މާތް ﷲ އިންސާނުން އުފައްދަވާފގައިވަނީ އެކިސިފައަށެވެ. ވީމާ ތިމާއަށް ދެއްވަވާފައިވާ ސިފައާއިމެދު ކަންބޮޑުވާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު އަބަދުހެން އުޅެނީ ސިފަރީތިކުރެވޭތޯއެވެ. އެހެންވެ ލިބޭ ޢާމްދަނީން ބޮޑުބައެއް ހޭދަކުރަނީވެސް އެކަމަށެވެ.
ލޮބުވެތި ކަނބަލުންނަށް ބުނެލަން ބޭނުންވަނީ ސިފަ އެހައި ރީތިނުވެގެން ކަންބޮޑުނުވާށެވެ! ބުއްދިވެރި ފިރިހެނަކުނަމަ އެހައި ރީތި އަންހެނަކާއި ކައިވެނިކުރަން ބޭނުމެއްވެސް ނުވާނެއެވެ. ސަބަބަކަސްވަނީ ކަޅިއަޅާ މީހުން ގިނަވުމެވެ. ކަޅިއަޅާ މީހުން ގިނަވީމާ ފަސޭހައިން ގެއްލޭތީއެވެ. އަބަދު ފާރަވެރިވާންޖެހޭނެތީއެވެ.
އެއްވެސް ކަމެއްގައި އެންމެން އެއްގޮތްވާނެކަމަށް ބުނާކަށްނުވާނެއެވެ. ވީމާ ސިފަރީތި ހުރިހާ އަންހެނުންގެ އުޅުން އެއްގޮތްވާނެކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ސިފަރީތި ގިނަ އަންހެނުންގެ ދިރިއުޅުމަށް ބެލުމުން މިބުނި ކަންކަން ފާހަގަކުރެވޭނެއެވެ. މިބުނީ ޙަޤީޤަތްކަން އެނގޭނެއެވެ.
ބޭރުފުށުގެ ސިފައަށް ކަންބޮޑުނުވެ އެތެރެފުށުގެ ސިފައަށް ކަންބޮޑުވާން އަބަދުވެސް ނަޞޭޙަތްތެރިވަނީ އެހެންވެގެންނެވެ. އުފާވެރި ދިރިއުޅުމެއް ލިބުން އޮތީ އެތެރެފުށުގެ ސިފަ ރީތިކޮށްގެންނެވެ. އަދި އާޚިރަތް ކާމިޔާބުކުރެވެން އޮތީވެސް އެތެރެފުށުގެ ސިފަ ރީތިކޮށްގެންނެވެ.
އެތެރެފުށުގެ ސިފަ ރީތިކޮށްފިނަމަ ތަޤްވާވެރިވާނެއެވެ. އެމީހެއްގެ އަޚްލާޤްވެސް ރަނގަޅުވާނެއެވެ. ހަރުދަނާވާނެއެވެ. ބައިވެރިޔާއަށް އަބަދު ފާރައަށް ހުންނާކަށްވެސް ނުޖެހޭނެއެވެ. ލިބޭމިންވަރަށް ފުއްދާނެތީ ފުދުންތެރި ދިރިއުޅުމެއްވެސް އުޅެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން