އެކުވެރިޔާ ކިތަންމެ މަޝްހޫރަސް، ފައިސާވެރިޔަސް، ބާރާ ނުފޫޒުގަދަޔަސް އެމީހަކާއެކު މަޙްޝަރުކުރައްވަވައިފިނަމަ ސުވަރުގެ ނުލިބިދާނެ މީހުންނާ އެކުގައުޅުން- ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އެކުވެރިޔާ ކިތަންމެ މަޝްހޫރަސް، ފައިސާވެރިޔަސް، ބާރާ ނުފޫޒުގަދަޔަސް އެމީހަކާއެކު މަޙްޝަރުކުރައްވަވައިފިނަމަ ސުވަރުގެ ނުލިބިދާނެ މީހުންނާ އެކުގައުޅުން- ބިރުހުރި ކަމެއް!

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެންމެ މޮޅު މީހަކީ އެމީހެއްގެ ވަށައިގެން އެންމެ ގިނަ ބައަކު އެނބުރޭ މީހުން ކަމަށެވެ. ނުވަތަ ތިމާގެ އެކުވެރިންނަކީ މަޝްހޫރު، ފައިސާވެރި، ބާރާ ނުފޫޒުގަދަ މީހުންކަމުގައިވާނަމަ އެއީ ބޮޑު ފަޚުރެއް ކަމަށެވެ. އެހެންކަމުން މީހުންގެ ވަށައިގެން އެނބުރޭ މީހުންގެ އަދަދަށް ބަލައިގެން ވެސް މީހުން، މީހުންނަށް އެބަ ރުހެއެވެ.

ކޮންމެ މީހަކުވެސް ވިސްނައިލަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ ތިމާ މަޙްޝަރު ކުރައްވަވާނީ ތިމާ ދުނިޔޭގައި އެކުގައި އުޅުނު މީހުންނާއިއެކުގައި ކަމެވެ. ނުރަނގަޅު މީހަކާއި އެކުގައި އުޅެވިއްޖަ ނަމަ މަޙްޝަރު ކުރައްވަވާނީ އެފަދަ މީހުންނާއިއެކުގައެވެ. ހެޔޮ ލަފާ ތަޤްވާރިންނާއިއެކުގައި އުޅެފިނަމަ މަހްޝަރު ކުރައްވަވާނީ އެފަދަ މީހުންނާއިއެކުގައެވެ. އިޚްތިޔާރުކޮށް ބޭނުންވާ ގޮތެއް ނިންމުން އޮތީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ.

އެމީހެއްގެ ކިބައިން ތިބާގެ ދީނަށް ކުރިއެރުމެއް ނުލިބޭނަމަ އެމީހަކާއިއެކުގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެފަދަ މީހަކަށް ތާއީދުކުރުމުގެ ބޭނުމެއްވެސް ނެތެވެ. އެހެނީ މީހެއްގެ ފަހަތުގައި އެނބުރިގެން ދުނިޔަވީ ފައިދާތައް ކިތަންމެ ގިނައިން ހޯދުނު ނަމަވެސް އެކަމުގެ ސަބަބުން އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތުމުންނެވެ.

ބައެއް މީހުން މަގުމަތީގައި އުޅޭއިރުވެސް އެމީހުންގެ ވަށައިގެން އެތައް ބައަކު އުޅެއެވެ. ކިތަންމެ ގިނަ ބައަކާއިއެކު މަގުމަތީގައި އުޅުނު ނަމަވެސް އެހެންތަނެއްގައި އުޅުނު ނަމަވެސް އެމީހެއްގެ ވަށައިގެން ރަހްމަތުގެ މަލާއިކަތުން ނެތް ނަމަ އެމީހާގެ އެއްވެސް މޮޅުކަމެއް ނެތެވެ. އެމީހާގެ ވަށައިގެން ތިބޭނީ ޝައިޠާނުންނެވެ.

މީސްތަކުންނޭވެ! ހެޔޮ ލަފާ ތަޤްވާވެރިންގެ ފަހަތުގައި މާގިނަ ބައަކު ނުތިބޭނެއެވެ. އެއީ އެމީހާގެ ސަބަބުން ދުނިޔަވީ މަންފާތަކެއް ނުކުރާނެތީއެވެ. އެމީހާ އެހެން މީހުންގެ ގާތު ކުރަން ބުނާނީ ވެސް މިޒަމާނުގައި ގިނަ ބައަކު ކުރަން އެންމެ ފޫހިވާ ކަންކަމެވެ. އެއީ ނަމާދުކުރުމާއި ހެޔޮ ޢަމަލުތައް ކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ.

ނަމަވެސް ވިސްނައިލާށެވެ! ހެޔޮ ލަފާ ތަޤްވާވެރިންގެ ވަށައިގެން އަބަދުވެސް ރަޙްމަތުގެ މަލާއިކަތުން ތިއްބަވާނެތެވެ! އެކަމުގެ ހެޔޮ އަސަރު އެމީހާގެ ވަށައިގެން ތިބޭ މީހުންނަށް ކުރާނެތެވެ. ވަށައިގެން ތިބޭ މީހުންނަކީ ވެސް ﷲ ތަޢާލާ އަށް ކިޔަމަންތެރި އިސްލާމް ދީނަށް ލޯބިކުރާ ބައަކު ކަމުގައި ވެގެންދާނެއެވެ. އިން ޝާ ﷲ

އާޚިރަތް އެދޭ މީހާ ބަލަންވީ މިވެނި މީހެއްގެ ވަށައިގެން އެނބުރޭ މީހުންގެ އަދަދަކަށް ނޫނެވެ. އެމީހާގެ ޢަމަލުތަކަށެވެ! އެމީހާގެ ސަބަބުން ތިމާގެ ދީންވެރިކަމަށް ލިބިދާނެ ކުރިއެރުމަށެވެ. އާޚީރަތް ދުވަހު ކޮށްފާނެ ފައިދާއަށެވެ! ވީމާ އަބަދުވެސް ހެޔޮ ލަފާ ތަޤްވާވެރިންނާއިއެކުގައި ވުމަށް އެދޭށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން