ރަވާތިބް ސުންނަތުގެ ފަހު ސުންނަތް ފަހުން ކުރުމަކީ މައްސަލައެއް ނޫން! މުހިންމީ ތެޅިފޮޅި ނުގަނެ ޚުޝޫޢަތްތެރިކަމާއިއެކު ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރަވާތިބް ސުންނަތުގެ ފަހު ސުންނަތް ފަހުން ކުރުމަކީ މައްސަލައެއް ނޫން! މުހިންމީ ތެޅިފޮޅި ނުގަނެ ޚުޝޫޢަތްތެރިކަމާއިއެކު ކުރުން!

ނަމާދުގެ ފަހުން ކުރާ ރަވާތިބް ސުންނަތް ކުރުން ރަނގަޅީ ގޭގައެވެ. ނަމަވެސް މިސްކިތުގައި ކުރުމަކީވެސް މައްސަލައެއް ނޫނެވެ. އެންމެންނަށް ކޮންމެ ވަޤުތަކު ގޭގައި ނަމާދުކުރަން ފުރުޞަތު ފަހިވެފައި ނުއޮވެދާނެތީއެވެ. 

މަސައްކަތުގެ ވަޤުތުގައި ނުވަތަ ކުރަންޖެހޭ މުހިންމު ކަމެއް އޮތުމުގެ ސަބަބުން ނަމާދު ނިމިގެން ކުރާނެ ވަޤުތު ނެތްނަމަ ރަވާތިބް ސުންނަތް ކުރުމުގެ ވަޤުތު ޖެހިގެން އަންނަ ނަމާދާއި ހަމައަށް ދެމިގެންދެއެވެ. އަދި ޤަޟާކުރަންވެސް ފުރުޞަތު އެބައޮތެވެ. އެންމެ މުހިންމު ކަމަކީ ރަވާތިބް ސުންނަތްތައް ކުރުމެވެ. ކޮންމެ ދުވަހަކުވެސް 12 ރަކްޢަތް ކުރުމެވެ.  

ރަވާތިބް ސުންނަތް ކުރަން ކުރިން މިބަޔާންކުރި ފަދައިން ފުރުޞަތު އޮތުމުން ކޮންމެހެން އަަވސްއަރުވާލައިގެން ނުކޮށް ވަޤުތު އޮވެގެން ވީހާ ބޮޑަށް ޚުޝޫޢަތްތެރިކަމާއިއެކު ކުރަން ސަމާލުކަންދޭށެވެ. އެއިރުން މާފުރިހަމައަށް ކުރެވޭނެއެވެ.  

މިކަން ފާހަގަކޮށްލަން މިޖެހެނީ މަސައްކަތު ވަޤުތުގައި ކުރަންޖެހޭ މެންދުރު ނަމާދަށްފަހު ވަރަށް އަވަސް އަރުވާލައިގެން، ތެޅިފޮޅިގަނެގެން ރަވާތިބް ސުންނަތް ކުރާތަން ފެންނާތީއެވެ. ރާއްޖޭގައި މެންދުރު ނަމާދުގެ ވަޤުތު ދިމާވަނީ ފަހުދަންފަޅީގެ ދަރިވަރުން ސްކޫލަށް ގެންދަންޖެހޭވެސްވަޤުތާއިއެވެ. އެހެންކަމުން ފަހު ސުންނަތް ކުރަން އޮންނަނީ ގިނަ ބައަކަށް އުނދަގޫކަމަކަށްވެފައެވެ. އެހެންކަމުން އެފަދަ މީހުން ފަހުން ސުންނަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ރަނގަޅު ގޮތް ކަމަށްވެސް ބެލެވެއެވެ.

 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން