ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު- ލޯފުޅު ލުހިގެންވެއްޓުމުން ރަސޫލާ ޞޢޥ ދުޢާކޮށްދެވުމުން ކުރިއަށްވުރެ ފުރިހަމަވެ ފެނުން ގަދަވި ޞަޙާބީ-

ކިޔުމަށް ހޭދަވާނީ 4މ 1ސ
ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު- ލޯފުޅު ލުހިގެންވެއްޓުމުން ރަސޫލާ ޞޢޥ ދުޢާކޮށްދެވުމުން ކުރިއަށްވުރެ ފުރިހަމަވެ ފެނުން ގަދަވި ޞަޙާބީ-

ޢަލީ އިޙްޞާން ފިރާޤް

 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރަޖަމަތިވެރި ޞަޙާބީންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އެއްފަހަރަކު ދުނިދަނޑިއެއް ވެދުމަކަށް އެރުވުނެވެ. ބަދުރުހަނގުރާމައިގެ ދުވަހު މާތް ރަސޫލާ އެދުނިދަނޑި ދެއްވީ ތިމަންކަލޭގެފާނަށެވެ. އެދުވަހު ތިމަންކަލޭގެފާނު މާތް ރަސޫލާގެ ކުރިމަތިފުޅުގައި ހުންނަވައިގެން އެ ދުނިދަނޑީގައި ދުނި ރުވައިލުމަށްފަހު ދުޝްމަނުންނާ ދިމާލަށް ދުނި އުކަމުން ގެންދިޔާމެވެ. އެހެން އުޅެނިކޮށް ދުނިދަނޑީގެ އެއްކަން ބިނދިއްޖެއެވެ. ނަމަވެސް އެހުރި މަޤާމުގައި ގުޑައިވެސް ނުލާ ތިމަންކަލޭގެފާނު ހުރީމެވެ. މާތް ރަސޫލާގެ ދިފާއުގައެވެ. އެކަލޭގެފާނާ ދިމާލަށް ދުންޏެއް އަންނަތަން ފެނިއްޖެނަމަ ތިމަންކަލޭގެފާނުގެ ބޯ އެދިމާލަކަށް ދިއްކުރަމެވެ. އެއީ މާތް ރަސޫލާގެ މޫފުޅަށް ދުންޏެއް ހެރިދާނެތީއެވެ. 

އެހެން އުޅުމުގެ ތެރޭގައި މީހަކު އެއްލި ދުންޏެއް އައިސް ތިމަންކަލޭގެފާނުގެ ލޮލަށް ހެރިއްޖެއެވެ. ދުނި ލޮލަށް ހެރުމާއެކު ލޮލުގެ ލޮންޖާއި ގޮބޮޅިގަނޑާއެކު ކޯތާފަތް މައްޗަށް ވެއްޓިއްޖެއެވެ. ތިމަންކަލޭގެފާނުގެ އެތަނުގައި އަތްއަޅައިގެން އަވަސްއަވަހަށް  މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ހިއްގައްޖައީމެވެ. ތިމަންލޭގެފާނުގެ ހުރި ޙާލު ފެނިވަޑައިގެން ރަޙްމަތުގެ ނަބިއްޔާގެ ބަރަކާތްތެރި ލޯފުޅުން ކަރުނަފޮދު އޮހޮރެން ފަށައިފިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. 

[ތިބާ ބޭނުންނަމަ ކެތްތެރިވާށެވެ. އޭރުން ސުވަރުގެ ލިބޭނެއެވެ. ތިބާ ބޭނުންނަމަ އެ ލޯ އިހު ހުރިތަނަށް ރައްދުކޮށް، ލޮލުގެ ފެނުން ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތަށް ދުޢާކޮށްދެއްވާނަމެވެ. އޭރުން އެއްވެސް އުނިކަމެއްނެތި ލޮލުގެ ފެނުން ރައްދަކުކޮށްދެއްވާނެއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިވާހަކަތައް އަޑުއެހުމަށްފަހު ތިމަންކަލޭގެފާނު ދެންނެވީމެވެ. 

[އޭ މާތްﷲ ގެ ރަސޫލާއެވެ. ޝައްކެއްތެވެ. ސުވަރުގެއަކީ އެންމެ ހެޔޮ އަޖުރެވެ. ނަމަވެސް ތިމަންކަލޭގެފާނު ވަރަށް ލޯބިވާ އަނތްބަކުވެއެވެ. އަޅުގަނޑު މިހާލަތުގައި ހުއްޓާ އޭނާއަށް ފެނިޖެނަމަ، އޭނާ އަޅުގަނޑުދެކެ ފޫހިވެދާނެކަމުގެ ބިރު އެބަ އޮތެވެ. ވީމާ އަޅުގަނޑު އެދެނީ ލޯ ރަނގަޅުވުމާއެކު، ސުވަރުގެވެސް ލިބުމެވެ.]

އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ދުޢާފުޅު ކުރެއްވުމުން އެ މާތް ޞަޙާބީގެ ލޯފުޅު ރަނގަޅުވެއްޖެއެވެ. އެކަލޭގެފާނުގެ ދެލޯފުޅުގެ ތެރެއިން އެންމެ ރީތި ލޯފުޅަކީ އެ ލޯފުޅުކަމުގައިވެއްޖެއެވެ. ލޯފުޅަށް ބައްޔެއް ޖެހުނުކަމުގައި ވިޔަސް އެ ލޯފުޅަކަށް ބައްޔެއް ނުޖެހެއެވެ. މުސްކުޅިފުޅުވެ، އަނެއްލޯފުޅުގެ ފެނުން ފުސްވެގެން ދިޔަ އިރުވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ދުޢާކޮށްދެއްވި ލޯފުޅަށް ރަނގަޅަށް ފެނިވަޑައިގަންނަވައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދިފާއުގައި މޭފުޅަށް އައްޑަނައަކަށް ހައްދަވާ، މިދެންނެވި ޚާއްޞަ އިމްތިޔާޒު ޙާޞިލު ކުރެއްވި ޞަޙާބީއަކީ قتادة بن النعمان رضى اللّـه عنــه އެވެ. 

ބައެއް ރިވާޔަތްތަކުގައި ވާގޮތުން މިދެންނެވި ޙާދިޘާ ހިނގީ އުޙުދު ހަނގުރާމައިގެ ދުވަހުގައެވެ. ކޮންމެއަކަސް قتادة بن النعمان رضى اللّـه عنــه ގެ ލޯފުޅުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އުސުދުލް ޣާބާގައި ލިޔެވިގެންވެއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގެ ދުވަސްވަރު قتادة بن النعمان رضى اللّـه عنــه ގެ ކާފަދަދަރިކަލަކު އެމަނިކުފާނުގެ ފައިންޕުޅުދެކެވަޑައިގެންނެވުމަށް ވަޑައިގެންފައި ތަޢާރަފުވުމުގެ ގޮތުން ދެންނެވިއެވެ. 

[އަޅުގަނޑަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީންގެ ތެރެއިން އެބޭކަލެއްގެ ލޯ ލުހިގެން ވެއްޓުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم އެލޯއަނބުރާ އޭގެ މަޤާމަށް ރައްދުކޮށްދެއްވުމުން، އެ ލޯ ފަސޭހަވި ޞަޙާބީގެ ކާފަދަރިކަލަކީމުއެވެ.]

 

- އަދި ނުނިމޭ

 

--ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން