މަކަރުވެރިއަކާ ކައިވެނިކުރެވުމުން ސަލާމަތްވެވުނު ދުޢާ: ކައިވެނިކުރެވެންދެންވެސް މިދުޢާކުރުންމަތީގަ ހުންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މަކަރުވެރިއަކާ ކައިވެނިކުރެވުމުން ސަލާމަތްވެވުނު ދުޢާ: ކައިވެނިކުރެވެންދެންވެސް މިދުޢާކުރުންމަތީގަ ހުންނާށެވެ!

އެއީ އަހުރެންގެ އަލަތު ކައިވެނިކުރަން އޮތް ދުވަހެވެ. ކައިވެނިކުރަން އުޅުނީ އެކަކު އަނެކަކަށް އެނގި ރުހި ޤަބޫލުވެގެންނެވެ. ނަމަވެސް އަހުރެން ހުރީ އެންމެ އުފަލުގައެއް ނޫނެވެ. ހިތުގައި ނުތަނަވަސްކަން އޮތެވެ. އެހެންވެ އެރޭގެ ދަމުނަމާދަށްފަހުގައިވެސް ފަތިސްނަމާދަށްފަހުގައިވެސް އަދި އެތައް ފަހަރަކު މިފަދައިން ދުޢާކުރީމެވެ. އަދި ކައިވެނީގެ ރަސްމިއްޔާތަށް ގޮސް އިނދެގެންވެސް އަހުރެން ދިއައީ މިފަދައިން ދުޢާކުރަމުންނެވެ. 

"ޔާ ﷲ! މިއަޅާ ކައިވެނިމިކުރަނީ މިއަޅާއަށް ޤަބޫލުކުރެވޭ ކަންކަމަކީ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރެވިގެންނެވެ. ނަމަވެސް ޙަޤީޤަތެއް މިއަޅާއަކަށް ނުއެނގެއެވެ. ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އެވެ. މިއަޅާޢަށް ކުރެވެން މިއުޅޭ ކައިވެންޏަކީ މިއަޅާގެ ދުނިޔެއާއި ޢާޚިރަތަށް ފައިދާކުރާނެ ކައިވެންޏެއް ކަމުގައި ނުވާނަމަ މިކަމުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! އަދި މިއަޅާގެ ދުނިޔެއާއި އާޚިރަތަށް ފައިދާކުރާނެ ބައިވެރިއަކު މިއަޅާއަށް ދެއްވަވާނދޭވެ! އާމީން." 

ކައިވެނިކުރަން އޮތް ވަޤުތު ޖެހުނުއިރުވެސް އޭނާއަކަށް ނާދެވުނެވެ. ބައިގަޑިއިރު ފާއިތުވެގެންދިއައިރުވެސް ނާދެވުނެވެ. އޭނާއަށް ގުޅަންކުރި މަސައްކަތުން ގުޅޭނެ ގޮތެއްވެސް ނުވިއެވެ.   

އިންތިޒާރުގައި ގަޑިއެއްހައިއިރު ތިބިފަހުން އެނގުނީ އޭނާވަނީ ކައިވެނިކުރާނެކަމަށްބުނެ އަންހެނަކު އަތުން ގިނަ ޢަދަދެއްގެ ފައިސާތަކެއް އތުލާފައިކަމެވެ. އެއަންހެންމީހާ އޭނާގެ ގެއަށްގޮސް ޝަކުވާތަކެއްކޮށް އޭނާ ހުއްޓުވީކަމެވެ. އެހެންވެ ނާދެވިގެން އުޅެނީކަމެވެ. އެކަން އެނގުމުން އެކައިވެނި ކުރަން ދެން ބޭނުން ނޫން ކަމަށްބުނެ ކެންސަލްކުރީއެވެ. 

އެއިގެ 3 މަސްފަހުން ވަރަށް ހެޔޮލަފާ މީހަކާއި ކައިވެނިކުރެވުނެވެ. އެކައިވެނިމަތީގައި މިހާރު 10 އަހަރުވީއެވެ. އިން ޝާ ﷲ އަދިވެސް މިތިބީ ހަމަ ހަނީމޫންގައެވެ. އަދި ތިބޭނީވެސް ހަމަ މިގޮތުގައެވެ. 

މިއީ ކައިވެނި ނުކުރެވި ދުވަސްތައް ފާއިތުވަމުންދާތީ ކަންބޮޑުވެގެންއުޅުނުއިރު އެކުވެރިއަކު އަޅުގަނޑަށް ހިތްވަރުދޭން ޙިއްޞާކުރި ވާހަކަކޮޅެކެވެ. ހާވަނިކޮށް މިވާހަކަކޮޅު ފެނުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ކިޔުންތެރިންނަށް ފައިދާކޮށްފާނެ ކަމުގެ އުންމީދުގައެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން