ބައިވެރިޔާއަށް ކަމަސްވީނަމަވެސް އެހެން މީހަކަށް ކަމަށްވީނަމަވެސް އެއްވެސް މީހަކަށް ކުރާ އެއްވެސް އަނިޔާއަކީ އެކަމަކުން އެމީހަކަށް މާފުލިބިގަންނަންދެން މަރުވާ އެއްޗެއް ނޫނެވެ. ދިރިހުންނަ އެއްޗެކެވެ. އެ އަމަލުތައް ތިބާގެ ވަށައިގެން އެނބުރޭނެއެވެ. ވިސްނަން ވެސް ނުއެނގޭ ފަދަ ގޮތަކަށް، ހީވެސް ނުކުރެވޭ ފަދަ ވަގުތަކު އެމީހަކު އަތުލައިގަންނާނެއެވެ. ވަރަށް ނިކަމެތި ގޮތުގައި އެމީހާ ޝިކާރަކޮށްލާނެއެވެ.
އެއްވެސް މީހަކާ އަޅައިގަނެގެން އުޅުމަކުން، މީހުންގެ ފަހަތުން ދުވުމަކުން އަދި މީހުންގެ ވާހަކަތައް ދައްކަމުން ހިނގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ތިމާކުރާ އެފަދަ އަމަލުތައް އައިސް ބަރަންޏެއް ފަދައިން ތިމާގެ ގައިގައި އޮޅި ތިމާ ކަސްތޮޅު އަޅުވާނެއެވެ.
އަހަރެން އެކަން ސިފަކުރާނީ ބިޔަ ހަރުފައެއް އައިސް ގައިގައި އޮޅާލައި އަދި ނޭވާވެސް ލިއަ ނުދޭ މަންޒަރެއްގެ ގޮތުގައެވެ. އެވަގުތު ނޭވާ ހާސްވެގެން ތެޅިގެންފައި އެމީހަކު މަރުވެދާނެއެވެ.
މީހުންނާއި، މީހުން ކުރާ ކަންކަމާއި އަޅައިގަނެގެން އުޅުމަކީ ޖެހޭ ވަރަށް ނުބައި ބައްޔެކެވެ. ނެތިމޮށެ، ދެބައުޑުވާ މީހުންނަށް އެކަންކަން ކުރުން ހުއްޓާލައި ސަލާމަތް ނުވެވެނީ އެހެންވެގެންނެވެ! ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ، މިފަދަ އެންމެހައި ކަންކަން ކުރުމާއި ދުރުހެލިވާށެވެ!
މީހަކު ނުބައިކަމެއް ކުރާކަން އެނގޭނަމަ ނަޞޭޙަތްދީ އެކަމަކުން އެމީހާ ސަލާމަތްކުރެވޭތޯ މަސައްކަތްކުރާށެވެ! ޤަބޫލުނުކުރި ނަމަ ﷲ ތަޢާލާއަށް ވަކީލުކޮށް އެކަން ދޫކޮށްލާށެވެ! އެމީހެއްގެ ފަހަތުން އަޅައިގަނެގެން ނުއުޅޭށެވެ! އެގޮތަށް އުޅުމުން ތިމާއަށް ފާފައެއް ކުރެވިދާނެ ކަމުގެ ބިރަށެވެ! ނަމަވެސް އެކަމަކީ މުޖުތަމައު އާއި ގުޅުންހުރި ކަމެއް ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް އަންގަންވާނެއެވެ! މުޖުތަމައު ސަލާމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން