކަމަށެވެ.
ތިއަ ވިސްނާ ދުވަސް ފެށިގެންދާއިރު ދުނިޔޭގައި އެކަކުވެސް ނުހުންނާނެއެވެ. އެންމެންނަށްވެސް ޖެހޭނީ ކައްވަޅުން ތެދުވާށެވެ!
މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް އާޚިރަތް ދުވަހެއް ވެއެވެ. އެދުވަސް އަހަރެމެން އެއްވެސް މީހަކާއި ބައްދަލުވުމަކަށް ކުރިން މިބަޔާންކުރި އެއްވެސް ކަމެއް ނުހިނގާނެއެވެ. އެއިން ކަމެއް ބައްދަލެއްވެސް ނުކުރާނެއެވެ! އެމީހާގެ ލޮލަށް ފެންނާނީ އެމީހާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުންނެވެ. އެހިސާބުން އެއޮތީ އެމީހަކަށް ޤިޔާމަތްވެފައެވެ. ދުނިޔޭގެ ޙަޔާތް ނިމި އުޚުރަވީ ޙަޔާތަށް ފެށިފައެވެ. ބަރުޒަޚުގެ ޢާލަމަށް ދާންޖެހިފައެވެ.
ކޮންމެ މީހަކުވެސް މަރުވުމުން އެވަގުތުން ފެށިގެން އެވަނީ އެމީހާގެ ޢާޚިރަތް ދުވަސް ފެށިފައެވެ. އެމީހާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާ ވަގުތުން ފެށިގެން އެވަނީ އެމީހާގެ އުޚުރަވީ ޙަޔާތް ފެށިފައެވެ.
ވީމާ ހިތްމައްޗަށް އަބަދުވެސް ގެންނަންވީ ރަސޫލް (ﷺ) ގެ ޙަދީޘްފުޅެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮން ވަގުތަކުތޯ ސުވާލު ކުރެއްވެވި ޞަޙާބީ އާއި ރަސޫލް (ﷺ) ކުރެއްވެވި ސުވާލެވެ. "އެދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން އެއްޗެއްތޯ" ކުރެއްވެވި ސުވާލެވެ!
މީސްތަކުންނޭވެ! ކޮންމެ ވަގުތަކުވެސް އެމީހެއްގެ އާޚިރަތް ދުވަސް އައިސް އެމީހަކާއި ބައްދަލުކޮށްފާނެއެވެ! އޮތީ ފުރިހަމައަށް ތައްޔާރުވެގެން ހުރުމެވެ! އެކަމަށް ތައްޔާރަށް ނުވެ ހުރުމަކީ އާޚިރަތް ދުވަހަށް ބިރު ނުގަންނަ ކަމުގެ ހެއްކެކެވެ! ވީމާ އެފަދަ މީހަކަށް ނުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން