ތިމާ ކާނެއެއްޗެއް ނެތިވެސް ފަޤީރު މުސްކުޅިންނަށް ކާންދޭ އަންހެނަކަށް ތަނަވަސްކަމާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ތިމާ ކާނެއެއްޗެއް ނެތިވެސް ފަޤީރު މުސްކުޅިންނަށް ކާންދޭ އަންހެނަކަށް ތަނަވަސްކަމާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޞަދަޤާތްކުރަންވީ އަތުގައި ހުރި އެންމެ ރަނގަޅު ތަކެއްޗެވެ. ނަމަވެސް ގިނަ މީހުން ފަޤީރަކަށް ކާނެ އެތިކޮޅެއް ދިނަސް ދެނީ ނުކެވި ބާކީވެފައި ހުންނަ ތަކެއްޗެވެ. މިވާހައިގައިވާ ގޮތަކީ އެކުއްޖާއަށް ލިބޭ ރަނގަޅު ކާއެތިކޮޅު ފަޤީރު މުސްކުޅިންނަށް ދީފައި އެކުއްޖާ ކައިއުޅެނީ ގޮނޑުހޮވައިގެންނެވެ. އެކަމަށް ދުނިޔޭގައިވެސް އޭނާއަށް ލިބުނު ބޮޑު ނިޢުމަތް ވާހަކައިން ވިދާޅުވެލައްވާށެވެ. 

އެއްދުވަހަކު ބޭކަރީއަކަށް ވަން އަންހެން ކުއްޖެކެވެ. ލައިގެންހުރީ ވީދިފައި އޮތް ހެދުމެކެވެ. ހުރީ ކިލާ ޙާލުގައެވެ. ކުޑަ ޕާނެއް ނަގައިގެންގޮސް އަގުދައްކަން ބެލިއިރު އަގު ހމަކުރެވުނީ އަތުގައިހުރި ހުރިހާ ވަކިލާރިކޮޅުދީގެންނެވެ. 

އޭނާ ނުކުތުމުން އެތަނުގައި ތިބި ގިނަ ބައަކު އޭނާއަށް ވަރަށް ފުރައްސާރަކުރިއެވެ. ނަމަވެސް އެތަނުގައި ހުރި މެދު އުމުރުގެ އަންހެނަކު އެކުއްޖާގެ ފަހަތުން ފާރަލަމުން ދިއައެވެ. އެކުއްޖާ އެޕާން ހިފައިގެން ގޮސް ދިނީ މަގުމަތީގައި ސަލާންޖަހަން އިން މުސްކުޅި އަންހެނަކަށެވެ. ދީފައި އޭނާ ގޮސް ފެށީ ކުނިޓައްޕުހާވާށެވެ. އޭނާ ކާނެ އެއްޗެއް ލިބޭތޯއެވެ.

އަންހެން މީހާ ގޮސް ސުވާލުކުރިއެވެ. "ކަލޭ ގަތް ޕާން މީހަކަށް ދިފައި ދެން ތިއަ ޓައްޕު ހާވަނީ ކީއްކުރަންހެއްޔެވެ؟" އޭނާ ބުންޏެވެ. "ޓައްޕުން ނަގާ ކުނިތަކެތި މުސްކުޅިއަކު ކައިފިނަމަ ބަލިޖެހުން ފަސޭހަވާނެއެވެ. އަހަރެން ޒުވާންވީމާ ދިފާޢީ ބާރުގަދަވާނެއެވެ. ވީމާ ޙާލުގައި ޖެހިފައިހުރި މީހަކަށް ޕާން ދިނީއެވެ. މިއިން ކާނެ އެއްޗެއް ލިބުނަސް އަހަރެންނަށް ފުދޭނެއެވެ." 

އަންހެން މީހާއަށް ވަރަށް އަސަރުކުރިއެވެ. ހިތަށް އެރިއެވެ. "ތަނަވަސްކަން ލިބިގެންތިބޭއިރު މިފަދަ ވިސްނުމެއް އަހަރެމެންގެ ކިބައިގައި ނުހުންނަނީ ކީއްވެގެންބާވައެވެ. މިކުއްޖާ ވާނީ ގެއަށް ގެންދާށެވެ." 

އެހެންވެ ގެއަށް ގެންގޮސް ފެންވަރުވައި ރީތި ހެދުން ލައްވާފައި ރަނގަޅަށް ކާންދީފައި ސުވާލުކުރިއެވެ. ކަލޭފަދަ އިންސާނުންނަށް ރަޙުމްހުރި ކުއްޖަކަށް ތިއަފަދަ ނިކަމެތިކަމެއް ލިބުނީ ކީއްވެގެން ހެއްޔެވެ؟" 

ކުއްޖާ ކިޔައިދިނެވެ. "އަހަރެން ކައިވެނިކުރީ މައިންބަފައިންނާއި ދެކޮޅަށެވެ. ފިރިމީހާވީ ވަރަށް ބޮޑު އަނިޔާވެރިއަކަށެވެ. ކޮންމެ ރެއަކު ބާތަކަށްދެއެވެ. އަންނައިރު ހުންނަނީ ހަމަހެއަކު ނޫނެވެ. ތަޅާ އަނިޔާކުރަމުން ދުވަސްކޮޅަކު ގެންގުޅެފައި ވަރިކޮށް ގެއިން ނެރެލީއެވެ. މައިންބަފައިންގެ ނުރުހުމުގައި ކައިވެނިކުރީމާ މިފަދަ ބޮޑު ދެރައެއް ލިބުމުން އެނބުރި އެމީހުންގެ ގާތަށް އުނދަގޫކުރަން ދާން ބޭނުން ނުވީއެވެ." 

އަންހެންމީހާ ބުންޏެވެ. "އެހެންވީމާ މިގޭގައި އަހަރެންގެ ގާތުގައި އިންނާށެވެ! އަހަރެންގެ ފިރިމީހާވީ މަރުވެފައެވެ. ދަރިއަކު ނެތެވެ. އަހަރެންގެ ދަރިއެއްގެ ގޮތުގައި އިންނާށެވެ. ހުރިހާ ކަމެއްވެސް ކޮށްދޭނަމެވެ. އިންނާނެ މީހަކުވެސް ހޯދައިދޭނަމެވެ. ކައިވެނިކޮށްގެންވެސް މިގޭގައި އުޅޭށެވެ." 

އެއަންހެން މީހާ އޭނާއަށް ހެޔޮލަފާ ފިރިއަކުވެސް ހޯދައިދިނެވެ. އެއަންހެން ކުއްޖާގެ ރަނގަޅުކަން ޔަޤީންވުމުން އަންހެން މީހާ މަރުވުމުން ގެއާއި ތަނަވަސްކަން އޭނާއަށް ލިބޭނެ ގޮތަށް ހިބައިންދިނެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ވިސްނައިލާށެވެ! މިހިރަ ފެންނަނީ ކިތަންމެ ނިކަމެތިހާލުގައި ހުރެވެސް، ތިމާ ނުކައި ހުރެވެސް، އަމިއްލަ ފުރާނައިން ރިސްކްނަގައިގެންވެސް ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރިވުމުގެ ފައިދާއެވެ. މިއީ ﷲ މިދުނިޔޭގައި ދެއްވެވި މިންވަރެވެ. ޤިޔާމަތް ދުވަހުން ﷲ  ދެއްވަވާނެ މިންވަރު ވަޒަންކުރަން އެނގޭނީވެސް ކިހިނަކުންހެއްޔެވެ؟ 

މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ތަސްލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން