ކުރޭވޭ ކުށެއް ފާހަގަކޮށްދިނުމުން ވަގުތުން އިޞްލާޙްކުރަން ބަހަނާ ދައްކާ މީހުންގެ ސަންދޯއް ވަޅުލެވޭއިރުވެސް އެކަން ކުރެވުމަކީ ވަރަށް ދުރުގަ އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކުރޭވޭ ކުށެއް ފާހަގަކޮށްދިނުމުން ވަގުތުން އިޞްލާޙްކުރަން ބަހަނާ ދައްކާ މީހުންގެ ސަންދޯއް ވަޅުލެވޭއިރުވެސް އެކަން ކުރެވުމަކީ ވަރަށް ދުރުގަ އޮތް ކަމެއް!

ޢަމަލުތައް އިޞްލާޙްކުރަން އެއްބަސްނުވާ މުސްލިމަކު ނުހުންނާނެއެވެ! މައްސަލައަކީ އިޞްލާޙްކުރަން އެއްބަސްވިނަމަވެސް އެކަމަށް ޢަމަލުނުކުރެވޭ ކަމެވެ. ޢަމަލުތައް ވަގުތުން އިޞްލާޙްކުރަން ފަސް ޖެހި ބަހަނާ ދައްކާ މީހަކަށް އެކަން ކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ! ވަރަށް ގިނަ ފަހަރު އެމީހުން މަރުވެގެން ކައްވަޅަށް ތިރިވާންޖެހޭއިރުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށާ ދުވަސް އައިކަމަށް އޮންނަނީ ނުވެފައެވެ!

"އަހަރެންވެސް ނަމާދުކޮށް ހެޔޮ ޢަމަލުތައް ކުރަން ފަށާނަމެވެ. އުޅުން ވެސް އިޞްލާހްކުރާނަމެވެ. ބޭރުގައި އެކުވެރިންނާއިއެކު އުޅޭ ވަގުތު މަދުކޮށް ގޭގައި އުޅޭ ވަގުތު ގިނަކޮށް އަނބިދަރިންނަށް ދޭ ސަމާލުކަން އިތުރުކުރާނަމެވެ!"

"ކޮން ދުވަހަކުނަ ހެއްޔެވެ؟"

"ރައްޓެހިން ގާތް ބައެއް މީހުންނާއި މަޝްވަރާކޮށްލުމަށްފަހުއެވެ."

ނިކަން ބައްލަވާށެވެ! މިވީ ކިހިނެއް ހެއްޔެވެ؟ މި ބުނެވޭ އެއްޗެއް އެބަ އެނގޭ ހެއްޔެވެ؟ މިބުނެވެނީ ﷲ ތައާލާ ތިމާގެ މައްޗަށް ކުރައްވަވާފައިވާ އަމުރުފުޅުތައް ތަންފީޒުކުރުމަށްޓަކައި އިންސާނުންގެ ތެރެއިން ބައެއްގެ ނުވަތަ މީހަކުގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އެއީ ހަމަ ބުއްދިއަށް ޤަބޫލުކުރެވިދާނެ ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ޢަމަލުތައް އިޞްލާޙްކޮށް ތައުބާވުން އަވަސްކުރާށެވެ! އެކަމަށް ހުއްދަ ހޯދަން ޖެހޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެންމެ ކުޑަމިނުން މަޝްވަރާކޮށްލަން ޖެހޭނެ ފަރާތެއްވެސް ނުވެއެވެ. އަހަރެމެންނަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ހުރިހާ ކަންކަން ކުރެވެން އޮތް އެންމެ ފުރިހަމަކޮށް ކުރަމުން ގެންދިއުމެވެ. އެކަންކަން ކުރުމަށް އަވަސްވެގަތުމެވެ.

ﷲ ތަޢާލާއަށް ތިބާ އަޅުކަން ކުރަން ޖެހޭނީ އެހެން މީހުންގެ ހުއްދަ ހޯދައި އެމީހުން ބުނާ ވަގުތަކު ނޫވެ. ތިބާ މަރުވާނީ އެމީހުން ބުނާ ވަގުތުގައި ހެއްޔެވެ؟ އެމީހުން ބުނާ ގޮތަށް އުޅެގެން ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އެމީހުންނަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަމިއްލަ ނަފުސް ނަރަކައިން ސަލާމަތް ނުކުރެވޭނެ ބައަކަށް އެހެން މީހަކަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟

ޤިޔާމަތް ދުވަހަކީ ހުރިހާ ވަސްތަކެއް ދޭ އިބިލީސްވެސް ގޮތް ހުސްވެ ބޯދަމައިގަންނާނެ ދުވަހެވެ. "ތިމަންނާ ހަމައެކަނި ވަސްވާސްދިނީ ނޫންހޭ. ކުރި ކަމެއް ކުރީ ކަލޭ ނޫންހޭ" ބުނެ ފިލަން ދުވާނެ ދުވަހެވެ. ވީމާ އަހަރެމެންނަށް އޮތީ އިބިލީހާއި އިންސީންގެ ތެރޭގައި ހިމެނޭ އެންމެހައި ޝައިޠާނުންތަކުގެ ކިބައިންވެސް ސަލާމަތްވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ފެށުމުގައި އަވަސްވެގަތުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން