ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމަކުން އެންމެ ފަސޭހައިން އަރައިގަނެވޭނެ މަގު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމަކުން އެންމެ ފަސޭހައިން އަރައިގަނެވޭނެ މަގު: މުފްތީ މެންކް

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ ކުރިމަތިވެފައިވާ މުޞީބާތުން އަވަހަށް އަރައިގަތުމެވެ. އަރައިގަނެވޭނެ ގޮތާއިމެދު ސުވާލުތައްވެސް ކުރެއެވެ. ޖަވާބުގައި މުޞީބާތްތަކުން އެންމެ އަވަހަށް ސަލާމަތް ވެވޭނީ މުޞީބާތެއް ކުރިމަތިވުމުން އެކަމަށް ވެސް ޝުކުރުވެރިވެ ޘާބިތުވާ މީހުން ކަމަށް ބުނެފި ނަމަ ގިނަ ބައަކަށް އެކަން ޤަބޫލެއްވެސް ނުކުރެވޭނެ އެވެ. ނަމަވެސް އެއީ އެކަން ހިނގަމުން އަންނަ ގޮތެވެ.

އެކަން އެގޮތަށް މެދުވެރިވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެކަމުގެ ސަބަބަކީ ޝުކުރުވެރިވާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ! ޝުކުރުވެރިވުމުން އެމީހަކަށް ނިޢްމަތްތައް އިތުރުކުރައްވަވާތީއެވެ! ވީމާ މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން ވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމުން ހިތްފުރައިލާށެވެ! މުޞީބާތުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އެއީއެވެ!

މުޞީބާތެއް، ދަތި ޙާލަތެއް ކުރިމަތިވުމުން ވިސްނާނެ ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ އެ މުޞީބާތާއިމެދު ވިސްނުމެވެ. ދެވަނަ ގޮތަކީ ތިމާއަށް ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނުމެވެ.

މި ދެ ގޮތުން ލީބޭ ޝިފާ ވަރަށް ތަފާތެވެ. އެހެނީ މުޞީބާތާއިމެދު ކަންބޮޑުވެ ވިސްނާ މީހާއަށް ހިތްހަމަޖެހުން ލިބުމަކީ ވަރަށް ދުރުކަމެކެވެ. މައްސަލަ ބޮޑުވަމުން ގޮސް ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށްވެސް ވަދެއެވެ. އަޅުކަމާއި ދުރުހެލިވުމުގެ އިތުރުން ހިނައި ޠާހިރުވުމާއި ދުރުހެލިވުމާއި ހަމައަށްވެސް ދެއެވެ.

ދެވަނަ ގޮތް އިޚްތިޔާރުކުރާ މީހާ، އޭނާއަށް ކުރިމަތިވެފައިވާ މުޞީބާތާއިމެދު ވިސްނާނީ ތަފާތު ގޮތަކަށެވެ. އޭނާ ފުރަތަމަވެސް ޔަޤީން ކުރާނީ މިއީ ﷲ ތަޢާލާ ކުރިމަތި ކުރެއްވެވި އިމްތިހާނެއް ކަމެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް އިމްތިޙާނުން ފާސްވާން މަސައްކަތްކުރަން ޖެހޭނެ ކަމެވެ. ވީމާ އެމީހާ ކުރާނެ ފުރަތަމަ ކަމަކީ ކުރާ އަޅުކަން ގިނަ ކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ.

އަބަދުހެން މިފަދަ މޭރުން ކިޔައިދޭއިރުވެސް މުޞީބާތެއް ކުރިމަތިވުމުން ޢަމަލުކުރަންވީ ގޮތް ވަރަށް ގިނަ ބައަކަށް ޤަބޫލެއް ނުކުރެވެއެވެ. ކިތަންމެ ކުޑަ ނަމަވެސް ދަތިކަމެއް މެދުވެރިކުރައްވަވައިފިނަމަ ސިކުނޑި ފުރާލަނީ އެކަމަކުންނެވެ. އެހިސާބުން އެމީހާ ބަދަލުވެގެންދަނީ ޝައިޠާނާގެ އަޅަކަށެވެ. އެހެނީ އެގޮތަށް ވިސްނައިދެނީ ޝައިޠާނާ ކަމަށްވާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން