މޫނުނިވާނުކޮށް، ސްކާފްއަޅައިގެން ތިބޭނަމަ ބައްދަލުވާ އެންމެންނަށް މޫނު ފެންނާނެއެވެ. އެހެންކަމުން އަންހެނުންގެ މޫނުގައި ހުންނަ އައިބު ފޮރުވޭވަރަށް ޒީނަތްތެރިވުމަކީ މައްސަލައެއް ނޫނެވެ.
އެހެނަސް އެޒީނަތްތެރިކަމުގައި މާމައްޗަށް ދިއުން ހުއްދައެއް ނޫނެވެ. އިބްން ޢައްބާސްގެ ބަސްފުޅަކުން އެނގެން އޮތީ ބައްދަލުވާ ފިރިހެނުން ޝައުޤުވެރިވާނެ ގޮތަށް ނުވަތަ ފިރިހެނުން ޝައުޤުވެރިކުރުވަން ޒީނަތްތެރިވެގެން ނުވާނެ ކަމަށެވެ.
ވީމާ ހިލޭ ފިރިހެނުންގެ ޝައުޤުވެރިކަން ހޯދުމުގެ ނިޔަތުގައި ޒީނަތްތެރިވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. އޮތީ ކުޑަފާފަ ބޮޑުފާފަކިޔުމެއް ނޫނެވެ. ކުރަން ބޭނުންވާހައި ކަންކަން ކޮށްފައި ތިމާގެ ނިޔަތް ރަނގަޅު ކަމަށް ބުނުމަކުން ނުފުދޭނެއެވެ.
ނިޔަތް ރަނގަޅުވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ފާފަވެރިވެދާނެކަމަށް ޝައްކުކުރެވޭ ކަންކަމާއިވެސް ދުރުހެލިވުމެވެ.
މިޘާލަކަށް ފައުންޑޭޝަންތައް އުގުޅައި ހަންގަނޑު އޮމާންކޮށް މޫނުގައި ތަފާތުކުލަޖައްސައިގެން ގޮސް މީހެެއްގެ ހިތް ހޯދީއެވެ. ކައިވެނިކުރީއެވެ. ދެން އަބަދުވެސް ހުންނާނީ އެކަންކަންކޮށްގެންހެއްޔެވެ؟ އެކަންކަން ނުކުރެވުމުން އަޞްލުސިފަ ފެނުނީމާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ވީމާ މަސައްކަތްކުރަންވީ ތިމާގެ އަޞްލު ސިފައަށް ރުހި ޤަބޫލުވާނެ ބައިވެރިއަކު ހޯދުމަށެވެ. އުފަލުގައި ދިރިއުޅެވޭނީ އެއިރުންނެވެ.
- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން