ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވެއްޖެއެވެ. އަވަދިނެތި ބުރަކޮށް މަސައްކަތްކުރިވަރަކުން ނޫނީ ދިރިއުޅެވޭކަށް ނެތެވެ. ވީމާ ޙަލާލް ގޮތުގައި ދިރިއުޅެވެން އޮތީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.
އެހެންކަމުން ގިނަ ބައަކަށް އޮންނަނީ އަޅުކަންކުރާނެ ވަޤުތު މަދުވެފައެވެ. ނުވަތަ ނުލިބިފައެވެ. ނުވަތަ ނުހޯދިފައެވެ. އެހެންކަމާއިއެކުވެސް އަޅުކަން ނުކުރާނަމަ ސުވަރުގެ ވަދެވޭނެ ގޮތެއްވެސް ނެތެވެ. ވީމާ ފަސޭހައިން ގިނަ ޘަވާބު ދެއްވަވާނެ ކަންކަން ދަސްކޮށް ޢަމަލުކުރަން އެބަޖެހެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ:
" ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (ބަޤަރާ: 152)
ވީމާ އަހަރެމެން ވާން ޖެހޭނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ، ﷲ ތަޢާލާއަށް ޝުކުރުކުރާ އަދި ﷲ ތަޢާލާއަށް ކާފިރު ނުވާނެ ބައަކަށެވެ. އެއިރުން ﷲ ތަޢާލާ އަހަރެމެންގެ މަތިން ހަނދުމަކުރައްވަވާނެތެވެ. އަދި ޝުކުރު ކުރާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ!
ﷲ އާއިމެދު ވިސްނައިލުމަށް މުސައްލަމަތީގައި ނުވަތަ އެނޫންވެސް ތަނެއްގައި ހިނދުކޮޅަކު މަޑުކޮށްލުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި މިހިރީ އެއްވެސް ތަކްލީފަކާއި ނުލައި ޘަވާބު ހޯދެންހުރި ލުއިފަސޭހަ މަގުތަކެވެ.
މުސައްލަމަތީގައި ނުވަތަ މިސްކިތުގައި އިންނައިރު ޛިކްރް ކުރުމާއި ދުޢާ ކުރުމާއި ކީރިތި ޤުރްއާން ކިޔެވުން ފަދަ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެއިގެ އިތުރުން ދުނިޔަވީ ކަންކަން ހިތުތެރެއިން ނެރެލައި ހަމައެކަނި ﷲ ތަޢާލާ އާއިމެދު ވިސްނައިލަން ކިތަންމެ ކުޑަ ނަމަވެސް ވަގުތުކޮޅެއް ހޭދަކުރާށެވެ! ﷲ ތަޢާލާގެ ކުޅަދުންވަންތަކާއި ދީލަތިވަންތަކަމާއިމެދުގައެވެ. ތިމާއަށް މިންވަރު ކުރައްވަވާފައިވާ ނިޢްމަތްތަކާއިމެދުގައެވެ.
މިއީ ކޮންމެހެން މިސްކިތުގައި ނޫން ނަމަވެސް ކުރެވިދާނެކަމެކެވެ. އެކަނިވުމަށް ފުރުޞަތު ލިބޭ ކޮންމެ ހިނދެއްގައި ކޮންމެ ތަނެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކާއިމެދު ވިސްނައިލުމަކީ ވެސް އަޅުކަމެކެވެ. ކިތަންމެ ކުރު އާޔަތެއް ކިޔަވައިލުމަކީވެސް ޛިކުރުކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން