ކިތަންމެ ގިނަ ނިޢުމަތްތަކެއް ލިބުނަސް ބައެއް މީހުންގެ ހިތް ނުފުރެނީ ކީއްވެގެންތޯ؟ މިހާރުވެސް 2 އަނބިން ތިބި މީހަކު އެބަ ތެޅިފޮޅޭ އަޅުގަނޑުގެ އަނބިމީހާވެސް ޖަހައިނުގަނެވިގެން-
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ހިތް ނުފުރުމަކީ ޝައިޠޯނާ ޖައްސުވާ ބައްޔެކެވެ. އެބަލީގެ ފަރުވާއަކީ ތަޤްވާވެރިކަމެވެ. ތިރީގައިވާ ލިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ﷲ ތަޢާލާ ކޮންމެ މީހަކަށް ވެސް ނިޢްމަތްތަކެއް ވަނީ ދެއްވަވައިފައެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ދެއްވެވި ނިޢްމަތްތައް ދެއްވާފައި ހުރިކަން ވެސް އިޙްޞާޞް ނުކުރެވުމެވެ. ކިތަންމެ ގިނަ ނިޢްމަތްތަކެއް ދެއްވަވާފައި ވީނަމަވެސް އެކަންކަމަށް ވިސްނެނީ ވަރަށް މަދު މީހަކަށެވެ. އަބަދުވެސް ކަޅި އެޅެނީ އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢްމަތްތަކަށެވެ. ތިމާއަށް ނުލިބި އެހެން މީހުންނަށް ލިބިފައިވާ ނިޢުމަތްތަކަށެވެ.
ވީމާ މި ހަދީޘްފުޅުން ވިސްނުން އަލުން މުރާޖާ ކޮށްލާށެވެ!
"އެހެން މީހުންނަށް ލިބިފައިވާ ނިޢްމަތްތަކަށް އުންމީދު ނުކުރާށެވެ!"
ގިނަ ފަހަރަށް ދިމާވާ ގޮތަކީ އަބަދުވެސް ވިސްނެނީ އެހެން ކޮންމެ މީހަކަށް ނުވަތަ ބައަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދުގައެވެ. އެ ނިޢްމަތްތައް ތިމާއަށްވެސް ދެއްވަވާފައި ނުވުމުންނެވެ. އެކަމާއިމެދު ކަންބޮޑުވެ ހަމަ ނިދި ނުނިދޭ މީހުން ބައިވަރެވެ. އެކަމުގެ ސަބަބުން ﷲ ތައާލާ ޢާއި ތިމާ އާއި ދެމެދު ބާއްވަން ޖެހޭ ގުޅުންތައް ނުބޭއްވޭ މީހުން އެބައުޅެއެވެ.
ވަރަށް ބޮޑު ތެދެއް ބުނަން ހެއްޔެވެ؟ މިދުނިޔެއިން ތިބާއަށް ލިބިފައިވާ މިންވަރު މާ މަދުކަމަށް ވިސްނުވައިދެނީ ހަމަ ޝައިޠޯނާއެވެ. ޝައިޠޯނާ އެކަން ކުރަނީ މިދުނިޔެއިން ތިމާއަށް ލިބިފައިވާ މިންވަރު މާ މަދު ޤަބޫލުކުރެވޭ މީހާއަށް އާޚިރަތަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަމަކަށް ނުވާތީ އާޚިރަތަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށެވެ.
ދުނިޔޭގެ އެދުންތަކަށް ދަހިވެތި ނުވުމާއި ހަސަދަވެރި ނުވުމާއި އެސްފީނާ ނުލުމުގެ ވާހަކަތައް ދައްކަމުއެވެ. އެކަމުގެ ހުރި ނުބައިކަމުގެ ވާހަކަތައްވެސް ދައްކަމުއެވެ. ނަމަވެސް ހިތާމައަކީ އެފަދަ ވާހަކަތައް ދައްކަމުން ތިމާއަށް އެހެން މީހުންނާއިމެދު ޙަސަދަވެރިވެވޭ ކަމެވެ. ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެވޭ ކަމެވެ. އަދި އެންމެފަހުން އެސްފީނާވެސް ލެވޭ ކަމެވެ. އެކަންކަމާއި ހެދި ސަލާމަތް ނުވެވިގެން އުޅެންހަދައިގެން އާޚިރަތަށް ދޭންޖެހޭ ސަމާލުކަންވެސް ނުދެވޭ ކަމެވެ.
ނިކަން ވިސްނައިބަލާށެވެ! މިބުނި ކަންކަން އެހެން މީހަކު ތިބާއަށް ކޮށްފިނަމަ ތިބާއަށް މިދުނިޔޭގައި ހުރަސްތަކެއް ކުރިމަތިވެ ދަތިތަކެއް ކުރިމަތިވެދާނެއެވެ. ނަމަވެސް އެއިން ކަމެއް ތިބާ އެހެން މީހަކަށް ކޮށްފިނަމަ، (ދުނިޔޭގެ އެދުންތަކަށް ދަހިވެތިވުމާއި ހަސަދަވެރި ވުމާއި އެސްފީނާ ލުން ފަދަ) ތިބާއަށް އާޚިރަތް ދުވަހު މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ވީމާ އަބަދުވެސް ވިސްނަން ޖެހޭނީ ތިމާއަށް އާޚިރަތް ދުވަހު ކުރިމަތިވެދާނެ މައްސަލަތަކަށެވެ. އެހެން މީހަކަށް ދުނިޔޭގައި ލިބިފައިވާ ނިޢްމަތެއް ތިބާއަށް ނުލިބުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ތިބާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެ އެވަރުން ފުއްދައިލާ މީހަކަށް ވެގެން ނޫނީ އާޚިރަތެއް ނުލިބޭނެއެވެ. ވީމާ ރަސޫލް (ﷺ) ދެއްވަވާފައިވާ ނަޞޭޙަތްފުޅަށް އަވަހަށް އެނބުރިދާށެވެ!
އެކަން ވެސް ކުރެވޭނީ ފުރިހަމައަށް ނަމާދުކޮށްގެންނެވެ. ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށްގެންނެވެ. ދުނިޔަވީ އެދުންތަކަށް ދަހިވެތި ނުވެ އުޅެވޭނީ ބަރާބަރަށް ނަމާދުކުރާ މީހަކަށެވެ. އެހެނީ ބަރާބަރަށް ނަމާދުކުރާ މީހާގެ ހިތް އަބަދުވެސް ހުންނާނީ ފުރިފައެވެ. އެފަދަ މީހުންގެ ހިތުގައި ދަހިވެތިކަން އޮންނާނީ އާޚިރަތް ލިބުމަށެވެ. ސުވަރުގެ ލިބުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން