އިސްލާމީ މުޖުތަމައުތަކުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ބޮޑަށް ވިސްނަން ޖެހިފައިވާ އެއްކަމަކީ އިސްލާމީ ވަންތަކަން ދަމަހައްޓައި ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމެވެ. އެކަން ކުރެވޭނީ އިސްލާމް ދީނަށް އަމަލުކޮށްގެންނެވެ. ޚާއްޞަކޮށް މުސްލިމް ދައުލަތްތަކާއި ޢިލްމުވެރިންނެވެ.
އިސްލާމް ދީނުގެ ވާހަކަ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ޢަމަލު ނުކުރާނަމަ ދުވަހެއް ދުވަހަކަށް ދާނީ ކަންބޮޑުވުން އިތުރުވަމުންނެވެ. މިއަދު މުސްލިމުންގެ އެންމެ ބޮޑު ބަލިފައަކީ އެއީއެވެ. ބޮޑެތި ފޮތްތައް ލިޔާނެއެވެ. ދަރުސްދޭނެއެވެ. ނަމަވެސް މިސްކިތަށް ގޮސް ޖަމާއަތުގައި އެބަ ނަމާދުކުރޭ ހެއްޔެވެ؟ ޚާއްޞަކޮށް ފަތިސްނަމާދުކުރޭ ހެއްޔެވެ؟ ކުރަނީ ކިތައް އިލްމުވެރިން ހެއްޔެވެ؟
މިޒަމާނަކީ ބައެއް ޤައުމުތަކުގައި ގަދަކަމުން މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަން ގަދަކަމުން މަސައްކަތްކުރި ނަމަވެސް ޢާންމު ގޮތެއްގައި މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަން ގަދަކަމުން މަސައްކަތްކުރާ ޒަމާނެއް ނޫނެވެ. ސަބަބަކީ މުސްލިމުންނާއިމެދު އެގޮތަށް އަމަލުކުރުމަކީވެސް ކުރަން އެހައި ފަސޭހަ ކަމެއް ނޫންކމަށްވެފައި އެގޮތަށް ކުރެވޭ މަސައްކަތް މުސްލިމުން ބަލައި ނުގަންނާނެތީއެވެ.
އެހެންކަމުން އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މިހާރުގެންދަނީ ތަފާތު އުކުޅުތައް ބޭނުންކުރަމުންނެވެ. އެންމެ ބޮޑަށް ބޭނުންކުރާ އެއް އުކުޅަކީ މުސްލިމުން އިސްލާމް ދީނަށް އަމަލުކުރަން ހުރަސް އަޅަން ކުރާ އަމަލުތަކެވެ. އެކަމަށް ހިންގާ ޕްރޮޕަގެންޑާތަކެވެ.
މިގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ނަމާދުކުރުވުމާއި ދުރުހެލިކުރުވުމެވެ. ނަމާދު ކުރުމާއި ދުރުހެލި ކުރުވިއްޖެ ނަމަ އެމީހަކު ލައްވައި ނުކުރުވޭނެ އެއްވެސް ފާފައެއް ނުއޮންނާނެކަން ޝައިޠޯނާއަށް އެނގެތީ އެކަން ދީނުގެ ޢަދުއްވުންނަށްވެސް އަންގައިދެއެވެ.
ނަމާދުކުރާ މީހަކު ލައްވައި ފާފައެއް ކުރުވި ނަމަވެސް އެމީހާ އެނބުރި ތައުބާވާނެކަން އެނގެއެވެ.
މުސްލިމުންގެ ސިކުނޑިތަކަށް އެންމެ ފަސޭހައިން ވާސިލުވެވޭނެ ގޮތްތައް އެމީހުން އަބަދުވެސް ދަނީ ދިރާސާކުރަމުންނެވެ. އެމީހުން އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމީހުން ކުރާ ދިރާސާތަކުގެ އަލީގައެވެ. ވީމާ މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބެން ބޭނުން ނަމަ ފުރަތަމަވެސް ކުރަން އޮތް ކަމަކީ އިސްލާމް ދީނަށް ޢަމަލުކުރުމެވެ. އިސްލާމް ދީނަށް އަމަލުކުރާ މުޖުތަމައުއެއް ފަސާދަކުރުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވެގެން ނޫނީ މިދުނިޔެވެސް އާޚިރަތްވެސް ނުހޯދޭނެއެވެ.
މައްސަލައިގެ އެންމެ ބޮޑު ޙައްލަކީ ފަރުދީ ޒިންމާ ނެގުމެވެ. އެމީހަކު އިސްލާމް ދީނަށް ޢަމަލުކުރުމާއިއެކު ޢާއިލާގެ މީހުން ލައްވައިވެސް ދީނަށް ޢަމަލު ކުރުވުމެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ ކަމެއްކަމާއިމެދުގައިވެސް ވިސްނައި ހޭލުންތެރިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން