ތިމާއަށް ލިބޭ މިންވަރަށް ހިތް ނުފުރޭ މީހަކަށް ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން ވަރަށް އުނދަގޫވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިމާއަށް ލިބޭ މިންވަރަށް ހިތް ނުފުރޭ މީހަކަށް ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން ވަރަށް އުނދަގޫވާނެ!

ބަންގިގޮވީމާ މިސްކިތަށް އަރައި ގުދުވެލާފައި ތެދުވެލާފައި ތުންތަޅުވާލާފައި ފައިބައިގެން ދިއުމަކުން އަދި އެއީ ނަމާދުކުރެވުނީ ކަމަކަށް ނުވެއެވެ. ވީމާ ނަމާދުކުރެވުނުކަމަށްވާނެ ގޮތަށް ނަމާދުކުރަން ވަރަށް ބޮޑަށް ވިސްނަން އެބަޖެހެއެވެ.

މިޒަމާނަށް ބަލައިފިނަމަ ވަރަށް ގިނަ މީހުންނަކީ ވަރަށް ގިނަ ކަންތައްތަކަކަށް ވިސްނަން ޖެހިފައިވާ ބައެކެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ނުފޯރާ ފޮތިން ފޫގަޅަން މަސައްކަތްކުރާތީއެވެ. ނެތް ފެންވަރުން ކަންކަން ކުރަން އުޅޭތީއެވެ.

މިޘާލަކަށް އަތުގައި ހުރި ފައިސާއިން 2 ބުރިއަށް ގެ އެޅެން އެބައޮތެވެ. ނަމަވެސް އެގޮތެއް ކަމަކު ނުދެއެވެ. ކޮންމެ ގޮތަކުން ނަމަވެސް 10 ބުރިއަށް ގެ އަޅަން އެބަ ބޭނުންވެއެވެ. ދެން މިވާގޮތަކީ 2 ބުރި އިމާރާތްކުރަން ހުރި ފައިސާ އެޑްވާންސަށް ބަހައްޓާފައި ބޮޑު ލޯނެއް ލިބޭތޯ ތެޅިފޮޅެނީއެވެ! ލޯނު ނުލިބިގެން އެކެއްގެ ގާތަށް ގޮސްފައި އަނެކަކަށް ރިޝްވަތު ދެމުން ދުވަނީއެވެ! އަބަދު ހުންނަން ޖެހެނީ އެކަންކަމާއި ބޯ ގޮވައިފައެވެ.

މިހުރިހާ ގަނައެއް ނުތެޅި އަތުގައި ހުރި ފައިސާއިން އެޅެން އޮތްވަރުގެ ގެއެއް އެޅިއްޔާ ވާނީ ކީއްހެއްޔެވެ؟ އަޅާ ގެ ބޮޑުވެފައި ބިޔަވުމުން ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް އެބަ އޮތް ހެއްޔެވެ؟ ކައްވަޅަށް ދާނީ ގެ ހިފައިގެން ހެއްޔެވެ؟

މިފަދަ އެތައް މިސާލެއް ދެއްކި ދާނެއެވެ. މީސްތަކުންނޭވެ! ގިނަ ބައަކަށް ނަމާދުގައި ކުޝޫޢަތްތެރި ނުވެވެނީވެސް ހަމަ މިފަދަ ކަންކަމަށް ވިސްނަން ހަދައިގެންނެވެ. ބޭކާރު ކަންކަން ސިކުނޑީގައި ގެންގުޅެން ހަދައިގެންނެވެ. ވީމާ އެމީހެއްގެ ފެންވަރުން ފުދިގެން ހުންނަ މީހަކަށް ވާށެވެ! އެއިރުން ވިސްނަން ޖެހޭ ކަންކަން ވަރަށް މަދުވާނެއެވެ. އެއިރުން ސިކުނޑިއަށް ވަރަށް ލުއިވާނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ފުރުޞަތު އެތައް ގުނައަކަށް ބޮޑުވެގެންދާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން