ކައިވެނީގެ ކުރިން ލޯބިވެރިޔާދެކެ ލޯބިވާނަމަ އަދި ކައިވެނިކޮށް ބައިވެރިޔާއަށް ބަދަލުވުމުން އޭނާދެކެ ޙަޤީޤީ ލޯބިވާކަން އެނގޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން މިސުވާލަށް ޖަވާބުދޭން މަސައްކަތްކުރާނަމެވެ.
އަހުރެންގެ ވިސްނުމުން އެކަންކަން އެނގޭނެ ހަމައެކަނި ގޮތަކީ 1 ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް އެހެން މީހަކަށް ބޭނުންނުވުމެވެ. މާނައަކީ ބައިވެރިޔާގެ ކިބައިން ވަކިވެ އެހެންމީހަކާއި ގުޅެން ނުވިސްނުމެވެ. 2 އަނެކާ އާއި ވަކިވަން ބޭނުން ނުވުމެވެ. 3 އަނެކާއަށް ކުށެއް ކުރެވުނަސް އިޞްލާޙްކުރުވައިގެން ނަމަވެސް އެކުގައި އުޅެން ބޭނުންވުމެވެ. މި 3 ކަންތައްވެސް ހިމެނިގެންދަނީ ފުރަތަމަ ބުނި ކަންތަކުގައެވެ.
އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ހަމައެކަނި އެންމެ ސަބަބަކަށްޓަކައެވެ. ތިބާދެކެ އޭނާ ޙަޤީޤީ ލޯބިވާތީއެވެ. ތިބާއަކީ އޭނާގެ އަމިއްލަ މީހެއްކަމަށް ޤަބޫލްކުރެވޭތީއެވެ.
ތިމާގެ ހިތަށް އަރާއިރަށް އެހެން މީހެއްގެ ގާތަށް ދެވޭނަމަ އެއިގެ މާނައަކީ އަނެކާދެކެ ޙަޤީޤީ ލޯބިނުވާކަމެވެ. ލޯބިވާކަން ތެދުވެރި ޢަމަލުން ނުދެއްކޭނަމަ ލޯބިނުވެވެނީއެވެ. ހެކި ނެތި ކަމެއް ޘާބިތުކޮށް ނުދެވޭނެފަދައިންނެވެ. ހަމައެފަދައިން ބަދަލުނުވެވޭނަމަ (އިޞްލާޙް ނުވެވޭނަމަ) މާފުކުރުމުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ.
ހަޤީޤީ ތަޝައްރަފް ފުދުމަކީ މައްސލަތަކުން ސަލާމަތްވެ ތިމާއަށް ފައިދާކުރާނެ ގޮތަށް ދިރިއުޅެން އެނގުމެވެ. ހުސްއަނގަތަޅާ މީހުންނަށް ވަޤުތުނުދޭށެވެ! އިޙްތިރާމްނުކުރާ މީހުންނާ ގުޅުން ބަދަހިނުކުރާށެވެ. އެމީހުންނާ ކައިރިވެސް ނުވާށެވެ.
ތަޝައްރަފް ފުދިއްޖެނަމަ އެމީހަކަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމެއް ނުކުރާނެއެވެ. ތިމާގެ ޞިއްހަތަށާއި އާމްދަނީ އިތުރުކުރަން ސަމާލުކަންދޭނެއެވެ.
އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ނަމަވެސް މިބުނިކަންކަމަށް ސަމާލުކަންދީގެން އުޅޭނަމަ އެމީހަކީ ބުއްދިވެރިއަކު ކަމުގައިވާނެއެވެ. ހިތްހެޔޮ އަދި ރަނގަޅު މަޤްޞަދެއްގައި ދިރިއުޅޭ މީހަކަށްވާނެއެވެ. އިން ޝާ ﷲ
މިބުނި މަގުން ދިރިއުޅެވޭނީ އަތުގަހުރި މިންވަރަށް ފުދިގެން އުޅޭ މީހުންނަށް އެކަންޏެވެ. ހަމައެއާއިއެކު ޝައިޠޯނާގެ ވަސްވާސްތަކުން ކިލަނބުނުވާ ސާފުޠޯހިރު ހިތެއް ލިބިފައިވާ މީހަކަށެވެ. ދުނިޔޭގެ އުފަލަކީ އެންމެ މުހިންމުކަންތައް ނޫންކަމާއި އެންމެ މިހުންމީ އާޚިރަތް ކާމިޔާބުވުންކަމަށް ދެކޭ މީހުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން