ޢަލީ އިޙްޞާން ފިރާޤް
قتادة بن النعمان رضى اللّـه عنــه އަކީ ޞަޙާބީންގެ ތެރެއިން ޚާއްޞަ ޤަދަރެއް ޙާޞިލު ކުރައްވައިފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ވަރަށް ކުރީން އިސްލާމްވެވަޑައިގެންނެވި އަންޞާރިއްޔަ ޞަޙާބީއެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ހިޖްރައަށް ވަޑައިގެންނެވުމުގެ ކުރީން އެކަލޭގެފާނުވަނީ އިސްލާމްވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ބައިޢަތު ހިއްޕަވައިފައެވެ. މި ބައިޢަތު ހިއްޕެވީ މައްކާގެ މިނާގައެވެ. ހަތްދިހަ އަންޞާރުންނާއެކުގައެވެ.
قتادة بن النعمان رضى اللّـه عنــه އަކީ ދުނި ޖެއްސެވުމުގެ ހެވިކަމުގެ ވަރަށް ބޮޑު އުސްތާޒެކެވެ. އެކަލޭގެފާނުވަނީ މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު އެންމެހައި ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހު ބަނީޒަފަރު ދަރިކޮޅުގެ ދިދަ އުފުއްލެވީ އެކަލޭގެފާނެވެ.
ހިޖްރައިން ބާރަ ވަނަ އަހަރު، އަމީރުލް މުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގައި އެކަލޭގެފާނު ޙައްޖަވަޑައިގެންނެވީ، قتادة بن النعمان رضى اللّـه عنــه މަދީނާގެ މައްޗަށް ވެރިކުރައްވައިފައެވެ. އެކަލޭގެފާނުގެ ޤާއިމުމަޤާމެއްކަމުގައި ހަމަޖައްސަވައިފައެވެ.
ބައިތުލް މަޤުދިސް ފަތަޙަ ކުރެވުނީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. ޢުމަރުގެފާނު ބައިތުލް މަޤުދިސަށް ވަޑައިގެންނެވި ލަޝްކަރުގައި قتادة بن النعمان رضى اللّـه عنــه ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ޢުމަރުގެފާނުގެ ކުރިފުޅުމަތިން ދަތުރު ކުރައްވަމުންނެވެ.
އަދި ނުނިމޭ
- ޢަލީ އިޙްޞާން ފިރާޤް