ވަޒީފާގަ ބުރަކޮށް މަސައްކަތްކުރަންޖެހުން ބަހަނާއަކަށް ހަދައި ނަމާދުނުކުރާ މީހުންނަކީ ނިޢުމަތަށް ޝުކުރު ނުކުރެވި ﷲ އަށް އުރެދޭ ބައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ވަޒީފާގަ ބުރަކޮށް މަސައްކަތްކުރަންޖެހުން ބަހަނާއަކަށް ހަދައި ނަމާދުނުކުރާ މީހުންނަކީ ނިޢުމަތަށް ޝުކުރު ނުކުރެވި ﷲ އަށް އުރެދޭ ބައެއް!: މުފްތީ މެންކް

ވަޒީފާ ނުވަތަ މަޤާމެއް ލިބުމުން ގިނަބައަކަށް މިދެވެނީ ވަރަށް ނުބައިމަގަކުންނެވެ. ނިކަން ބުނެބަލާށެވެ! ވަޒީފާ ނުވަތަ މަޤާމް ތިބާއަށް ލިބުނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާ މިންވަރުނުކުރައްވަވާނަމަ ލިބުނީސްހެއްޔެވެ؟

ތިމާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރުކޮށް ދެއްވެވި ﷲ ތަޢާލާގެ އެންގެވުމަށް ނުކިޔަމަންތެރިވެ އަޅުކަންކުރަން ވަގުތު ހޭދަ ނުކުރި ނަމަވެސް ވަޒީފާ ދިން މީހާ ބުނާހައިވަރަކަށް އޭނާގެ ޚިދުމަތުގައި އެބަ ވަގުތު ހޭދަކުރެއެވެ. އެމީހާ ރުއްސަން އިތުރަށްވެސް ވަގުތު ހޭދަކުރެއެވެ. ވީމާ މިކުރެވޭ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްވުރެ އިންސާނެއްގެ ރުހުން ހޯދަން މަސައްކަތް ކުރެވުމެވެ.

މިއީ ކިހައި ބޮޑު ބިރުވެރި ކަމެއް ހެއްޔެވެ؟ މިކުރެވެނީ ކިހައި ނުބައި އަމަލެއް ހެއްޔެވެ؟ މިއީ ކިހައި ބޮޑު އުރެދުމެއް ހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ފުރަތަމަ މަސްއޫލިއްޔަތަކީ ތިމާގެ ވަގުތުތަކުގެ ތެރެއިން ﷲ ތައާލާއަށްޓަކައި ހޭދަކުރަން ޖެހޭ ވަގުތުކޮޅު ހޭދަކުރުން ކަމުގައި ހަދާށެވެ! އެއިރުން ދާނީ ތިމާ އެދޭ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވެމުންނެވެ! އިންޝާ ﷲ

މީސްތަކުންނޭވެ! ރަނގަޅަށް ދަންނާށެވެ! ޙަޤީޤީ އުފާވެރިކަން ލިބެން އޮތީ ހަމަ އެންމެ ގޮތަކުންނެވެ! އެއީ ތިބާ އުފައްދަވައި ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރެއްވެވި އެންމެހައި ކާއިނާތުތަކެއްގެވެރި، އެންމެހައި ނިޢްމަތްތަކެއްގެ ވެރި ﷲ ތަޢާލާ އުފާވެރިކަން ދެއްވެވުމުންނެވެ. ނަމަވެސް މިކަން ހަނދާންކުރަނީ މަދު މީހެކެވެ.

އެކަމުގެ ހެއްކެއްގެ ގޮތުން ބުނަމެވެ! ﷲ ތަޢާލާ ވަނީ އަހަރެމެންނާއި މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަވައިފައެވެ. ކޮންމެ ދުވަހަކު ވެސް ﷲ ތަޢާލާއަށްޓަކައި ވަގުތުތަކެއް ހޭދަކުރަން އަމުރުފުޅުކުރައްވަވައިފައެވެ. މި ބުނަނީ ފަރުޟު 5 ނަމާދުކުރުން ފަދަ ކަންކަމުގައި ހޭދަކުރަން ޖެހޭ ވަގުތުތަކުގެ ވާހަކައެވެ.

ޙަޤީޤަތަށް ބަލައިފިނަމަ އެ ވަގުތުކޮޅު ހޭދަކުރަން މިޖެހެނީ ހަމަ ތިމާއަށްޓަކައެވެ. ތިމާގެ އަމިއްލަ ފައިދާއަށް ޓަކައެވެ. ތިމާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ. ތިމާގެ އުފާވެރިކަމަށްޓަކައެވެ. ތިމާގެ ދެ ދުނިޔެ ބާޖަވެރި ކުރުމަށެވެ. އެހެންކަމާއިއެކުވެސް އެ ވަގުތުކޮޅު ހޭދަ ކުރުމުގައި ގިނަބައަކަށް މިދަނީ ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވެމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން