ކައިވެނިކުރަން ކަނޑައަޅާފައިވާ ދުވަސް އައިސް ޖެހެނީއެވެ. ކައިވެނީގެ ރަސްމިއްޔާތު ވީހާ ފުރިހަމަކޮށް ބާއްވަން އެއްކަމެއްވެސް ނުކުރެވެއެވެ. ގިނަ ބައަކަށް ދަޢުވަތުދީގެން ބޮޑު ވަލީމާއެއް ބާއްވަންވެސް އެއްވެސް ކަމެއް ނުކުރެއެވެ. އަދި ކައިވެނީގެ ރަސްމިއްޔާތަށް އަގުބޮޑުހެދުމެއް އަދިވެސް ނުގަނެއެވެ.
މިކަންކަމަށް ކަންބޮޑުވެ ބޮޑުދައިތަގެ ގާތުގައި ޝަކުވާ ކުރުމުން ދިން ޖަވާބު އެނގޭހެއްޔެވެ؟
"ދަރިފުޅާއެވެ. ތިއަކިޔާ އެއްވެސް ކަމަކީ ކައިވެންޏާއި އެންމެ ބޮޑަށް ގުޅިފައިވާ ކަންކަންކަމަށް ނުދެކޭށެވެ! ކައިވެންޏަކީ ތިއަކިޔާ ކަންކަމެއް ނޫނެވެ. ކައިވެންޏަކީ ކޮބައިކަން ޤުރްޢާނުން މިއޮތީ ފެންނާށެވެ!
"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)
ވީމާ ކައިވެނީގެ ބޭނުމަކީ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުމެވެ. ލޯބިން އެކުގައި ދިރިއުޅުމެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. ދަރިން ހޯދައި ތަރުބިއްޔަތުކުރަން މަސައްކަތްކުރުމެވެ. މާމަ، ކާފަ ދަރިންނަށްވެސް އަޅާލައި ލޯބިދިނުމެވެ.
"އަދި ﷲ، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު ޙަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާން ވަނީ، ބާޠިލަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރު ވަނީ، ﷲގެ ނިޢުމަތަށް ހެއްޔެވެ؟" (އަންނަހްލް: 72)
ވީމާ ދަރިފުޅު އެދޭ ފެންވަރުގައި ކައިވެނީގެ ރަސްމިއްޔާތު ނުބޭއްވިގެން ކަންބޮޑުނުވާށެވެ! ކިތަންމެ ކުޑަ ރަސްމިއްޔާތެއް ބާވާފައިނަމަވެސް ކައިވެނިކުރެވިއްޖެނަމަ އެކަން އެނިމުނީއެވެ. މުހިންމީ މި ބުނެދިން 2 އާޔަތުގައިވާ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރުމެވެ."
- އަލަފް / މިއަދުނޫސް