އެމީހެއްގެ އެންމެ ގާތް ބައަކު ލޯބިން ކިޔާ ނަމަކީ އެންމެން ކިޔަން އޮތް ނަމެއް ނޫނެވެ. އެނަން އެހެން ބައަކު ކިޔަން އެމީހަކު ނުރުހިދާނެއެވެ. ޢަމްދުން އެއްވެސް މީހަކަށް ފުރައްސާރަކުރުމުގެ ނަންތަކުން ނުގޮވާށެވެ! މިހުންނަނީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަމެވެ.
މިހާރަކަށް އައިސް ގިނަބައަކަށް އެމީހުންގެ ނަން ނޫން ތަފާތު ނަންތަކުން މުޚާޠަބް ކުރެއެވެ. އެކަމަށް އެމީހާ ނުރުހުނު ނަމަވެސް އަނގައިން ނުބުނެ ހުރެދާނެއެވެ. ވީމާ ކިތަންމެ ގާތް މީހަކަށް ނަމަވެސް އެމީހަކަށް ކިޔާ ނަން ނޫން ނަމަކުން މުޚާޠަބް ކުރާނަމަ އެމީހާ އެކަމަށް ރުހޭކަން ކަށަވަރުކުރަންވާނެއެވެ. ނަން ރައްދުވާ މީހާއަށް އެއީ ފުރައްސާރައެއް ކަމަށް ޤަބޫލުކުރެވޭ ނަންތަކުން ގޮވައިހެދުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ. ހަމައެއާއިއެކު އެއްވެސް މީހަކަށް މަލާމާތާއި ފުރައްސާރަކުރުންވެސް މެއެވެ.
މިއާޔަތަށް ވިސްނައި ފިކުރުކުރާށެވެ!
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބައަކު އަނެއްބައަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބައަކު އަނެއްބައަަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކަށް ޣީބަ ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބައަކު އަނެއްބައަކަށް ނުރުހޭކަހަލަ ލަޤަބްތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު ފާސިޤް ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (އަލްޙުޖްރތާތު: 11)
ވީމާ ކިތަންމެ ބޮޑު ގާތްކަމެއް އޮތަސް މީހުންނަށް ކިޔާ ނަން ނޫން ނަމަކުން ކިޔަންވާނީ އެމީހާގެ ރުހުން ހޯދައިގެންނެވެ. އެމީހަކު ނުރުހޭ ނަމަކުން އެމީހަކާއި މުޚާޠަބް ކުރުމާއި ފުރައްސާރަކުރުމަކީ ތައުބާވާންޖެހޭ ކަމެކެވެ. ތައުބާނުވިނަމަ އެމީހަކު އަނިޔާވެރިންގެ ތެރެއިން ވެދާނެކަމަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން