ފިރިހެނުން ފަރުޟް ނަމާދުތައް ކުރަން އޮތީ މިސްކިތުގެ ޖަމާޢަތުގައެވެ. ވީމާ ފަތިސްނަމާދުގައިވެސް އޮތީ މިސްކިތުގެ ޖަމާއަތަށް ދިއުމެވެ. މިސްކިތުގެ ޖަމާޢަތަށް ދާން ނުހޭލެވިއްޖެނަމަ ގޭގައި ކުރުމަކީ މައްސަލައެއް ނޫނެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފަތިސްނަމާދަކީ ޢާއިލާ އެކުގައި ކުރަން އޮންނަ ނަމާދެއް ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ކުރިން މިބުނި ފަދައިން ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާޢަތަށް ގޮސް ފަރުޟް ނަމާދުތައް ކުރުމެވެ.
ޢާއިލާ އެކުގައި ކުރަން އޮތީ ސުންނަތް ނަމާދުތަކެވެ. ޚާއްޞަކޮށް ރޭއަޅުކަމެވެ. ޢާއިލާ އެކުގައި ރޭއަޅުކަން ކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ބަރަކާތް ލައްވަވާ ކަމެކެވެ. ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާ ކަމެކެވެ. ރިޒުޤްވެސް އިތުރުކުރައްވަވާ ކަމެކެވެ.
ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނަމަވެސް، ލޯބިއުނިވާނަމަވެސް ފުރަތަމަ ކަމެއްގެ ގޮތުންވެސް ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރަންފަށާށެވެ. އެއިރުން ހުރިހާ މައްސަލަތަކެއް ޙައްލުވެ ލޯބިއިތުރުވާން ފަށާނެއެވެ. ހަމައެއާއިއެކު ދިރިއުޅުމުގައި ބަރަކާތް ލައްވަވައި ލިބޭ ދަރިންނަށްވެސް ތެދުމަގު ފެނުން ގާތްވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން