މީހާގެ ޙަޤީޤަތް އެންމެ ބޮޑަށް ހާމަވާނެ 3 ކަންތައް: ޢުމަރުގެފާނުގެ ބަސްފުޅަކުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މީހާގެ ޙަޤީޤަތް އެންމެ ބޮޑަށް ހާމަވާނެ 3 ކަންތައް: ޢުމަރުގެފާނުގެ ބަސްފުޅަކުން

އެއްވެސް މީހެއްގެ ހިތެއް ނުފެންނާނެއެވެ. ވީމާ އެއްވެސް މީހެއްގެ ޙަޤީޤަތް ދެނެގަތުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް މީހުންގެ ޙަޤީޤަތް ދެެނގަންނަން ޢަމަލުކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. ނުވަތަ ގޮތްތައް އެބަހުއްޓެވެ. 

"މީހަކު ކުރާ ނަމާދާ ހިފާ ރޯދައިން އެކަނި އޭނާއަކީ ތަޤްވާވެރި މާތް މީހެއްގެ ގޮތުގައި ބަލައި ނުގަންނާށެވެ . އެގޮތަށް އެކަން ދެއްކުމުގެ ފުރުޞަތުވެސް ނުދޭށެވެ! 

އެކަންކަމަށްވުރެ ބޮޑަށް ބަލަންވީ އެމީހަކު ދައްކާ ވާހައިގައި ތެދުވެރިވާ މިންވަރަށާއި އަމާނާތެއް ޙަވާލުކުރެވިއްޖެ ނަމަ އެއަށް ތެދުވާ މިންވަރަށާއި އެމީހަކަށް ތަނަވަސްކަން ނުވަތަ ބާރެއް ލިބިއްޖެ ނަމަ އެއިގެ ބޭނުން ހިފާ ތަކަށެވެ!" -ޢުމަރުގެފާނު 

ޢުމަރުގެފާނުގެ މި ބަސްފުޅުގެ ވާހަކަ ޢިލްމްވެރިން ވަރަށް ގިނައިން ދައްކަވައެވެ. އެއީ މި ބަސްފުޅުގެ މުހިންމުކަން ހަމަ ބޮޑުކަމުންނެވެ. ވިސްނައިލަންވި ފުރަތަމަ ކަމަކީ ބުނާ ބަހުގައި ތެދުވެރިވުމާއި، އަމާނާތަށް ތެދުވެރިވުމާއި ތަނަވަސްކަން ނުވަތަ ބާރު ލިބުމުން އެކަންކަމުގެ ބޭނުން ހިފާ ގޮތުގެ މުހިންމުކަން ބޮޑުކަމެވެ. 

މިބަސްފުޅުން އެނގިގެންދަނީ ނަމާދުކުރި ނަމަވެސް އަދި ރޯދަ ހިފި ނަމަވެސް މި 3 ސިފަ އެމީހެއްގެ ކިބައިގައި ނެތް ނަމަ އެމީހަކީ ރަނގަޅު، މާތް، ތަޤްވާވެރިއެއް ކަމުގައި ބެލެވެން ނެތް ކަމެވެ. އެހެން އިބާރާތަކުން ބުނާނަމަ އެނގިގެންދަނީ އިޚްލާޞްތެރިކަމުގެ މުހިންމުކަން ބޮޑުކަމެވެ. އެހެނީ މި 3 ކަންތައްވެސް ގުޅިފައިވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެވެ. 

މި ބަސްފުޅުގައި ބާރެއް ލިބިއްޖެ ނަމަ ބޭނުން ކުރާ ގޮތުގެ ވާހަކަ އޮތުމުން އެއީ ހަމައެކަނި ވެރިކަމުގެ ބާރު ކަމަށް ނުނިންމާށެވެ! އެއިގެ ތެރޭގައި ކައިވެންޏަށްފަހު ތިމާ އަމަލުކުރާ ގޮތް ވެސް ހިމެނެއެވެ. ޢާއިލާގެ ވެރިކަން ޢާއިލާ ޢާއިމެދު ޢަމަލުކުރާ ގޮތް ވެސް ހިމެނެއެވެ! މިކަންކަމަކީ މީހާގެ އިޚްލާޞްތެރިކަން ފެނި ހާމަވެގެންދާ ކަންކަމެވެ. އީމާންކަން ބިނާވެގެންވަނީ އިޚްލާޞްތެރިކަމުގެ މައްޗަށް ކަމުގައި ބުނެވެނީ އެ ސަބަބަށްޓަކައެވެ. 

ވީމާ ޗޭނު މިގޮތަށް ގުޅައިލާށެވެ! އިޚްލާޞްތެރިކަން ނެތް މީހާގެ އީމާންތެރިކަމެއް ނެތެވެ. އީމާންތެރިކަން ނެތް މީހާ ކުރާ އަޅުކަމުގެ އެއްވެސް ބޭނުމެއް ނެތެވެ. ޢުމަރުގެފާނު ބަޔާންކުރައްވަވާފައި އެވަނީ ހުރިހާ ކަންކަމުގެ ކުރިއަށް އިޚްލާޞްތެރިކަން ނެރުމުގެ މުހިންމުކަން ބޮޑުކަމެވެ. ވީމާ ޙޔާތުގެ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް އިޚްލާޞްތެރިކަން ނެރޭށެވެ! އެއިރުން އަބަދުވެސް ދާނީ ކުރިއެރުން ލިބެމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން